އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   5 ޖޫން 2023 - 14:11
ﷲ ތަޢާލާ އިންސާނާ ހައްދަވާފައި ވަނީ އޭނާއަށް އިޙްސާންތެރިވާ މީހާގެ މައްޗަށް ހެޔޮކޮން ހިތާ މީހެއްގެ ގޮތުގަ އެވެ. މި ގޮތުން ﷲ ތަޢަލާ ފިޔަވައި އިންސާނާއަށް އެންމެ އޯގާތެރި ވަނީ އޭނާގެ މަންމަ އާއި ބައްޕަ އެވެ. އެއީ ދުނިޔެމަތީގައި އިންސާނުންނަށްޓަކާ ﷲ ތަޢާލާ ލައްވާފައިވާ ރަޙްމަތެކެވެ.

އިންސާނުން ވުޖޫދުގައި ލެހެއްޓެވުމުގެ ސަބަބަކަށް ވެފައިވަނީ އޭނާގެ މައިންބަފައިންގެ ހިތުގައި ﷲ ތަޢާލާ ލައްވާފައިވާ ރަޙްމާއި އޯގާވެރިކަމެވެ. މައިންބަފައިންގެ މި އޯގާވެރިކަމުގެ މަތިވެރިކަން ހާމަވަނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާއަށް އަޅުކަން ކުރުމަށާއި އެ  ކަލާނގެއަށް ޝިރްކު ނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަންގަވާފައި އޮތުމުންނެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا "ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް  އެއްވެސް އެއްޗެއް شريك ނުކުރާހުށި ކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް  ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށް ފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." މި އާޔަތުގެ މާނައިން މައިން ބަފައިންގެ ޤަދަރުގެ މަތިވެރިކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ. އަދި ޝުކުރުކުރަންޖެހޭ އެންމެ މަތިވެރި ފަރާތަކީ ﷲ ތަޢަލާ ކަމާ މެދަކު ޝައްކެއް ނެތެވެ.

ލުޤްމާނު ސޫރަތުގެ 14ވަނަ އާޔަތުގައި ﷲ އަށް ޝުކުރު ކުރުމާ ވިދިގެން ދެން ޝުކުރުކުރަން އަންގަވާފައި ވަނީ މައިން ބަފައިންނަށެވެ.  ووصينا الإنسان بوالديه حملته أمه وهنا على وهن وفصاله في عامين أن اشكر لي ولوالديك إلى المصير  އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލިނިކަމެތި ކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ  ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ  أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.[1]  ހަމަ މި ފަދައިން ކީރިތި رَسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅެއްގައި ވެއެވެ. "... جَاءَ رَجُلٌ إِلىَ النَّبِـِّي صَلَّى اللهُ عَلَيهِ وَسَلَّمَ يَسْتَأْذِنُهُ فِي الْجِهَادِ فَقَالَ : أَحَيٌّ وَالِدَاكَ ؟ قَالَ : نَعَمْ قَالَ : فَفِيهِمَا فَجَاهِدْ"[2] 

ކީރިތި ރަސޫލާ ގެ އަރިހަށް މީހަކު އައިސް ޖިހާދު ކުރުމުގެ އިޛުނައަށް އެދުނެވެ. އެ ހިނދު އޭނާ ކުރެން އެ ކަލޭގެފާނު އެއްސެވި އެވެ. ކަލޭގެ މައިން ބަފައިން ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ އެ ހިނދު އޭނާ ދެންނެވި އެވެ. އާދޭހެވެ. ދެން އެ ކަލޭގެފާނު ޙަދީސް ކުރެއްވި އެވެ. ކަލޭ އެ ދެމީހުންނަށް ޚިދުމަތް ކޮށް އޯގާތެރިވުމުގައި ޖިހާދު ކުރާށެވެ" އާދެ! މައިން ބަފައިން ދަރީންނަށް އަދާކޮށްދޭ އިޙްސާންތެރިކަމުގެ ބަދަލުގައި އެ މީހުންނަށް ޚިދުމަތްކޮށް އެ މީހުންގެ ޙާލު ބަލައި އުޅުމަކީ ﷲ ގެ މަގުގައި ޖިހާދު ކުރުމާ އެއްވަރުގެ ދަރުމަ ހުރި ޢަމަލެއްކަން ނުވަތަ ޖިހާދަށް ވުރެ ވެސް އިސްކުރަންވީ ކަމެއްކަން މިޙަދީޘުން ދޭހަވެއެވެ. 

އަލްއިމާމުލްޣަޒާލީ ވިދާޅުވާ ގޮތުގައި މައިން ބަފައިންގެ ބަސް އެހުމާއި އެ މީހުން ކޮޅަށް ތިބޭ ހިނދު ކޮޅަށް ހުރުމާއި އެ މީހުންގެ އަމުރަށް ކިޔަމަން ގަތުމާއި މަގު ހިނގުމުގައި އެ މީހުންނަށް ވުރެ ކުރިއަރައިގެން ނުދިއުމާއި ވާހަކަ ދައްކާ އިރު އެ މީހުންނަށް ވުރެ ތިމާގެ އަޑު ނުއުފުލުމާއި އެ މީހުން ގޮވާލައިފި ނަމަ އަވަހަށް އިޖާބަ ދިނުމާއި އެ މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރުމާއި އެ މީހުންގެ ފުށުން ފޯރާ ދަތި ތަކަށް ކެތްތެރިވުމާއި އެ މީހުންގެ މައްޗަށް ތިމާ އިޙްސާންތެރިވާ ވާހަކަ ނުގޮވުމާއި އެ މީހުންނާ ދިމާލަށް ރުޅިމޫނު ނުދެއްކުން ފަދަ ކަންކަން އެ މީހުންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނެ އެވެ. އަލްއިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގައި އައިސްފައި ވާ ގޮތުން މައިން ބަފައިންގެ މޫނުމަތީގައި ނުރުހުމުގެ ކުޑަ މިންވަރެއް ވެސް ހާމައެއް ނުކުރެވޭނެ އެވެ. އަދި އަޑުލައި ނޫޅެވޭނެ އެވެ. ކީރިތި رَسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް އައްޠަބަރާނީގެ ރިވާޔަތެއްގައި އައިސްފައި ވެއެވެ. "رِضَى الرَّب فِي رِضَى الْوَالِدَينِ ، وَسَخَط الرَّب فِي سَخَطِ الْوَالِدَينِ "މާނަ އަކީ: ﷲ ގެ ރުހިވޮޑިގަތުން ވަނީ މައިން ބަފައިންގެ ރުހުން ލިބުމުގައެވެ. އަދި ﷲ ކޯފާވެ ވޮޑިގަތުން ވަނީ މައިން ބަފައިންގެ ނުރުހުމުގަ އެވެ.[3] އަހަރެމެންގެ މައިން ބަފައިން އަހަރެމެން ކުޑައިރު އޯގާތެރިވެ، ބަލައި ބޮޑުކުރި ފަދައިން އެ ދެމީހުންނަށް އިބަ ﷲ ރަޙްމަތް ލައްވައިފާނދޭވެ! އާމީން!

 

[1] . ލުޤްމާން:14

[2] . އަލް ބުޚާރީ އާއި މުސްލިމް

[3] . الطبراني

 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން