އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   3 ޖޫން 2023 - 13:40
މުސްލިމުންނާއި މުއުމިނުންގެ ޢަމަލުތަކަށް ޢަޛާބު ނުވަތަ ސަވާބު ލިބުން ބިނާވެގެންވަނީ އެ މީހުންގެ ނިޔަތާއި އިޚްލާޞްތެރިކަމުގެ މައްޗަށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވި އެވެ: مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لاَ يُبْخَسُونَ (15) أُوْلَـئِكَ الَّذِينَ لَيْسَ لَهُمْ فِي الآخِرَةِ إِلاَّ النَّارُ وَحَبِطَ مَا صَنَعُواْ فِيهَا وَبَاطِلٌ مَّا كَانُواْ يَعْمَلُونَ ([1]) ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ.  އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެން ކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެންވެތެވެ. " 

إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيًا يُصِيبُهَا أَوِ امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلىَ مَا هَاجَرَ إِلَيهِ " ([2]) عُمَرُ بْنُ الْخَطَّابُ ގެ އަރިހުން ރިވާވެގެންވެ އެވެ. އެ ކަލޭގެފާނު ވިދާޅުވި އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަން ކަލޭހެފާނު އެއްސެވީމެވެ. "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ކޮންމެ މީހަކަށް ވެސް ޙާޞިލުވާހުށި އޭނާ ނިޔަތް ގަތް ކަމެކެވެ. ފަހެ އެ މީހެއްގެ ހިޖުރަ އަކީ ﷲ އާއި އެ ކަލާނގެ ރަސޫލާއަށް ޓަކާ ކުޅަ ހިޖުރައެއް ނަމަ އެ ހިޖުރަ ވާހުށީ ﷲ އާއި އެ ކަލާނގެ ރަސޫލާއަށެވެ. އަދި އޭނާ ކުޅަ ހިޖުރަ އަކީ ދުނިޔެ ޙާޞިލުކުޅައުމަށް ނުވަތަ މީހަކާ ކައިވެނި ކުރުމަށް ކުޅަ ހިޖުރައެއް ނަމަ އެ ހިޖުރައެއް ވާހުށީއޭނާ އެ ކަމަކަށް ޓަކާ (ނިޔަތް ގަނެގެން) ހިޖުރަ ކުރި ކަމަކަށެވެ. އެހެން ޙަދީޘެއްގައި ވެއެވެ." 

إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ، رَجُلٌ أُسْتُشْهِدَ فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهَ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيْهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ، قَالَ: كَذَبْتَ، لَكِنَّكَ قَاتَلْتَ لِأَنْ يُقَالَ: جَرِيءٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتىَّ أُلْقِيَ فِي النَّارِ، وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهَ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيْهَا؟  قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ، قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ: عَالِمٌ وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيْلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتىَّ أُلْقِيَ فِي النَّارِ، وَرَجُلٌ وَسَّعَ اللهُ عَلَيْهِ وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهَ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيْهَا؟  قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيْهَا إِلاَّ أَنْفَقْتُ فِيهَا لَكَ، قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ: هُوَ جَوَادٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتىَّ أُلْقِيَ فِي النَّارِ" ([3]) "ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ މީސްތަކުންގެ ތެރޭގައި (އަންނަނިވި މީހުން) ހިމެނެ އެވެ. އެ ތަނުން އެކަކީ ޝަހީދުވީ މީހެކެވެ. ފަހެ އޭނާ ޙާޞިރުކުރެވޭ ހުއްޓެވެ. ދެން އޭނާއަށް ދެއްވި ނިޢުމަތްތައް ހުށަހެޅޭ ހުއްޓެވެ. އަދި އޭނާ އެ ނިޢުމަތްތަކަށް އިޢުތިރާފުވާ ހުއްޓެވެ. ދެން އޭނާއާ ސުވާލުކުރެވޭ ހުއްޓެވެ. ކަލޭ މި ނިޢުމަތްތައް ބޭނުންކުރީ ކޮން ފަދައަކުން ހެއްޔެވެ؟ ދެން އޭނާ ދަންނަވާ ހުއްޓެވެ. ތިމަން އިބަ ރަސްކަލާނގެ މަގުގައި ޝަހީދުވަންދެއް ހަނގުރާމަކުރީ އެވެ. ދެން އޭނާއަށް ދެންނެވޭ ހުއްޓެވެ. ކަލޭ ތިޔަ ހަދަނީ ދޮގެވެ. އެހެނެއް ކަމަކު ކަލޭ ހަނގުރާމަކުރީ ކަލެއަކީ ކުޅަދާނަ މީހެކޭ ބުނުވުމަށެވެ. ކަލެއާ މެދު ވަނީ އެ ގޮތަށް ބުނެވިފަ އެވެ. ދެން އޭނާއާ މެދު އަމުރު އިއްވެވޭ ހުއްޓެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭ ހުއްޓެވެ. އަދި ޢިލްމުއުނގެނި،  މީސްތަކުންނަށް އުނގަންނައިދީ، ޤުރްއާން ކިޔަވައި އުޅުނު މީހަކު ޙާޟިރުކުރެވޭ ހުއްޓެވެ. ދެން އޭނާއަށް ދެއްވި ނިޢުމަތްތައް ހުށަހެޅޭ ހުއްޓެވެ. އަދި އޭނާ އެ ނިޢުމަތްތަކަށް އިޢުތިރާފުވާ ހުއްޓެވެ. ދެން އޭނާއާ ސުވާލުކުރެވޭ ހުއްޓެވެ. ކަލޭ މި ނިޢުމަތްތައް ބޭނުންކުރީ ކޮންފަދައަކުން ހެއްޔެވެ؟ ދެން އޭނާ ދަންނަވާ ހުއްޓެވެ. ތިމަން ޢިލްމު އުނގެނި މީސްތަކުންނަށް ޢިލްމު އުނގަންނައިދިނީމެވެ. އަދި ޤުރްއާން ކިޔެވީ އިބަ ރަސްކަލާނގެ ވަޖުހަފުޅަށްޓަކައެވެ. ދެން އޭނާއަށް ދެންނެވޭ ހުއްޓެވެ. ކަލޭ ޢިލްމު އުނގެނުނީ ކަލެއަކީ ޢިލްމުވެރިއެކޭ ބުނުވުމަށެވެ. އަދި ޤުރްއާން ކިޔެވީ ޤާރީއެކޭ ބުނުވުމަށެވެ. އެފަދައިން ވަނީ ކަލެއާ މެދު ބުނެވިފަ އެވެ. ދެން އޭނާއާ މެދު އަމުރު އިއްވެވޭ ހުއްޓެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭ ހުއްޓެވެ. އަދި ﷲ އޭނާއަށް ތަނަވަސްކަމާއި މުދާ ދެއްވި މީހަކު ޙާޞިރުކުރެވޭ ހުއްޓެވެ. ދެން އޭނާއަށް ދެއްވި ނިޢުމަތްތައް ހުށަހެޅޭ ހުއްޓެވެ. އަދި އޭނާ އެ ނިޢުމަތްތަކަށް އިޢުތިރާފުވާ ހުއްޓެވެ. ދެން އޭނާއާ ސުވާލުކުރެވޭ ހުއްޓެވެ. ކަލޭ މި ނިޢުމަތްތައް ބޭނުންކުރީ ކޮން ފަދައަކުން ހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. އިބަރަސްކަލާނގެ ރުއްސަވާ ހުރިހާ ކަމެއްގައި އަހުރެން ހޭދަކުރީމެވެ. ދެން އޭނާއަށް ދެންނެވޭނެ އެވެ. ކަލޭ ތިޔަ ހެދީ ދޮގެވެ. އެކަމަކު ކަލޭ އެ ހޭދަކުރީ ކަލެއަކީ ދީލަތި މީހެކޭ ބުނުވުމަށެވެ. އެފަދައިން ވަނީ ކަލެއާ ދޭތެރޭގައި ބުނެވިފަ އެވެ. ދެން އޭނާއާ މެދު އަމުރު އިއްވެވޭ ހުއްޓެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭ ހުއްޓެވެ."

 

([1]) سورة هود: 15 - 16.

([2]) البخاري بدء الوحي

([3]) مسلم الإمارة  



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން