ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނަމް.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނަމް.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލްކޮށް، ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ހެލްތު އެމަރޖެންސީ ނިމުމަކަށް ގެނެސްފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ އެޖަމިއްޔާގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީން ބުރާސްފަތި ދުވަހު ކޯވިޑް-19 އާ ގުޅޭ ގޮތުން ބޭއްވި 15 ވަނަ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. މިބައްދަލުވުމުގައި ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ޕީއެޗްއީއައިސީގެ އިއުލާން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ނިންމާފައިވެއެވެ.



ޑަބްލިއުއެޗްއޯގެ މިނިންމުން އިއުލާންކޮށްދެއްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނަމް ވިދާޅުވީ، ކޮވިޑް ކޭސްތައް ދަށަށް ދާތަން ރިކޯޑް ކުރެވޭތާ އަހަރަކަށްވުރެއް ގިނަ ދުވަސް ވެފައިވާކަމަށެވެ.

"މީގެ ސަބަބުން ގިނަ ގައުމުތަކަށް ކޯވިޑް-19 ގެ ކުރިން އޮތް ހާލަތަށް ދިއުމުގެ ފުރުސަތު ލިބިފައިވޭ،" ޓެޑްރޯސް ވިދާޅުވި އެވެ.

"އެގޮތުން އިއްޔެ ކުއްލި ހާލަތުގެ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، ލަފާ ދީފައިވަނީ ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އިއުލާން ކުރަން. އެ ލަފާ އަޅުގަނޑު ގަބޫލުކޮށްފިން."

ޑަބްލިއުއެޗްއޯއިން ކޮވިޑާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއަށްފަހު ކޮވިޑް-19 އަކީ ޕެންޑަމިކްއެއްގެ ގޮތުގައި ފެތުރެމުންދާ ބަލިމަޑުކަމެއްކަމަށް އެޖަމިއްޔާއިން ވަނީ ނިންމާފައެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 765 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި ގާތްގަނޑަކަށް 7 މިލިއަން މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޔޫރަޕްގައި ނަމަވެސް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ ސަރަހައްދުތަކުންކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިބަލި ފުރަތަމަ ރިޕޯޓުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު، ޗައިނާގެ ވޫހާން ސިޓީއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން