ޞާދިރު ޢަލީދީދީ   16 ޖޫން 2023 - 15:59
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. ތިމަންކަލޭގެފާނަކީ އިބްރާހީމްގެފާނުގެ ދުޢާފުޅެވެ. ސަލާމްލެއްވި އިބްރާހީމްގެފާނު ކައުބަތު ﷲ ގެފުޅު ބިނާކުރެއްވިއިރު ދުޢާފުޅު ކުރެެއްވިއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާގެ ދަރިފުޅު އިސްމާޢީލްގެ ދަރިކޮޅުން ރަސޫލަކު ފޮނުއްވާނދޭވެ! ނަމަވެސް އިބްރާހީމްގެފާނުގެ މިދުޢާފުޅާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ރައްކައުވުމާ ދެމެދު ގާތްގަޑަކަށް ދެހާސްފައްސަތޭކަ އަހަރުގެ ރާސްތާއެއް ވެއެވެ.

މިތާނގައި ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. ސަލާމްލެއްވި ޒަކަރިއްޔާގެފާނު އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބިއްޔަކު ލެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވުމުން އެއްއަހަރުގެ ތެރޭގައި އެކަލޭގެފާނަށް ޔަޙްޔާގެފާނު ލިބިވަޑައިގެންފިއެވެ. ނަމަވެސް އިބްރާހީމްގެފާނު ހަމަ އެބާވަތުގެ ދުޢާފުޅެއް ކުރެއްވުމުން އެދުޢާފުޅު ޤަބޫލުކުރެއްވުމުގެ ޢަމަލީ ނަތީޖާ ފާޅުވުމާމެދު ދެހާސްފައްސަތޭކަ އަހަރުގެ މުއްދަތު ހޭދަވިއެވެ. މިތަފާތުގެ ސަބަބަކީ ކޮބައިތޯއެވެ؟

އާދެ، އޭގެ ސަބަބަކީ ސަލާމްލެއްވި ޔަޙްޔާގެފާނަށް އަދާކުރައްވާން ޖެހިވަޑައިގެންފައިއޮތީ ވަގުތީ ދައުރެކެވެ. އެކަލޭގެފާނު ފޮނުއްވީ ދީނާމެދު ޔަހޫދީންގެ ހުރި ކެހިވެރިކަން ފާޅުކުރެއްވުމަށްޓަކައެވެ. ޔަހޫދީން އަތުން އެންމެފަހުން ޔަޙްޔާގެފާނު ޝަހީދުވެވަޑައިގެން ޔަޙޫދީންވަނީ އިޞްލާޙުނުވާ ދަރަޖަޔަށް ނުބައިކަމުގެ ތެރެއަށް ފެތިފައިކަން ސާބިތު ކުރެއްވުމެވެ. މާތް ﷲ ގެ ފޮތުގެ އަޙްލުވެރީން ކަމުގެ މަޤާމު އެހެން ޤައުމަކާ ޙަވާލުކުރެއްވުމުގެ ވަގުތު އަތުވެއްޖެކަން ސާބިތު ކުރެެއްވުމެވެ.

މާތް ﷲ ގެ ފޮތުގެ އަހްލުވެރީންގެ މަޤާމުން އެބައިމީހުން ވަކިކުރައްވައި އެބައިމީހުންގެ ބަދަލުގައި މާތް ﷲ ފޮތުގެ އަހްލުވެރީންގެ މަޤާމު އެހެން ޤައުމަކާ ޙަވާލުކުރެއްވުމުގެ ވަގުތު އަތުވެއްޖެކަން ސާބިތުކުރެއްވުމެވެ. މިއާޚިލާފަށް އިސްލާމްދީނުގެ ނަބިއްޔާގެ މަސްއޫލިއްޔަތަކީ ޝިރުކު ބަލިކުރައްވައި ތައުޙީދަށް އެންމެ މަތިވެރި ފިކުރުގެ މަޤާމު ހޯއްދަވައިދެއްވުމެވެ. ސަބަބުތަކުގެ ގިއުގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވުމަށްޓަކައި އާޞާލިޙު ޤައުމަކާއި އެކަށޭނެ ވެއްޓެ ބޭނުންވެއެވެ. އިބްރާހީމްގެފާނުގެ ދުޢާފުޅަށްފަހު ދެހާސް ފައްސަތޭކަ އަހަރު ވޭތުވީ އަސްބާބުތަކުގެ ފަރުދާގެ ތެރޭގައި އިސްވެދެންނެވި ޤައުމާއި، އިސްވެދެންނެވި ވެށި ތައްޔާރު ކުރެއްވުމަށްޓަކައެވެ.

މިދެންނެވި މަޝްރޫޢުގެ ދަށުން އިބްރާހީމް ޢަލައިހިއްސަލާމް އަށް އަމުރު ކުރެއްވުނީ ޢިރާޤުގެ ރަށްވެހި ސަރަޙައްދުން ނުކުމެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ދަރިކަލުން އިސްމާޢީލްގެފާނު ޙިޖާޒުކަރައިގެ ހިކި، ހަނަފަސް، ވީރާނާ ސަރަޙައްދުގައި ވަޒަންވެރި ކުރެއްވުމަށެވެ. އޭރު އެތަނަކީ ދަނޑުގޮވާން ނުކުރެވޭ ވާދީއަކަށްވާތީ އެތަންއޮތީ ދުނިޔެއާއި ގުޅުންކެނޑި އެކަހެރިވެފައެވެ. އޭރު އެތާނގައި އޮތީ ރަށްވެހި ކަމުގެ "ކިލަނބު" ކަމުން ދުރުގައި ފިޠުރަތުގެ ޚާލިސް "އުނގުގައި" ޚާއްޞަ ޤައުމެއް ތައްޔާރު ކުރެއްވޭފަދަ ވެއްޓެކެވެ. އިންސާނުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ސިފަތައް ރައްކައުތެރި ކުރެވިފައިވާ ޤައުމެއް ތައްޔާރު ކުރެއްވޭފަދަ މާޙައުލެކެވެ. މާތް ﷲ ގެ ދީނުގެ އަމާނާތާ ޙަވާލުވެވޭފަދަ ތެދުވެރި އަދި ދިރުންހުރި ޤައުމެކެވެ. މާތް ﷲ ގެ ދީން ފާޅުކުރުމަށް ބޭނުންތެރި ބަޔަކު ކަމުގައި ނުވިމީހުންގެ ކިބައިގައި ހުރި މަޞްނޫޢީ އުނި ސިފަތަކުން ސަލާމަތްވެފައިވާ ޤައުމެކެވެ. މަޝްރޫޢުގައިވާ ގޮތަށް ފުރިހަމަޔަށް ސްޓޭޖު ތައްޔާރުވީހިނދު ހާޝިމްވަންހައިގެ ނަބިއްޔާ آمنة بنت وهب ގެ ބަނޑުފުޅުން ދުނިޔެއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ކާމިޔާބުގެ ނަބިއްޔާއެވެ. ސަލާމްލެއްވި އިބްރާހީމްގެފާނު އެބޭކަލަކު ފޮނުއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވި ނަބިއްޔާއެވެ.

އާދެ، އިސްވެ ދަންނަވާފައިވާނޭ ފަދައިން މާތް ﷲ ގެ އަމުރުގުޅަށް އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި ދަރިކަލުން އިސްމާޢީލް މިހާރު މައްކާ އާބާދުވެފައި އެވާތަނަށް ގެންދެވިއިރު، ހަނަފަސްބިމާއި، ހިކިހިލަތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެތާކު ނެތެވެ. ފެންހަމުގައި ހުރި ފެންފޮދު ހުސްވެ އިސްމާޢީލްގެފާނު ފެންފޮދު ހިއްޕަވާ ހިތްޕުޅުން އަތްފައިންޕުޅު ތަޅުއްވާން ފެއްޓެވުމުން ވީރާނާ ހިލަބިމުގެ ތެރެއިން ޒަމްޒަމްގެ ފެންއާރު ހިންގަވައިދެއްވިއެވެ. އެކަމުން ދޭހަވާ ފުން މާނައަކީ މާތް ﷲ ކަލޭގެފާނު ތިޔަނެރުއްވީ ވަރަށް އުދަގޫ މައިދާނަކަށެވެ. އެކަމަކު އެކަލާނގެ އެއްވެސް އެހީތެރިޔަކާ ނުލައްވައެއް ކަލޭގެފާނު ދޫކޮށެއް ނުލައްވާނެއެވެ. ކަލޭގެފާނުގެ މަސައްކަތްޕުޅަކީ މާތް ﷲ މަތިކުރެއްވި މަސައްކަތްޕުޅެކެވެ. ކޮންމެ އުދަގޫ މަރްޙަލާއެއްގައިވެސް އެކަލާނގެ ކަލޭގެފާނަށް މަދަދު ކުރައްވާނެއެވެ.

އިސްމާޢީލްގެފާނު ޒުވާން ޢުމުރުފުޅަށް އެޅުނުހިނދު އިބްރާހީމްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޤުރްބާން ކުރައްވާތީއެވެ. ނަބީބޭކަލުންގެ ހުވަފެންފުޅަކީ ވަޙީކަމުގައި ވުމާއެކު އެހުވަފެންފުޅަކީ މާތް ﷲ ގެ އަމުރުފުޅުކަން އިބްރާހީމްގެފާނު ވިސްނައިވަޑައިގެންނެވިއެވެ. ދަރިކަލުން ޤުރްބާން ކުރައްވަން ތައްޔާރުވެ ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޚަންޖަރުކޮޅު އިސްމާޢީލްގެފާނުގެ ކަނދުރާފުޅާ ކައިރިވި ވަގުތު މާތް ﷲ ، އިބްރާހީމްގެފާނަށް ނިދާ އިއްވަވައި އެކަން މަނާކުރެއްވެވިއެވެ. އިބްރާހީމުގެފާނު މާތް ﷲ ގެ އިސްމުފުޅުގައި ޤުރްބާން ކުރެއްވުމަށްޓަކައި ކަންބަޅިއެއް ދެއްވިއެވެ. އެކަމުން އަންގަވާކަހަލައެވެ. މާތް ﷲ ކަލޭގެފާނުގެ އަރިހުން ވަރަށް ބޮޑު ޤުރްބާނީއަކަށް އެދިވޮޑިގަތް ކަމުގައިވިޔަސް އެއީ ހަމައެކަނި ޖަޒުބާތުގެ އިމްތިޙާނެކެވެ. ޤުރްބާނީ ހުށަހަޅުއްވަން ޖެހިވަޑައި ގަންނަވާނެއެވެ. އެކަމަކު ޤުރްބާންވެ ވަޑައިގަންނަވާކަށެއް ޖެހިވަޑައި ނުގަންނަވާނެއެވެ. މާތް ﷲ ކަލޭގެފާނު ސަލާމަތް ކުރައްވާނެއެވެ. އެހެނީ އަޞްލު މަޤްޞަދަކީ ވަރަށް މުޙިއްމު ކަމެއްގައި ކަލޭގެފާނުގެ ބޭނުންފުޅު ހިއްޕެވުމެވެ. ކަމަކާނުލައި ކަލޭގެފާނު ހަލާކުކޮށްލެއްވުމެއް ނޫނެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން