އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 ޖޫން 2023 - 12:1
މާތްވެގެންވާ އިސްލާމް ދީނުގައި ޢިލްމު އުނގެނުމަށް ދެއްވާފައި ވަނީ ވަރަށްވެސް ބޮޑު އަޙައްމިއްޔަތު ކަމެކެވެ. އެ ކަން އެންމެ ފުރަތަމަ ބާވާލެއްވި ވަޙީ ބަސްފުޅުގައި ވެއެވެ.  "إِقْرَأْ" ކިޔަވާށެވެ!  މި ފަދައިން ވަޙީކުރެއްވުމުން އުނގެނުމުގެ މާތްކަމާއި އޭގެ މުހިއްމުކަން ސާފުކޮށް ދޭހަވެއެވެ.

ދުނިޔެ އާއި އާޚިރަތުގައި ކާމިޔާބީ އާއި މޮޅު ގޮތްތައް ލިބެން އޮތީ ކިޔަވައިގެންކަން ކީރިތި ޤުރްއާނާއި މާތް ރަސޫލާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ގެ ސުންނަތުން އެނގެ އެވެ. ﷲ ތަޢާލާ ވަޙީކުރެއްވި އެވެ: قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لاَ يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الألْبَابِ  މާނައީ " ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ." ([1])

ﷲ އަށް އީމާންވީ މީހުންނާއި ޢިލްމުވެރިންގެ ދަރަޖަ އެ ނޫން މީހުންނަށް ވުރެ އެތައް ދަރަޖައެއް މަތިވެރި ކުރެއްވި ކަމަށް އެހެން އާޔަތެއްގައި ﷲ ވަޙީކުރެއްވި އެވެ. يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ([2])  ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން މާތް ﷲ  ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ހަމަ އެ ފަދައިން ޢިލްމު ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ﷲ ވަނީ ދަސްކޮށްދެއްވައިފަ އެވެ. ޠާހާ ސޫރަތުގައި މާތް އެކަލާނގެ ވަޙީކުރެއްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ! "

ޢިލްމުގެ މާތްކަން އަންގަވައި ދެއްވުމުގެ ގޮތުން معاوية ގެ އަރިހުން ދެ އިމާމުން ރިވާކުރެއްވި ޙަދީޘެއްގައި  رسول صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ. {مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ} ([4]).  ﷲ ތަޢާލާ އަޅަކާ މެދު ހެޔޮކަމަކަށް އިރާދަކުރައްވައިފި ނަމަ އެ މީހަކަށް ދީނުގެ ފިޤްހު ދެއްވައިފާ ހުއްޓެވެ.  އަބޫ ހުރައިރާ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވަނީ {إِذَا مَاتَ اْلإِنْسَانُ اِنْقَطَعَ عَمَلُهُ إِلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ}  އިންސާނާ މަރުވުމަށް ފަހު ތިން ކަމަކުން ފިޔަވައި އޭނާގެ ޢަމަލު ހުއްޓުނީ އެވެ. އެ ތިން ކަމަކީ ދެމިގެންދާ ޞަދަޤާތާއި މީސްތަކުންނަށް ފައިދާ ކުރަނިވި ޢިލްމަކާއި އޭނާއަށްޓަކާ ހެޔޮދުޢާކުރަނިވި ޞާލިޙު ދަރިއެކެވެ." ([5])" 

މި އާޔަތްތަކާއި ޙަދީޘްތަކުގެ މާނައަށް ވިސްނާލާއިރު  ޢިލްމާ ޢަމަލާ ގުޅުމެއްވާކަން އެނގެ އެވެ. އާދެ ޢިލްމު އުނގެނި އޭގެ ފައިދާ ކުރާނެ މަސައްކަތެއް ނުވަތަ ޢިލްމެއް ފަތުރާފައި ހުރުން މާނަ ކުރެވެނީ ހަމަ އެކަނި މީހާ ޢިލްމުވެރިވިޔަކަސް ނުފުދޭ ކަމެވެ.

ޢިލްމުވެރިން ލިޔުއްވާ ގޮތުގައި ޙަދީޘުގައި އެވާ صَدَقَةٍ جَارِيَةٍ އަކީ އޭގެ ފައިދާ ދެމިގެންދާ ގޮތަށް އޭނާ ވަޤްފުކޮށްފައިވާ މުދަލެވެ. މިސާލަކަށް ސްކޫލެއް އަޅައިދިނުން މިސްކިތެއް ބިނާ ކުރުން ގޮވާން ދަނޑެއް ވަޤްފު ކުރުން އަދި أَوْ عِلْمٍ يُنْتَفَعُ بِهِ ގެ މުރާދަކީ އޭނާ މީސްތަކުންނަށް އުނގަންނައިދީފައިވާ ޢިލްމާއި ފޮތްފޮތާއި އެ ނޫން ސިފަސިފައިގައި ދޫކޮށްފައިދާ ޢިލްމެވެ. އަދި أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ގެ މުރާދަކީ ހެޔޮގޮތުގައި ތަރުބިޔަތު ކޮށްފައިވާ ދަރިންނެވެ. ރަނގަޅަށް ބަޔަކު ތަރުބިޔަތު ކުރެވޭނީ ޢިލްމުވެރިވެގެންނެވެ. ތަންދޮރު އޮޅުންފިލައިގެންނެވެ. މި ތަނުގައި ފާހަގަކޮށްލަން ބޭނުން މުހިންމު އަނެއް ނުކުތާ އަކީ އިސްލާމް ދީނުގައި ޢިލްމޭ ބުނެވޭ ކޮންމެ ހިނދަކު މާނަ ކުރެވެނީ ހަމަ އެކަނި ދީނުގެ ޢިލްމު ނޫންކަމެވެ. އެހެނެއް ކަމަކު އެއަށް ވުރެ ފުޅާކޮށް ޢިލްމުގެ މާނަ ކުރަންޖެހޭ ކަމެވެ. އެހެނީ އިސްލާމް ދީނާ އެއްގޮތަށް ދުނިޔޭގައި އުޅެވޭނީ، ދުނިޔޭގައި ދިރިއުޅުމަށްޓަކާ މާއްދީ އަދި ޢިލްމީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ހުއްދަ ޢިލްމެއް އުނގެނިގެން ކަމުގައި ވާތީ އެވެ.

 

([1]) سورة الزمر، آية: 9.

([2]) سورة المجادلة، آية: 11.

([3]) سورة طه، آية: 114.

([4]) البخاري العلم (71) ، مسلم الإمارة (1037)

([5]) مسلم الوصية (1631) ، الترمذي الأحكام (1376) ، النسائي الوصايا (3651) ، أبو داود الوصايا ( 2880) ، أحمد (2/372) ، الدارمي المقدمة (559) . 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން