ޞާދިރު ޢަލީދީދީ   15 ޖޫން 2023 - 14:43
މަގުތަކުގެ ހަތަރުއަނގޮޅި ކަންމަތީގައި ސިގުނަލް ލައިޓް ބަހައްޓާފައި ހުންނަ މަންޒަރު އަޅުގަނޑުމެންނަށް ވާނީ ފެނިފައެވެ. އެލައިޓްގައި ފެހިއައްޔާއި ރަތްއަލިހުރެއެވެ. ފެހިއަލި ދިއްލިފައި ހުންނަ ފަރާތުން އެއްޗެތި ދުއްވުން ހުއްދައެވެ. މިއާޚިލާފަށް ރަތްއަލި ދިއްލިފައި ހުންނަ ފަރާތްތަށް އެއްޗެހިދުވުން މަނަލެވެ. އެއްވެސް ދުއްވާއެއްޗެއް އެނިޝާންތައް ދައްކާގޮތާ ޚިލާފުވެއްޖެނަމަ އެއެއްޗެއް ދުއްވި މީހަކުވާނީ މަގުމަތީގައި އެއްޗެހި ދުއްވައިއުޅުމުގެ ޤަވާޢިދާއި ޤާނޫނުގެ ދަށުން ކުށްވެރިވެ އަދަބު ޙައްޤުވެއްޖެ މީހެއްކަމުގައެވެ.

ތެދުމަގަށް ގޮވައިލާ މީހާއަކީވެސް އިސްވެދެންނެވި ކައިޓްޕޯސްޓްފަދަ މަގުދައްކައިދޭ މީހެކޭ ދެންނެވިދާނެއެވެ. ޙަޔާތުގެ މަގުތަކުގައި މާތް ﷲ ޢައްޔަން ކުރައްވައި ބައިތިއްބަވާ ބޭކަލުންނެވެ. ދާންވީ ކޮން ދިމާޔަކަށްކަމާއި ނުދާންވީ ކޮން ދިމާޔަކަށްކަން އެެންގެވުމަށްޓަކައެވެ. ސުވަރުގެއާ ދިމާޔަށް ދެވޭ މަގަކީ ކޮބައިކަމާއި ނަރަކަޔާ ދިމާޔަށް ދެވޭ މަގަކީ ކޮބައިކަން އޮޅުންފިލުވައި ދެއްވުމަށްޓަކައެވެ.

ތައުޙީދުގެ އެންމެ ފުރަތަމަ ދައުރަށްފަހު ޝިރުކަށް ކުރިލިބުމުގެ ދައުރު އައުމުން މާތް ﷲ ގެ ޙަޟުރަތުން ވަޑައިގެންނެވި އެންމެހައި ރަސޫލުން ވަޑައިގެންނެވީ މިދެންނެވި ޚާއްޞަ މަޤްޞަދުގައެވެ. މާތް ﷲ އެބޭކަލުން ފޮނުއްވީ ޙަޤީޤަތް ދެނެވަޑައިގަތުމުގެ ފުރިހަމަ ޢިލްމު ދެއްވުމަށްފަހުގައެވެ. އެޢިލްމުގެ އަލީގައި އެބޭކަލުންގެ ޤައުމުތަކަށް މަގުދެެއްކެވުމަށްޓަކައެވެ. ދުނިޔެވީ ޙަޔާތުގައި ރަނގަޅު ކަންކަމަކީ ކޮބައިކަން ނުބައިކަންކަމަކީ ކޮބައިކަން ވިސްނައިދެއްވުމަށްޓަކައެވެ. ކޮންމެ ނަބިއްޔަކުވެސް އެނަބިއްޔެއްގެ މިޒިއްމާ ފުރިހަމަޔަށް އަދާކުރެއްވިއެވެ. އެބޭކަލުން ވިސްނައިގަތުން ފަސޭހަ ބަހުރުވައިން ދަލީލުތަކުގެ ފުރިހަމަ ބާރާއެކު މީސްތަކުންގެ ކުރިމައްޗަށް ޙައްޤު ހުށަހެޅުއްވިއެވެ. މެދުކެނޑުމެއްނެތި އެކަން ހާމަކޮށްދެެއްވިއެވެ. މީސްތަކުންގެ ކުރިމައްޗަށް މާތް ﷲ ގެ މެސެޖް ހުށަހެޅުއްވުމަށްޓަކައި ޙުއްޖަތް ޤާއިމް ކުރެއްވުމުގެ ކޮޅުނެތްކޮޅާ ހަމައަށް ވަޑައިގެންނެވިއެވެ. އެހެންކަމުން އެބޭކަލުން ތަބާވި މީހުންނަކީ މާތް ﷲ ގެ ޙަޟުރަތުގައި ސުވަރުގެވަންތަވެރީން ކަމުގައި ހިމެނިގެންދިޔައެވެ. އެބޭކަލުން ޤަބޫލުނުކޮށް، ބޯހަރުވެ ނުކިޔަމަންތެރިވެ އުރެދުނުމީހުން ނަރަކަވަންތަވެރީން ކަމުގައި ހިމެނިގެންދިޔައެވެ.

މާތް ﷲ ތެދުމަގު ބަޔާން ކުރެއްވުމާއެކު އެކަލާނގެ އެދިވޮޑިގަތުމުގައިވަނީ ދެވަނަ ފަހަރު ޙައްޤު ފާޅުވުމަށެވެ. ޙައްޤު އިޢުލާން ކުރެއްވުމަކީ މީސްތަކުންނަށް ޙައްޤު ފުރިހަމައަށް ބަޔާންކޮށްދެއްވުމެވެ. ހެޔޮއެދުމާއި ޙިކްމަތްތެރިކަން ލާޒިމުކުރާ ހުރިހާ ގޮތްތަކެއްގެ ބޭނުން ހިފައިގެން މީސްތަކުންނަށް ޙައްޤަކީ ކޮބައިކަން އޮޅުންފިލުވައިދެއްވުމެވެ. އަޑުއަހާ އެެއްވެސް ބަޔަކަށް ތިމަންމެންނަށް ޙައްޤަކީ ކޮބައިކަމެއް އެނގިފައެއް ނެތޭ ބުނެވޭނެ ޖާގައެއް ނޯންނަ މިންވަރަށެވެ. ތިމަންމެންނަށް ޙަޔާތުގެ ހެޔޮގޮތާއި ނުބައިގޮތް އެނގިފައެއްނެތޭ ނުބުނެވޭ މިންވަރަށެވެ. ޙުއްޖަތް ޤާއިމް ކުރެއްވުމުގެ ކޮޅުނެތްކޮޅަކީ މިދެންނެވީއެވެ.

ޙައްޤު ފާޅުކުރެއްވުމަކީ އިސްވެދެންނެވި މިންވަރަށްވުރެވެސް މަތީ ދަރަޖައެކެވެ. ޙައްޤު ފާޅުކުރެއްްވުމަކީ ދުނިޔޭގައި އެންމެމަތީ މަޤާމްލިބިފައި ފިކުރަކީ ދީނީ ފިކުރުކަނުގައި ވުމެވެ. ދީނީ ފިކުރާއަޅާބަލާއިރު އެހެން ހުރިހާ ބާވަތެއްގެ ފިކުރުތަކުގެ ހަރުދަނާކަން ކެނޑި އޮބިގެން ދިޔުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މާތް ﷲ ގެ ކަލިމަފުޅު މަތިވެރިވުމެވެ. މާތް ﷲ ގެ ކަލިމަފުޅު މަތިވެރިވުމުގެ މާނައަކީ ޙަޤީޤަތުގައި ޙައްދުތަކަކާއި ޤާނޫނުތަކެއް ތަންފީޒު ކުރެވުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ފިކުރީގޮތުން އެންމެ މަތީ މަޤާމު ލިބުމެވެ. އާދެ، ބޯދާ ޢިލްމުތަކާއި އަޅައިބަލާއިރު ޒަމާނީ ޢިލްމުތަކަށް މިޒަމާނުގައި ލިބިފައިމިވާކަހަލަ މަޤާމެއްް ދީނީ ފިކުރަށް ލިބުމެވެ. ޝަހެންޝާހިއްޔަތުގެ މައްޗަށް ޖުމްހޫރިއްޔަތަށް ލިބިފައިވާ ފިކުރީ ކާމިޔާބީފަދަ ކާމިޔާބީއެއް ދީނީ ފިކުރަށް ލިބުމެވެ. ހީކުރެވޭ ހީކުރުންތަކުގެ މައްޗަށް ބިނާވާ ފަލްސަފާއާ އަޅައިބަލާއިރު ތަޖްރިބާގެ މައްޗަށް ބިނާވެފައިވާ ސައިންސަށް ލިބިފައިވާފަދަ ފިކުރީ ކާމިޔާބީއެއް ދީނީ ފިކުރަށް ލިބުމެވެ. މިޒަމާނުގެ ސައިންޓިފިކް ދުނިޔޭގައި ބައެއް ޢިލްމުތަކަށް ވަނީ ވަރަށް މަތުވެރި މަޤާމެއް ލިބިފައެވެ. ބައެއް ޢިލްމުތައްވަނީ އެޢިލްމުތަކާ އަޅައިބަލާއިރު އޭގެ މަތިވެރިކަން ގެއްލިފައެވެ. ބާޠިލް ދީންތަކުގެ މައްޗަށް ޙައްޤުދީނަށްވެސް ލިބުން ބޭނުންވެފައިވަނީ މިދެންނެވިފަދަ މަޤާމަކާއި ޤަދަރެކެވެ.

މާތް ﷲ އީ ކަށަކުޅަދުންވަންތަ ރަސްކަލާނގެ އެވެ. އިރުގެ އަލި ބިމުގެ ހުރިހާ އަލިތަކުގެ މައްޗަށް ގަދަވާފަދައިން އެހެނިހެން ކަންކަމުގެ މައްޗަށް ޙައްޤު ފާޅުކުރައްވައި މަތިވެރިކުރެއްވުމަކީ އެކަލާނގެ ރަސްކަންފުޅަށް ނުހަނު ފަސޭހަފުޅު ކަމެކެވެ. ނަމަވެސް މިދުނިޔެއަކީ އިމްތިޙާނުމުގެ ދުނިޔެ ކަމުގައިވާތީ މާތް ﷲ އެކަލާނގެ އެދިވޮޑުގެންވާ ކަންތައްތައްވެސް ޢާއްމުކޮށް ފާޅުކުރައްވަނީ އަސްބާބުތަކުގެ ތެރެއިންނެވެ. މުޢުޖިޒާގެ ސިފައިގައެއް ނޫނެވެ. އެހެންކަމުން މާތް ﷲ މިންވަރުކުރެއްވީ އަސްބާބުތަކުގެ ދާއިރާގައި މިމަޤްޞަދައްޓަކައި ބޭނުން ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރެއްވުމަށެވެ. އެއަށްފަހު ޚާއްޞަގޮތެއްގައި އެކަލާނގެ ޙަޟުރަތުން ކާމިޔާބާއި ނަޞްރު މިންވަރު ކުރައްވާފައިވާ ނަބީބޭކަލަކު ފޮނުއްވުމަށެވެ. އެބޭކަލަކު އިލާހީ މިޝަންގައި އަމިއްލަފުޅަށް ޝާމިލްވެވަޑައިގަތުމަށެވެ. އެބޭކަލެއްގެ މަސައްކަތްޕުޅަކީ ހަމައެކަނި ޙައްޤު އިޢުލާން ކުރެއްވުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޙައްޤު ފާޅުކުރެއްވުންވެސް މެއެވެ. މާތް ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ވުމަށްޓަކައެވެ. އެބައިމީހުންގެ މައްޗަށް ބަރަކާތުގެ ދޮރުތައް ހުޅުވުމަށްޓަކައެވެ. އެއީ އެބައިމީހުންގެ މޮޔަކަމުން އެބައިމީހުންގެ މައްޗަށް ބަންދުވެފައިހުރި ދޮރުތަކެވެ. ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި އިޝާރާތް ކުރައްވާފައިވާ ފަދައިންނެވެ.

"އެބައިމީހުން އެދެނީ އެބައިމީހުންގެ އަނގަތަކުން ފުމެ، ކާފިރުން ނުރުހުނު ކަމުގައިވިޔަސް ﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާ ހުއްޓެވެ. އެކަލާނގެއީ ތެދުމަގާއި ޙައްޤުދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް އެދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ."

(ސޫރަތުއް ޞައްފު 8-9)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން