ތައިލެންޑުގައި ވިހައެއް ދީގެން 12 ރަހުމަތްތެރިން މަރާލި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ތައިލެންޑްގައި 12 ރަޙުމަތްތެރިން ވިހައެއް ދީގެން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސަރަރަތު ރަންގްސިވުތަޕޯން ނަމަކަށް ކިޔާ އަންހެނެކެެވެ. ސައިނައިޑް ނަމަކަށް ކިޔާ ވިހައެއް ދީގެން ރަހުމަތްތެރިން މަރާލި މައްސަލައިގައި އެ އަންހެންމީހާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ އަންހެންމީހާގެ މައްޗަށް އެ ތުހުމަތުކުރެވުނީ މިމަހު ކުރީކޮޅު އޭނާ އާއެކު ދަތުރަކު ދިޔަ ރައްޓެއްސަކު މަރުވުމާއި ގުޅިގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ތައިލެންޑް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ކުރީގެ ލޯބިވެރިޔާ ހިމެނޭ ގޮތަށް 11 މީހަކު، ސަރަރަތު ކުރިން މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އަދި އެމީހުން މަރާލާފައިވަނީ މާލީ މައްސަލަތަކާއި ގުޅިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ސަރަރަތު އެ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފައިވާއިރު ކޯޓުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައެެވެ.

ބޭރުގެ މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުން މީގެ ދެހަފްތާ ކުރިން ސަރަރަތު އޭނާގެ އެހެން އެކުވެރިޔަކާއެކު ބެންކޮކްގެ ހުޅަނގުގައި އޮންނަ ރަތްޗަބުރީ ޕްރޮވިންސަށް ގޮސްފައިވާއިރު އެތަނުގައި އޮތް ބުޑިސްޓު ދީނުގެ ހަރަކާތެއްގައި އުޅެމުން ދަނިކޮށް އޭނާގެ އެކުވެރިޔާ ސިރިޕޯން ހާންވޮންގް ކޯރުގެ އައްސޭރިއަށް ވެއްޓި ވަނީ މަރުވެފައެވެ.

ތައިލެންޑް ފުލުހުން ބުނިގޮތުގައި މަރުވި މީހާގެ ހަށިގަނޑުން ސައިނައިޑްގެ ނިޝާންތައް ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނުއިރު ފޯނާއި ވޮލެޓް ގެއްލިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މަރުވި އަންހެންމީހާގެ އެކުވެރިންގެ ހަށިގަނޑުން ވެސް ސައިނައިޑްގެ އަސަރު ފެނިފައިވާ ކަމަށާއި އެމީހުންގެ އަތުންވެސް ފައިސާ ފަދަ ތަކެތި ގެއްލިފައިވާ ކަމަށް ތައިލެންޑްގެ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސަރާރަތުގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން އަންހެން ދެ ފުލުހަކު ވެސް ހިމެނޭއިރު މިމައްސަލައިގައި ސަރާރަތުގެ އެންމެ ފަހުގެ ލޯބިވެރިޔާ އާއި ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިން މަރާލައިފާ ރަހުމަތްތެރިންގެ ހަށިގަނޑު އަންދާލާފައިވާތީ މިމައްސަލައިގައި އިތުރު ހެކި ހޯދަން އުދަގޫވާނެ ކަމަށް ތައިލެންޑް ފުލުހުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން