ދޫރައްކާތެރި ކުރުމުގެ މުޙިއްމުކަން - 2
ދޫރައްކާތެރި ކުރުމުގެ މުޙިއްމުކަން - 2
(ކުރީގެ އަދަދާގުޅޭ)

ޣީބަ ބުނުމާއި ބެހޭ ގޮތުން ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ބަސްތައް:

1 - އެއްދުވަހަކު ޢަމްރު ބިން އަލް ޢާޞް އެކަލޭގެފާނުގެ އަޞްޙާާބުންނާއި އެކު ވަޑައިގަންނަވަނި ކޮށް މަރުވެ ފުފިފައިވާ ބަޣްލެއް، ދިވެހިބަހުން ކިޔާގޮތުން ނަމަ "އޮށް" (ޙިމާރާއި އަހުގެ ދަރި) ފެނިވަޑައިގަތެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ތިޔަބައިމީހުންގެ އަޚެއްގެމަސްކެއުމަށްވުރެ މިޖަނަވާރުގެ މުޅަމަސްގަނޑު ކެއުންވެސް މާރަނގަޅެވެ.

2 - ސުފްޔާން ބިން ޢުޔައިނާވިދާޅުވިއެވެ. "ޣީބަބުނުމަކީ ދަރަންޔަކަށްވުރެ ބޮޑުކަމެކެވެ. ދަރަނި އަދާކުރެވެއެވެ. އެހެން ނަމަވެސް ޣީބަބުނުމުން އެއަދާކުރެވޭނެ ގޮތެއް ނޯވެއެވެ".

3 - ސުފްޔާނުއް ޘައުރީވިދާޅުވިއެވެ. "ނަމަ ނަމަ ޣީބަ ބުނުމާ ކައިރި ނުވާށެވެ. ނަމަ ނަމަ މީސްމީހުންގެ އަބުރަށް އަރައި ނުގަންނާށެވެ. އޭގެ ސަބަބުން ތިބާގެ ދީން ހަލާކުވެގެން ހިނގައިދާނެއެވެ".

4 - އަބޫޢާޞިމުއްނަބީލް ވިދާޅުވިއެވެ. "އެމީހެއްގެ ކިބައިގައި ދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް އަޘަރެއް ހުރިމީހަކު މީސްތަކުން ނުރުހޭ ވާހަކަ އެއް ނުދައްކާނެއެވެ".

5 - އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީ ނެތްތަނުގައި މީހަކު އެކަލޭގެފާނަށް އެއްޗެތިކިޔެވެ. އެޚަބަރު އެކަލޭގެފާނަށް ލިބުމާއި އެކު އެންމެ އަގުބޮޑު ވައްތަރުގެ ކަދުރު ޓުކުރިއެއް އެމީހަކަށް ވެދުމަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށް މި އަގުބޮޑު ހަދިޔާ މިދީނީ ތިބާ އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައެވެ. އެމީހަކު ދެންނެވިއެވެ. އެއީ ކޮންކަމެއްތޯއެވެ. ވިދާޅުވިއެވެ. ތިމަންނާ ނެތްތަނުގައި ތިމަންނާގެ ނުބައިވާހަކަ ދެއްކުމެވެ. އޭގެ ސަބަބުން ތިިބާގެ ހެޔޮކަންތައްތަކުން ބަޔެއް އަޅުގަޑަށް ލިބޭނެއެވެ. ތިވަރުގެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެތޯއެވެ".

ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް:

1. ތަގްވާވެރިކަމާއި އީމާންކަން ބަލިކަށިވުން. މިކަމުގެ ސަބަބުން މީސްތަކުންގެ އަބުރަށް އަރައިގަނެ، ނެތިނުބައިކޔެން މެދުވެރިވެއެެވެ.

އަލްފަޟްލު ބިން ޢިޔާޟް ވިދާޅުވިއެވެ. ތަގްވާގެ އެންމެ ވަރުގަދަބައި ވަނީ ދުލުގައެވެ. އަލްފަގީހް އައްސަމަރްގަންދީ ވިދާޅުވިއެވެ. "ޚާލިޞް ތަގްވާއަކީ ޙަރާމް ތަންތަނަށް ބެލުމުން ލޯތިރި ކުރުމާއި، ޣީބަބުނުމާއި ދޮގުހެދުމުން ދޫރައްކާތެރިކުރުމާއި، ހުރިހާ ގުނަވަންތަކެއް ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިކުރުވުމެވެ".

2. ނުބައިރަޙްމަތްތެރިންނާއެކު ބޭކާރުވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރުން. (وَكُنَّا نَخُوضُ مَعَ الْخَائِضِينَ) المدثر: ٤٥ މާނައަކީ: "ތިމަންމެން ދޮގުވެރިންނާއިއެކު، ބާޠިލް ދޮގު ވާހަކަ ދެއްކީމެވެ".

މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "ބޭކާރުވާހަކަ ދައްކާ ކޮންމެ މީހަކާއި އެކު ތިމަންމެން ބައިވެރިވެ، ބާޠިލް ވާހަކަ ދައްކައި އުޅުނީމެވެ".

އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ. (فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ. الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ) الطور: ١١ – ١٢ މާނައަކީ: "ދޮގުކުރި މީހުންނަށް އެދުވަހުން ގަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެމީހުންނަކީ ބާޠިލް ވާހަކަތަކުގެ ތެރޭގައި ދުނިޔެއާއި މަޝްޣޫލުވެ، ކުޅެކުޅެތިބި މީހުންނެވެ".

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ. "އެމީހުންނަކީ ބާޠިލް ވާހަކަ ދެއްކުމުގައި ދުނިޔޭގެ ވަގުތުތައް ހޭދަކުރި މީހުންނެވެ".

3. އަނެއް މުސްލިމް އަޚާއާއި މެދުގައި ޙަސަދަވެރިވުން، ނަފްރަތު ކުރުން.

އިބްނުތައިމިއްޔާ ވިދާޅުވިއެވެ. "މީސްތަކުންގެ ތެރޭގައިބަޔަކުވެ އެވެ. އެމީހުން ބަޔަކުމީހުންނާއި މެދުގައި އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން ޣީބަ ބުނުމަށް މެދުވެރިވެއެވެ. އެފަދަ މީހުން މީހެއްގެ ވާހަކަ ދެއްކިނަމަވެސް އެމީހެއްގެ އެއްވެސް ރަގަޅުވާހަކަ އެއް ނުދައްކާނެއެވެ".

4. ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުން.

އަލް ފުޟައިލް ބިން ޢިޔާޟް ވިދާޅުވިއެވެ. "ރިޔާސަތު އެދިއްޖެމީހަކު އެހެންމީހުންނާއި މެދު ޙަސަދަވެރިވެ، ނެތިނުބައި ކިޔަންފަށާނެއެވެ. އަދި މީސްތަކުންގެ ޢައިބު ޞިފަ ހޯދަން މަސައްކަތް ފަށާނެއެވެ. އަދި އެއްވެސް މީހަކާއި މެދު ހެޔޮ ބަހެއް ނުބުނާނެއެވެ".

ޣީބަބުނުމުން ސަލާމަތްވާނީ ކިހިނެއް؟

1. ﷲ އަށް ތަގްވާވެރިވުން އަދި ﷲ އަށް ލަދުވެތިވުން.

މިކަން ޙާޞިލް ކުރެވޭނީ ގިނަގިނައިން ގުރްއާން ކިޔަވާ އަދި އެއަޑުއަހާ ހެދުމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ކިބައިން ޣީބަބުނުމުގެ ނުބައިކަމާއި މެދު ވާރިދުވެފައިވާ ޙަދީޘްތައް މުދާރަސާކޮށް، އެންމެހައި ކުށްފާފަ ތަކުން ދުރުހެލިވުން. ﷲ ވަޙީ ކުރެއްވިއެވެ.

(أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ) الزخرف: ٨٠ މާނައަކީ: "ނުވަތަ އެބައިމީހުން ހީކުރަނީ އެމީހުން ކުރާ ސައްލާތަކާއި ސިއްރުން ރާވާރޭވުންތަކުގެ އަޑު ތިމަން ﷲ އައްސަވާ ވޮޑިގެން ނުވާ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެމީހުންގެ ގާތަށް ތިމަން ﷲ ލައްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވައެވެ".

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (استحيوا من الله عز وجل حق الحياء، قلنا: يا رسول الله، إنا نستحيي والحمد لله، قال: ليس ذلك، ولكن من استحيى من الله حق الحياء فليحفظ الرأس وما حوى، وليحفظ البطن وما وعى).

މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވާށެވެ. ޞަޙާބީން ދެންނެވިއެވެ. ތިމަންމެން ﷲ އަށް ލަދުވެތިވަމެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބުނާ ކަންތަކެއް ނޫނެވެ. އެހެންނަމަވެސް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވެއްޖެމީހާ އޭނާގެ ބޮލާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ. އަދި ބަނޑާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ".

2. ޣީބަބުނުމުގެ ސަބަބުން ތިމާގެ ހެޔޮކަންތަކުން އުނިވެގެންދާ މިންވަރު ހަނދުމަ ކުރާށެވެ. އަދި އޭނާ ޣީބަ ބުނީ މީހާއަށް އަމިއްލަ ހެޔޮކަންތައް ހަދިޔާ ކުރެވެނީ ކަމާއިމެދު ވިސްނާ ފިކުރު ކުރާށެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ތިމަންކަލޭފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ އޭނާގެ އަތުގައި ދިރްހަމެއް ވަންނާނެ ތަނެއް ނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ގިޔާމަތްދުވަހުން ނަމާދާއި ޒަކާތާއި ރޯދަ ހިފައިގެން މާތް ﷲ ގެ ޙަޟްރަތަށް އަންނަހިނދު، މީހަކާއި ދިމާލަށް އެއްޗެތިކިޔާ، އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ. އޭނަގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާލިބުނުމީހާގެ ނުބައިކަންތަކުން ނަގައި އަނިޔާވެރިވިމީހާ އަށް ބަދަލު ކުރެވޭނެއެވެ. އެޔަށްފަހު އޭނާ ނަރަކަ އަށް އެއްލައިލެވޭނެއެވެ".

3. ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތަކާއި މެދުގައި ވިސްނާފިކުރުކޮށް، އެހެންމީހުންގެ ޢައިބު ހޯދަން މަސައްކަތް ނުކުރުން

މިފަދަކަންތަކަށް އަރައިގަނެވެނީ ނަމަ، މާތް ﷲ ތިމާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެހެންމީހުންގެ ހުންނަ ޢައިބު ޞިފަތައް ތިމާގެ ކިބައިގައި ލައްވަފާނެކަން ހަނދުމަކުރުން.

4. ޞާލިޙް ރަގަޅު އެކުވެރިންނާއި އެކުގައި އުޅުން، އަދި ނުބައި އެކުވެރިންނާއި އެކުގައި އުޅުން ދޫކޮށްލުން.

5. ސަލަފުއްޞާލިޙުންގެ ސީރަތު ދިރާސާކުރުން. އެބޭކަލުން ހަވާނަފްސާ ދެކޮޅަށް ހަނގުރާމަ ކުރެއްވިގޮތް ދަސްކުރުން.

އަބޫޢާޞިމުއް ނަބީލް ވިދާޅުވިއެވެ. "ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އެނގުނު ދުވަހުން ފެށިގެން ދުވަހަކުވެސް ތިމަންކަލޭގެފާނު ޣީބައެއް ނުބުނަމެވެ".

6. ތިމާއަށް ޣީބައެއް ބުނެވިއްޖެނަމަ އަމިއްލަ ނަފްސަށް އަދަބުދިނުން.

އިބްނުވަހުބް ކަންތައް ކުރެއްވިގޮތްކަމަށް ރިވާވެގެންވެއެވެ. އެކަލޭގެފާނަށް މީހެއްގެ ޣީބަ ބުނެވިއްޖެ ކޮންމެ ހިނދެއްގައި އަނެއްދުވަހު ރޯދަހިއްޕަވައެވެ. މިގޮތަށް ގޮސް އެކަލޭގެފާނަށް އުނދަގޫވާ ވަރުވުމުން ޣީބަބުނުން އެއްކޮށް ހުއްޓަވާލެއްވިއެވެ. އަދި ޣީބަބުނެވޭ ކޮންމެ ހިނދެއްގައި ދިރްހަމެއްގެ މިންވަރުން ޞަދަގާތް ކުރެއްވުމަށް އެކަލޭގެފާނު ޢަޒުމް ކަނޑައެޅުއްވިއެވެ. ދެން ދިރްހަމްދެކެވާ ލޯތްބެއްގެ ސަބަބުން ޣީބަ ބުނުމާ ދުރުހެލިވެލައްވަން ޖެހިވަޑައިގަތެވެ.

ޣީބަބުނުމުގެ ޖަޒާ:

1. ދުނިޔެމަތީގައި އޭނާ ފަޟީޙަތް ކުރެއްވުން:

ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމު އެއްދުވަހެއްގައި މިންބަރަށް އަރައިވަޑައިގެން އަޑުހަރުކޮށް ގޮވާލެއްވިއެވެ. "އެބައިމީހުންގެ ދޫތަކުން އީމާންވެ، ހިތްތަކަށް އީމާންކަން ނުވަންނަ މީހުންނޭވެ. ތިޔަބައިމީހުން މުސްލިމުންނަށް ގޯނާ ނުކުރާށެވެ. އަދި އެބައިމީހުންނަށް މަލާމާތް ނުކުރާށެވެ. އަދި އެބައިމީހުންގެ ޢައުރަތައް (ޢައިބުތައް) ހޯދަން ނޫޅޭށެވެ. މުސްލިމުންގެ ޢައިބު ހޯދަން އުޅޭ މީހެއްގެ ޢައިބު މާތް ﷲ ފާޅުކުރައްވާނެތެވެ. އެމީހަކު ގޭ ތެރޭގައި ފިލާއޮތްނަމަވެސް މާތް ﷲ އޭނާގެ ޢައިބު ފާޅުކުރައްވައި ފަޟީހަތް ކުރައްވަފާނެއެވެ.

2. ކައްވަޅުގައި ޢަޛާބު ލިބުން: އަބީބަކްރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމު ދެގަބުރެއްގެ ކައިރިން ހުރަސްކުރައްވާ ޙަދީޘް ކުރެއްވިއެވެ. "މިދެގަބުރަށް އެބަ ޢަޛާބު ލިބެއެވެ. އެހެންނަމަވެސް މާކަށް ބޮޑު ކަމަކު އެއް ނޫނެވެ. އޭގެތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ސާފުނުވާމީހެކެވެ. އަނެކަކީ ޣީބަބުނުމުގެ ސަބަބުން ޢަޛާބު ލިބެމުންދާ މީހެކެވެ".

އަލްޚައްޠާބީ ވިދާޅުވިއެވެ. "މިޙަދީޘް ގައި އެމީހުންނަށް ޢަޛާބުލިބެނީ މާބޮޑު ކަމަކު އެއް ނޫނޭ ޙަދީޘް ކުރެއްވުމުގެ މާނައަކީ އެމީހުންނަށް އެކަމެއްެގެ ސަބަބުން ޢަޛާބުލިބެމުން އެދާ ކަމަކީ ދުރުހެލިވާން ބޭނުންވެއްޖެނަމަ، ދުރުހެލިވާކަށް އެހާ އުނދަގޫ ކަމެއް ނޫނެވެ".

3. ނަރަކައިގައި ޢަޛާބު ލިބުން:

ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމު ޙަދީޘް ކުރެްވިއެވެ. ތިމަންކަލޭގެފާނައިގެން މިޢުރާޖަށް އަރައިގަޑައިގެންނެވުނު ރޭގައި މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން ގެ ނިޔަފަތިތަކުން މޫނުގައި ވަކިއަޅާތަން ދެކިލިެެއްވީމެވެ. އެެއިީ ކޮންބަޔެއްތޯ ސުވާލުދެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އެބަިމީހުންނަކީ ޣީބަބުން މީސްތަކުންގެ އަބުރަށް އަރައިގަންނަމުން ދިޔަ މީހުންނެވެ.

4. އެހެންމީހުން ރައްކާތެރިކުރުމަށް އެމީހެއްގެ ވާހަކަ ދެއްކުން:

ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުމަކީ އެހެންމީހުން އެނުބައިމީހުންގެ ކިބައިން ރައްކާތެރިވެވޭނެ ގޮތެވެ.

5. މީހެއްގެ އަިއިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިސާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން.

-ނިމުނީ

***********

މިލިޔުމަކީ 08 އެޕްރިލް 2010 ގައި ދިއިސްލާމް.ކޮމް ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން