އެކަށީގެން ނުވާގޮތަށް އަމަލުތައް ބެހެއްޓުމުންކަމަށްބުނެ، ސަރުކާރުގެ މަގާމެއް ފުރަމުންދާ ޖަޕާނުގެ ބޮޑުވަޒީރުގެ ދަރިފުޅު މަގާމުން ވަކިކުރަން ނިންމައިފިއެވެ.

މަގާމުން ވަކިކުރަން ނިންމި އިރު، ޖަޕާނުގެ ބޮޑުވަޒީރު ފޫމިއޯ ކިޝިދާގެ ފިރިހެން ދަރިފުޅު ޝޮޓާރޯ ކިޝިދާ ފުރުއްވަމުން ގެންދަވަނީ ބޮޑުވަޒީރުގެ ޕޮލިޓިކަލް ސެކްރެޓަރީގެ މަގާމެވެ.

ޝޮޓާރޯ މަގާމުން ވަކިކުރުމުގެ ކުރިން ރަސްމީ ގެކޮޅުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާތަން ސިފަވާހެން ޝޮޓާރޯ އާއި އޭނާގެ ގާތްތިމާގެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ލީކުވެ، އެކަމާމެދު ގިނަބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. މިފޮޓޯތައް އާންމުކޮށްފައިވަނީ ޖަޕާނުގައި ނެރޭ ވީީކްލީ މެގަޒިނަކުންނެވެ.

މިމައްސަލަ ހޫނުވެފައިވަނިކޮށް ޝޮޓާރޯ މަގާމުން ވަކިކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްދިނީވެސް ބޮޑުވަޒީރު ކިޝިދާއެވެ.

"ސިޔާސީ އެހީތެރިއެއްގެ ގޮތުގައި ރަސްމީ މަގާމެއްގައި ހުރެމެ، އާންމު ތަނެއްގައި އޭނާގެ އަމަލުތައް ހުރީ އެކަށީގެންވާގޮތަކަށް ނުން. މިކަމަށް ޖަވާބުދާރީވުމުގެ ގޮތުން އޭނާ މަގާމުން ވަކިކޮށް އެހެން މީހަކު އެމަގާމަށް އައްޔަނު ކުރަން ނިންމާފައި މިވަނީ،" ކިޝިދާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ވަނީ މިފަދަ މައްސަލައެއް ކުރިމަތިވީ، ބޮޑުވަޒީރުގެ ޕޮލިޓިކަލް ސެކްރެޓަރީގެ މަގާމަށް ފުރަތަމަވެސް އެކަށީގެން ނުވާ މީހަކު އައްޔަނު ކުރުމުންކަމަށް ބުނެ ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން