އަލްޤައިދާއިން ރަހީނުކުރި ޑރ. ކެނެތު.
އަލްޤައިދާއިން ރަހީނުކުރި ޑރ. ކެނެތު.
އަލްޤައިދާގެ ހަނގުރާމަވެރިންގެ އަތްދަށުގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ރަހީނުކޮށްފައިހުރި 88 އަހަރުގެ އޮސްޓްރޭލިއާގެ ޑޮކްޓަރަކު ދޫކޮށްލައިފިއެވެ.

އަލްޤައިދާއިން އޮސްޓްރޭލިއާގެ ޑޮކްޓަރ ކެނެތު އެލިއޮޓް ރަހީނުކޮށްގެން ގެންގުޅެފައިވަނީ ހުޅަނގު އެފްރިކާގައެވެ. އަލްޤައިދާއިން ޑރ. ކެނެތު ދޫކޮށްލައި، މިހާރު އޭނާ އާއިލާއާއެކު ހުރިކަމަށް އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޑރ. ކެނެތާއި އޭނާގެ އަންހެނުން އަލްޤައިދާއިން ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރު، މާލީ އަދި ބުރްކީނާ ފާސޯގެ ބޯޑަރު ކައިރިންނެވެެ. އަލްޤައިދާއިން އެމީހުން ރަހީނު ކުރުމުގެ ކުރިން ސާޅީހަކަށް އަހަރުވަންދެން އެސަރަހައްދުގައި އެދެމަފިރިން ކްލިނިކެއް ހިންގިކަމަށްވެއެވެ.



ޑޮކްޓަރާއި އޭނާގެ އަންހެނުން ރަހީނު ކުރުމަށްފަހު އަލްޤައިދާއިން ވަނީ އޭރު މިކަން ކަށަވަރުވެސްކޮށްދީފައެވެ.



ނަމަވެސް ތިންހަފްތާއެއްހާ ދުވަސްފަހުން، އާންމުންގެ ޕްރެޝަރާއި، ހަނގުރާމައިގައި އަންހެނުން ބައިވެރި ނުކުރުމަށް އެ ޖަމާއަތުގެ ލީޑަރުންގެ ފަރާތުން އިރުޝާދު ލިބުނު ކަމަށްބުނެ ޑޮކްޓަރ ކެނެތުގެ އަންހެނުން ވަނީ ދޫކޮށްލާފައެވެ.

ހަތް އަހަރަށްފަހު އަލްޤައިދާއިން ޑރ. ކެނެތު ދޫކޮށްލިކަން އޭނާގެ އާއިލާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އަލްޤައިދާއިން ޑރ. ކެނެތާއި އޭނާގެ އަންހެނުން ރަހީނުކުރުމުގެ ކުރިން ހިންގަމުން އައި ކްލިނިކްއަކީ 120 އެނދުގެ ކްލިނިކެކެވެ. އަދި ޑޮކްޓަރ ކެނެތަކީ އެކްލިނިކްގައި މަސައްކަތްކުރަމުންދިޔަ ހަމައެކަނި ސަރޖިކަލް ޑޮކްޓަރެވެ.

ޑރ. ކެނެތާއި އޭނާގެ އަންހެނުން ރަހީނުކުރުމާއެކު އެސަރަހައްދުގެ އާންމުން ވަނީ މީސްމީޑިއާ މެދުވެރިކޮށް އެދެމަފިރިން ދޫކޮށްލުމަށް އެދި ކެމްޕޭނެއްވެސް ކުރިއަށްގެންގޮސްފައެވެ.

މިފަދައިން އެފްރިކާގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުން މީހުން ރަހީނުކޮށް ފައިސާ ހޯދުމަކީ އެސަރަހައްދުގައި ގާއިމުވެފައިވާ އަލްޤައިދާ އަދި އެހެން ހަރުކަށި ޖަމާއަތްތަކުން އާންމުކޮށް ކުރާކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން