ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރެއްވުމެވެ. އެގޮތުން ގދ. ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މިއީ 26.27 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓިސީސީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން