ހުޅުމާލޭގައި ހިންގާ ޚާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ ބަނގަލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ ޕާކިސްތާނުގެ އާބިދުގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނީ ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ދަޢުވާ ދަޢުލަތުން ވަނީ އުފުލާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 26 ޖޫން 2022 ގައެވެ. އެ އަޑުއެހުމުގައި އާބިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އެޙާދިސާ ހިނގާފައިވަނީ ނަފްސުގެ ދިފާޢުގައި ގެނައި ޙަރަކާތެއްގެ ތެރެއިން ކަމަށް އާބިދުވަނީ ބުނެފައެވެ. އެހެންކަމުން ޤަސްދުމަރުގެ ދަޢުވާއަށް އިންކާރު ކުރާކަމަށް އާބިދު ބުނެފައިވެއެވެ.

މިމައްސަލާގައި މިއަދު ހެނދުނަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ ދައުލަތާއި، ދިފާއުގެ އެދުމުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މިއަދުގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން އިއްވުމެވެ.

ބަނގަލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ އެމްޑީ ޝަމީމަށް ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 16 ވަނަދުވަހު ހަވީރު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.

ޢާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ 15 ޖޫން 2022 ގައެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދި ކުށުގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޝާހިން މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. އެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަނގަލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން