ޞާދިރު ޢަލީދީދީ   17 ޖޫން 2023 - 11:23
(ކުރީގެ ޢަދަދާގުޅޭ)

.

އިސްމާޢީލްގެފާނު ބޮޑުފުޅުވުމުން ޢަރަބީންގެ ޤަބީލާއެއް ކަމުގައިވާ ޖުރްހަމް ވަންހައިގެ އަންހެން ކުއްޖަކާ ކާވެނި ބައްލަވައިގެންނެވިއެވެ. ޖުރްހަމް ވަންހައިގެ މީހުންނަކީ މާތް ﷲ އިސްމާޢީލްގެފާނަށްޓަކައި ޒަމްޒަމް ފެން ނެރުއްވައި ދެއްވުމާވިދިގެން މައްކާގައި ވަޒަންވެރިވި ބައެކެވެ. އިސްމާޢީލްގެފާނު އެކުއްޖާއާ ކާވެނި ބެއްލެވިއިރު އިބްރާހީމް ޢަލައިހިއްސަލާމް ހުންނެވީ ޝާމްކަރައިގައެވެ. އެކަލޭގެފާނު އެއްދުވަހަކު އަސްމަތީގައި މައްކާއަށް ވަޑައިގެންނެވިއެވެ. އިބްރާހީމްގެފާނު ވަޑައިގެންނެވިއިރަކު އިސްމާޢީލްގެފާނު ގެކޮޅަކު ވަޑައިގެނެއް ނުއުޅުއްވައެވެ. ގެކޮޅުގައި އިންނެވީ އިސްމާޢީލްގެފާނުގެ އަނބިކަނބަލުން ގިނިކަންޏާއެވެ. އެކަމަނާއަކަށެއް އެކަމަނާގެ އެބޭބެފުޅު ފާހަގަ ކުރައްވާކަށެއް އެނގިވަޑައެއް ނުގަންނަވައެވެ. އިބްރާހީމްގެފާނު އެކަމަނާއާ ސުވާލު ކުރެއްވިއެވެ. އިސްމާޢީލްގެފާނު ވަޑައިގެންނެވީ ކޮންތަނަކަށް ހެއްޔެވެ؟ އަނބިކަނބަލުން ވިދާޅުވިއެވެ. ޝިކާރަ ހިއްޕަވާށެވެ. އިބްރާހީމް ޢަލައިހިއްސަލާމް އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ދިރިއުޅުން ހުރީ ކިހިނަކުން ހެެއްޔެވެ؟ އިސްމާޢީލްގެފާނުގެ އަނބިކަނބަލުން އަތްޕުޅުމަތި ދަތިކަމާއި ގެކޮޅުގެ ވީރާނާކަމާމެދު ޝަކުވާ ކުރެއްވިއެވެ.

އިބްރާހީމްގެފާނު އެނބުރިވަޑައިގަންނަވަމުން ވިދާޅުވިއެވެ. އިސްމާޢީލް ވަޑައިގަތުމުން އަހުރެންގެ ވެދުން ދަންނަވާށެވެ. އަދި އަހުރެން ބުންޏޭ ގޭގެ އޮޅިގަނޑު ބަދަލުކުރައްވާށޭވެސް ދަންނަވާށެވެ.

އިސްމާޢީލްގެފާނު ޝިކާރައިން އެނބުރިވަޑައިގެން އެޙާދިޘާގެ ޚަބަރު ސާފުވެވަޑައިގަތުމުން ވިސްނިވަޑައިގެންނެވިއެވެ. އެވާނީ ބައްޕާފުޅު ކަމުގައެވެ. އަހަރެމެންގެ ޙާލު ދެކެވަޑައިގަންނަވާން ވަޑައިގެންނެވީއެވެ. "އޮޅިގަނޑު ބަދަލުކުރާށެވެ." މިއަމުރުފުޅުގެ މުޠުލަބަކީ އަންހެނުން ވަރިކޮށްފައި އެހެންމީހަކާ އިންނާށެވެ. އެހެނީ މިއަނބިކަނބަލުންނަކީ މާތް ﷲ އެނަސްލެއް ތައްޔާރު ކުރައްވަން އިރާދަކުރައްވާ ނަސްލުގެ މައިކަނބަލަކަށް ވެވަޑައިގަންނަވަން އެކަށީގެންވާ ބޭކަނބަލެއް ނޫނެވެ.

އެހެންކަމުން އިސްމާޢީލްގެފާނު އެއަނބިކަނބަލުން ވަރިކުރައްވައި އެހެން ބޭކަނބަލަކާ ކާވެނި ބައްލަވައިގެންނެވިއެވެ. އޭގެ ކުޑަދުވަސްކޮޅެއްގެ ފަހުން އިބްރާހީމް ޢަލައިހިއްސަލާމް އަނެއްކާވެސް އަސްކޮޅުމަތީގައި މައްކާއަށް ވަޑައިގެންނެވިއެވެ. އެދުވަހަކުވެސް އިސްމާޢީލްގެފާނު ގެކޮޅަކު ވަޑައިގެނެއް ނުއުޅުއްވައެވެ. އިބްރާހީމްގެފާނު، އިސްމާޢީލްގެފާނުގެ ހަނގުއަނބިކަނބަލުންނާވެސް ދޮށީ އަނބިކަނބަލުންނާ ކުރެއްވި ސުވާލު ކުރެއްވިއެވެ. އެއަނބިކަނބަކުން އިސްމާޢީލްގެފާނަށް ތާރީފް ކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ. ހުރިހާވެސް ކަމަކީ މާތް ﷲ ގެ ދީލަތިވަންތަކަމެވެ.

އިބްރާހީމްގެފާނު އެނބުރި ވަޑައިގަންނަވަމުން ވިދާޅުވިއެވެ. އިސްމާޢީލް ވަޑައިގަތުމުން އަހުރެންގެ ވެދުން ދަންނަވާށެވެ. އަހުރެން ދެންނެވިއޭ ގޭގެ އޮޅިގަނޑު ދަމަހައްޓަވާށޭވެސް ދަންނަވާށެވެ. އާދެ، ދަރިފުޅުގެ މިއަނބިކަނބަލުންނަކީ ކުރިމަތިވެފައި އޮތް މަޝްރޫޢަށް ހުރިހައި ގޮތަކުން ބަރާބަރު ބޭކަނބަލެކެވެ. އެކަމަނައާ ދަރިފުޅުގެ ގުޅުން ދަމަހައްޓާށެވެ. (ތަފްސީރު އިބްނު ކަސީރު)

މިގޮތުން ޢަރަބިކަރައިގެ އެކަހެރި ސަރަޙައްދުގައި އިސްމާޢީލްގެފާނުގެ ދަރިކޮޅުން އައު ނަސްލެއް ތައްޔާރުވާން ފެށިއެވެ. އެނަސްލު އެންމެފަހުން ނުހަނު ދިރުންހުރި ޤައުމެއްގެ (ބަނޫއިސްމާޢީލް) ސިފަ ޚިޔާރުކުރިއެވެ. ފަހުޒަމާނުގެ ނަބިއްޔާގެ އަވަށްޓެރީންކަމުގައި ވުމަށްޓަކައެވެ. މާތް ﷲ އެބައިމީހުންނާ ޙަވާލުކުރައްވާން އިރާދަކުރައްވާފައިވާ މަތިވެރި ތާރީޚީ ޒިންމާ އުފުކުމަށްޓަކައެވެ.

ޢަރަބިކަރައިގެ ޞަޙަރާތަކާއި ވީރާނާ ހިލަބިންތަކުގައި މިތައްޔާރުވި ޤައުމު އެއްލަފުޒަކުން ސިފަކުރާނަމަ އެބައިމީހުންގެ ސިފަޔަކީ المروءة އޭ ދެންނެވިދާނެއެވެ.

المروءة ގެ ލަފުޒީ މާނައަކީ ފިރިހެންވަންތަކަމެވެ. އެލަފުޒަކީ ޢަރަބީންގެ ތެރޭގައި މީހެއްގެ އިންސާނީ ޖައުހަރުގެ މޮޅުކަން ސިފަކުރުމުގައި ބޭނުންކުރެވޭ އެންމެ މަތިވެރި ލަފުޒުކަމުގައި ބެލެވޭ ލަފުޒެވެ. ޢަރަބީންގެ ޤަދީމީ ޝާޢިރެއްގެ ޅެމެއްގައިވެއެވެ.

"އިންސާނާ ޒުވާންވެގެން އަންނައިރު ފިރިހެންވަންތަކަން ލިބިގަތުމަށް ނުކުޅެދިއްޖެނަމަ މުސްކުޅިވުމުން އެކަން ހޯދައިގަތުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ."

ޕްރޮފެސަރ ފިލިޕް ހިއްޓީ ޢަރަބީންގެ ތާރީޚު ވަރަށް ފުންކޮށް ދިރާސާކުރެއްވިއެވެ. އޭނާ ލިޔުއްވައިފައިވެއެވެ. ޢަރަބިކަރައިގެ ޞަޙަރާގައި ޤަރްނުތަކެއްގެ ތެރެއިން ތައްޔާރުކުރެވުނު ޤައުމަކީ މުޅި ދުނިޔެއިންވެސް ހޮވައިލެވޭ ޤައުމެކެވެ. އެޤައުމަކީ މިދަންނަވާ އަޚްލާޤީ ސިފަތަކުގައި އެންމެމަތީ ދަރަޖަ ލިބިފައިވާ ޤައުމެކެވެ.

ހިންމަތްތެރިކަމާއި، ދަތި އުނދަގޫ ވަގުތު ބަރުދާސް ކުރުމާއި، އަވަށްޓެރީންގެ ޙައްޤުތަކާއި ވާޖިބުތައް އަދާކުރުމާއި، ފިރިހެންވަންތަކަމާއި، ދީލަތިކަމާއި، މެހްމާންދާރީ އަދާކުރުމާއި، އަންހެނުންނަށް ކަމޭހިތުމާއި، ވަޢުދެއް ކުރުމަށްފަހު އެވަޢުދެއް ފުއްދުމެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން