މުސްލިމުންގެ ޤިބްލަ، މައްކާގެ ގެފުޅު: ޤިބްލަ ގެފުޅައާވީ ފަރާތަށް ބަދަލުވެގެންދިޔައީ މެންދުރު ނަމާދެއްގައި
މުސްލިމުންގެ ޤިބްލަ، މައްކާގެ ގެފުޅު: ޤިބްލަ ގެފުޅައާވީ ފަރާތަށް ބަދަލުވެގެންދިޔައީ މެންދުރު ނަމާދެއްގައި
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް މަދީނާއަށް ހިޖުރަކުރެއްވި އިރުގައި އިސްލާމްދީނުގައި ނަމާދުކުރުން އޮންނަނީ ބައިތުލް މަޤްދިސްއާވީފަރާތަށް ކުރިމަތިލައުގެންނެވެ. ނަމަވެސް ލޮބުވެތި ރަސޫލާ އަބަދުވެސް އުއްމީދު ކުރައްވަނީ ކައުބަތު ﷲ ގެފުޅަކީ ޤިބްލަކަމުގައި ވުމަށެވެ. އެއީ އެކަލޭގެފާނު މައްކާދެކެ އިންތިހާއަށް ލޯބިފުޅުވާތީއެވެ. އަދި ކައުބަތު ﷲ އަކީ ނަބީބޭކަލުންގެ ބައްޕާފުޅު އިބްރާހީމްގެފާނަށާއި ކީރިތި ރަސޫލާގެ ކާފާފުޅު (ނަސަބުގެގޮތުން) އިސްމާޢީލްގެފާނު ބިނާކުރެއްވި ތަންކަމުގައިވާތީ އެވެ.

ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް މަދީނާއަށް ވަޑައިގަތުމަށްފަހު 17 މަސްދުވަސް ވަންދެންވެސް އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ނަމާދު ކުރެެއްވުމުގައި ކުރިމަތިލައްވާފައިވަނީ ބައިތުލް މަޤްދިސްއާވީ ފަރާތަށެވެ.

އެއަށްފަހު، އެންމެހައި މުސްލިމުންގެ ޤިބްލަ ބަދަލުކުރެއްވުމަށް އެއްކައުވަންތަ މާތް ﷲ ސޫރަތުލް ބަޤަރާގެ 144 ވަނަ އާޔަތް ޥަހީ އިއްވެވިއެވެ.

قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَاۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعْمَلُونَ

މާނައީ،"އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: قبلة އާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެންގެވި حق ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ عمل ތަކާމެދު، غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ."

އެއްފަހަރެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް، ބަނޫސަލަމާގެ ޤަބީލާގެމީހުން ދިރިއުޅޭ އަަވަށަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެއަވަށުގެ ގެކޮޅަކަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އުއްމު ބަޝީރު ކިޔާ އަންހެންބޭކަނބަލެއްގެ ގެކޮޅަށެވެ. އިތުރު އެކަލޭގެފާނު އެގެކޮޅުން މެންދުރުގެ ފަރީއްކުޅުއްވިއެވެ. ނަމަވެސް މެންދުރު ފަރީއްކުޅުއްވުމުގެ ކުރީން މެންދުރު ވަގުތުވުމުން އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާއެކު ނަމާދުކުރައްވަން އެއަވަށުގައި ހުރި މިސްކިތަށް ވަޑައިގެންނެވިއެވެ.

މަސްޖިދުލް އަޤްޞާއަށް ކުރިމަތި ލައްވައިގެން ނަމާދުގެ ދެރަކްޢަތް ކުރެއްވުނުތަނާ ޤިބްލަ ބަދަލުކުރެއްވުމަށް ޢާލަމްތަކުގެވެރި މާތް ﷲ ގެވަޙީގެ އަމުރުފުޅު އަތުވެއްޖެއެވެ. ހަމަ ވަގުތުން އިތުރު ރަސޫލާ، ޞައްލަ ﷲ ޢަލައިހި ވަސައްލިމް ގެފުޅާވީފަރާތަށް އެނބުރި ވަޑައިގަތެވެ. އަޞްޙާބު ބޭކަލުންވެސް އެނބުރި ވަޑައިގަތެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ހުންނަވައިގެން އެއްނަމާދެއް ދެޤިބްލައަށް ކުރެއްވުނީ މިމިސްކިތުގައި ކަމަށް ޢިލްމުވެރީންތެރެއިން މުޙައްޤިޤުން ވިދާޅުވެއެވެ. އެހެންކަމުން މިމިސްކިތަށް "ދެޤިބްލަ މިސްކިތް" ގެ ނަމުން ނަންދެވުނެވެ.

އެދުވަހުގެ ޢަޞްރުނަމާދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމްއާއި އެކަލޭގެފާނުގެ ލޮބުވެތި އަޞްޙާބު ބޭކަލުން ކުރެއްވީ މަސްޖިދުއްނަބަވީ ގައެވެ. ގެފުޅާވީ ފަރާތަށް ކުރިމަތި ލައްވައިގެންނެވެ. ހަމައެދުވަހު ބަނޫޙާރިސްގެ މީހުންވެސް ޢަޞްރު ނަމާދު ކުރަންތިއްބާ އެޚަބަރު ލިބިގެން ގެފުޅާދިމާއަށް ޤިބްލަ ބަދަލުކުރި ކަމުގައިވެއެވެ. ހަމަމިގޮތަށް ގުބާ މީހުންނަށް ޖެހިގެންއައިދުވަހުގެ ފަތިސްނަމާދުގައި އެ ޚަބަރުލިބިގެން އެބައިމީހުންމިވެސް ޤިބްލަ ބަދަލުކުރިކަމަށް ރިވާތަކުން ހާމަވެއެވެ. (ފަތުޚުލްބާރީ، ތަފްސީރުޤުރްޠުބީ)

އިރުޝާދު:



1. ޤިބްލަ ބަދަލުވީ އެއްދުވަހެއްގެ މެންދުރުނަމާދުގެ ވަގުތެއްގައެވެ. ބަނީ ސަލަމަތުގެ އަވަށުގައި ހުރި މިސްކިތުގައިއެވެ.

2. ޤިބްލަ ބަދަލުވުމަށްފަހު ގެފުޅާވީ ފަރާތަށް ކުރެވުނު އެންމެ ފުރަތަމަ ނަމާދަކީ ޢަޞްރުނަމާދެވެ. މިނަމާދު ކުރެވުނީ މަސްޖިދުއްނަބަވީގައިއެވެ.

3. ދެޤިބްލައަށް ތިބެ މުސްލިމުން 3 މިސްކިތެއްގައި ތިން ނަމާދު ކޮށްފައިވެއެވެ. އެއީ ދެޤިބްލަ މިސްކިތުގައި ކުރެވުނު މެންދުރު ނަމާދާއި ބަނޫ ޙާރިސާގެ މިސްކިތުގައި ކުރެވުނު ޢަޞްރުނަމާދާއި ގުބާ މިސްކިތުގައި ކުރެވުނު ފަތިސްނަމާދެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން