އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   8 ޖޫން 2023 - 14:7
މުޝްރިކުން އަޅުކަން ކުރި ބައެއް ބުދު
މުޝްރިކުން އަޅުކަން ކުރި ބައެއް ބުދު
ޢަދަދު ނުކުރެވޭހާ ގިނަ ތަކެއްޗަށް މުޝްރިކުން އަޅުކަން ކުރި އެވެ. އޭގެ ތެރެއިން މި ލިޔުމުގައި ހިމަނާލާފައި ވާނީ މަޝްހޫރު ބައެއް ބުދާ ބެހޭ މަޢުލޫމާތު ކޮޅެކެވެ. وَدُّ އަކީ ކުލަބު ވަންހައިގެ ބުދަކަށް ކިޔާ ނަމެކެވެ. މި ބުދު ހުރީ  دَوْمَةُ الْجَنْدَلُ ގަ އެވެ. سُوَاعُ އަކީ ހުޒައިލު ވަންހައިގެ  ބުދަކަށް ކިޔާ ނަމެކެވެ. މި މީހުން މި ބުދަށް ޙައްޖު ވި އެވެ. އަދި ޤުރުބާންތައް ކަތިލި އެވެ. 

يَغُوثُ މިއީ މަޒުޙަޖު ވަންހަ އާއި ޔަމަނުގެa ޤަބީލަތަކެއްގެ ބުދަކަށް  ކިޔާ ނަމެކެވެ. يَعُوقُ އަކީ ހަމަދާން ވަންހައިގެ ބުދަކަށް ކިޔާ ނަމެކެވެ. نَسْرُ އަކީ ޒިލްކަލާޢު ވަންހައިގެ ބުދަކަށް ކިޔާ ނަމެކެވެ. މީތި ހުރީ ޙިމްޔަރުގެ ބިމުގައި "ނަސްރު" އެވެ ނަމަކަށް ކިޔާ ބޮޑު ބާޒެއްގެ ސިފައިގަ އެވެ. 

سَعْدُ އަކީ ކިނާނަތު  ވަންހައިގެ ބަނީ މަލަކާންގެ ބުދަކަށް ކިޔާ ނަމެކެވެ. لاَتُ އަކީ ޠާއިފު ގައި ހުރި  ޘަޤީފު ވަންހައިގެ ބުދެވެ. މިއީ  ޙައްޖާޖީންނަށް  ކާންދީ އުޅުނު  މީހެއްގެ ޤަބުރު ކަމަށް ބުނެވެ އެވެ. އޭނާ ނިޔާވުމުން  އޭނާގެ  މަޤްބަރާގައި  ގެއެއް އަޅައި، އޭނާއަށް މާތްކޮށް ހިތަން ފެށީ އެވެ.  މިބުދު ހުރީ  ޠާއިފުގެ މިސްކިތުގެ މުންނާރު އެ ހުރި ތަނުގަ އެވެ.  ޘަޤީފު ވަންހައިގެ  މީހުން އިސްލާމް ވުމުން ކީރިތި ރަސޫލާ صلى الله عليه وسلم  މިބުދު ތަޅުއްވާލެއްވީ  مُغِيرَةُ بْنُ شُعْبَةُ ފޮނުއްވައިގެންނެވެ. 

عُزَّي އަކީ ޤުރައިޝު ވަންހަ އާއި މުޅި ބަނީ ކިނާނާ އާއި ބަނީ ސުލައިމު ގެ ބުދަކަށް ކިޔާ ނަމެކެވެ. މި ބުދު ހުރީ نَخْلَة ގެ ވާދީގަ އެވެ.  މައްކާ ފަތަޙަވުމަށް ފަހު ރަސޫލާ صلى الله عليه وسلم މި ބުދު ތަޅުއްވާލެއްވީ خَالِدُ بْنُ الْوَلِيْدُ ފޮނުއްވައިގެންނެވެ.

مَنَاةُ އަކީ އައުސު، ޚަޒުރަޖު އަދި ޣައްސާނު ވަންހައިގެ ބުދަކަށް ކިޔާ ނަމެކެވެ.  މިބުދަށް  ހުރިހާ  ޢަރަބީންވެސް  މާތްކޮށް ހިތި އެވެ. މިބުދު ހުރީ މައްކާ އާއިމަދީނާ އާ ދެމެދު އަތިރިމަތީގައެވެ.  ކީރިތި ރަސޫލާ صلى الله عليه وسلم މިބުދު ތަޅުއްވާލެއްވީ މައްކާ ފަތަޙަވީ އަހަރު  ޢަލީގެފާނު  ފޮނުއްވައިގެންނެވެ. 

هُبَلُ އަކީ އެންމެ ބޮޑު ބުދެވެ. މިބުދު ހުރީ  ކަޢުބާގެ ފުރާޅުމަތީގައެވެ.  މިބުދު ބެހެއްޓި  މީހަކީ عَمْرُو بْنُ لُحَيُّ އެވެ. މިއީ ޢަރަބީން ދަތުރަކު ދާއިރު ފާލު ބަލަން  ބޭނުން ކުރި  ބުދެކެވެ.  إِسَافُ އާއި نَائِلَةُ އަކީޞަފާ އާއި މަރްވާ ގައި ހުރި ދެ ބުދެވެ.  ބުނެވޭ ގޮތުގައި މިއީ ދެ ލޯބިވެރިންނެވެ. މިއީ  ޖުރުހުމު  ވަންހައިގެ  މީހުން  ކަމަށާއި  މިދެމީހުންގެ ޢަމަލުތައް ނުބައި ވުމުގެ ސަބަބުން ހިލަވީ ކަމަށް ބުނެވެ އެވެ.

ذوالخلصة އަކީ  ޚަޞްޢަމާއި  ބަޖީލާގެ  ބުދެވެ. މިބުދު ހުރީ މައްކާ އާ މަދީނާ އާ ދެމެދުގަ އެވެ.  ކީރިތި ރަސޫލާ صلى الله عليه وسلم  މިބުދު ހަލާކުކޮށްލެއްވީ جرير بن عبد الله البجلي ފޮނުއްވައިގެންނެވެ. عَمُّ أَنَسُ އަކީ ޚައުލާނު ގެ ބުދެވެ. މުޝްރިކުން މި ބުދަށް ގޮވާމާއި ނަޢަމް ސޫފިން ބައި އަޅައި އުޅުނެވެ.[وَجَعَلُوا لله مِمَّا ذَرَأَ مِنَ الْحَرْثِ وَالأَنْعَامِ نَصِيبًا فَقَالُوا هَذَا للهِ بِزَعْمِهِم وَهَذَا لِشُرَكَائِنَا فَمَا كَانَ لِشُرَكَائِهِم فَلاَ يَصِلُ إِلىَ اللهِ وَمَا كَانَ للهِ فَهُوَ يَصِلُ إِلىَ شُرَكَائِهِم سَاءَ مَا يَحْكُمُونَ] މިއީ  މި މީހުންގެ މިޢަމަލާ ބެހޭގޮތުން  ބާވާލެއްވި  އާޔަތެއް  ކަމަށް ابن إسحاق ލިޔުއްވަ އެވެ.  

 

ޞަނަމާއި ވަޘަނާއި ތިމްޘާލުގެ ތަފާތު

أصنام އަކީ صَنَم ގެ ޖަމްޢެވެ.  ބަހުގެ ގޮތުން صَنَم އަކީ މަޢުދަނަކުން، ލަކުޑިން ނުވަތަ ހިލައިން ނުވަތަ އެ ނޫން ވެސް މާއްދާއަކުން ތަރިއެއް، ޖިންނިއެއް، ގަހެއް، އިންސާނެއް، ނަބީއެއް، ޞާލިޙު އަޅެއް ނުވަތަ ޖަނަވާރެއް ގެ ސިފައަށް ހަދާ ތަކެއްޗެވެ.

صَنَم ގެ މާނަ އަކީ ބިޔަ އަޅު ކަލޭގެ ކަމަށާއި ނުބައި ވަސް ދުވާ މީހާ ކަމަށާއި ރީތި ސޫރަ ކަމަށް ވެސް ބުނެވެ އެވެ. އަދި ރީތިކަން ސިފަ ކުރުމަށް صَنَم ބޭނުން ކުރެ އެވެ. ނުވަތަ އެއީ އަޅުކަން ކުރެވޭ ސޫރަ ކަމުގައި ވެސް ބުނެވެ އެވެ. ޢާންމުކޮށް صَنَم އަކީ تِمْثَالُގެ ގޮތުގައި އުސް މިނާއި ފުންމިން ހުންނަ ގޮތަށް އޭގައި އަތްލެވޭ ނުވަތަ ހިޔަނި ހުންނަ ޖިސްމެއް ނުވަތަ ޖިރްމެއް އެކުލެވޭ ގޮތަށް ހަދާފއި ހުންނަ ބުދެވެ. ކީރިތި ޤުރްއާނުގައި ބުދަށް މި ދެ ނަން ވެސް އައިސްފައި ވެ އެވެ. އިބްރާހީމްގެފާނުގެ ވާހަކައިގެ ތެރޭގައި ހިމެނޭ އަންނަނިވި އާޔަތްތަކުގައި މިދެބަސް އައިސްފައިވެއެވެ.  ﴿ وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ﴾(إبراهيم: 35) :﴿ مَا هَذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُونَ ﴾(الأنبياء: 52) ﴿ مَا تَعْبُدُونَ ﴾(الشعراء: 70) ﴿ قالوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ ﴾(الشعراء:71) .

الأوثان އަކީ وَثَن ގެ ޖަމްޢެވެ. އެއީ ހަށިގަނޑެއްގެ ސިފައިގައި ކަނޑާ ނަގާފައި ނުވަތަ ނުކަނޑައި ހުންނަ ބުދު ކަމަށާއި ކުރެހުމެއްގެ ސިފައިގައި ހުންނަ ތަކެތި ކަމަށް ބުނެވެ އެވެ. މި ދެ ބަހަކީ ވެސް އެއް މާނައެއްގައި ބޭނުންކުރެވޭ ދެ ނަމެވެ. ތިމްޘާލަކީ މަޚްލޫޤެއްގެ ސިފައަށް ހަދާފައި ހުންނަ ހަށިގަނޑެއް ހުންނަ ތަކެއްޗެވެ. ޞަނަމަކީ ހަށިގަނޑެއް ހުންނަ ނުވަތަ ނުހުންނަ ގޮތަށް ﷲ ފިޔަވައި އަޅުކަން ކުރުމަށް ހަދާފައި ހުންނަ ސޫރަ އެވެ. ތިމަޘާލަށް ވެސް އަޅުކަން ކުރެވޭ ނަމަ އެއަށް ޞަނަމެކޭ ކިޔޭނެ އެވެ. ވަޘަނަކީ ﷲ ފިޔަވައި އަޅުކަން ކުރެވޭ ކޮންމެ އެއްޗެކެވެ. އެއީ ޖިރްމެއް ހުރި އެއްޗަކަށް ނުވަތަ ޖިރްމެއް ނުވާ އެއްޗަކަށް ވިޔަސް ހަމަ ހަމަ އެވެ. އެއީ ޚިޔާލަކަށް ވެސް ވެދާނެ އެވެ. ޖާހާއި ޤަދަރަށް ވެސް އަޅުކަން ކުރާ ނަމަ އެ ތަކެއްޗަށް وَثَن އެވެ ކިއިދާނެ އެވެ.  



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން