ޙުސައިން ރަޝީދު އަޙުމަދު   18 ޖޫން 2023 - 12:57
އުޟްޙިޔާއަށް ނިޔަތް ގަތުމަށްފަހު ބަކަރި ކަތިލަންދެން އިސްތަށްޓާއި ނިޔަފަތި ނުކަނޑާ ހުންނަންޖެހޭ ކަމަށް ދެކެވޭ ވާހަކައަކީ ދެކޮޅު ނުޖެހޭ ފުލޯކު ވާހަކައެކެވެ.

މިހާރަކަށް އައިސް އުޟްޙިޔާ ކަތިލަން ނިޔަތް ގަންނަ މީހާއަށް ޢީދު ދުވަހު ބަކަރި ކަތިލަންދެން ތިމާގެ ގައިގެ އެއްވެސް ތަނަކުން އިސްތަށި ކެނޑުމާއި ނިޔަފަތި ކެނޑުން ހުއްދަވެގެން ނުވާކަމަށް އަޑުފަތުރަމުން، ފަތުވާ ދެމުން އެބަ ދެއެވެ. އެއީ:

1. ޞައްޙަ ރިވާޔަތެއް ނޫނެވެ.

2. މުޙައްޤިޤުން ވިދާޅުވަނީ އެއީ އުއްމު ސަލަމާގެ ބަސްފުޅެއް ކަމަށެވެ.

3. ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ވާޖިބެއް އަދި ސުއްނަތެއް ވެސް ނޫން ކަމަށެވެ.

4. ޞައްޙަމަގުން ޢާއިޝަތުގެފާނާއި އެނޫން ބޭކަލުންގެ ކިބައިން ރިވާވެގެންވާ ފަދައިން ކީރިތި ރަސޫލާ ޙައްޖުވެރިންނާއެކު އުޟްޙިޔާ ކަތިލެއްވުމަށް ހަދުޔު ފޮނުއްވަތެވެ. އެހެނަސް އެކަލޭގެފާނު ޙައްޖުވެރިންނަށް މަނާވެގެންވާ އެއްވެސް ކަމަކުން އެއްކިބާވެ ވަޑައި ނުގަންނަވަތެވެ. އެބަހީ އިސްތަށްޓާއި ނިޔަފަތި ކެނޑުމުން އެއްކިބާވެ ވަޑައިގަތުމާއި އެއްދާން ކުރެއްވުމުން ދުރުހެލިވެ ވަޑައި ނުގަންނަވަތެވެ.

5. ޢީދަށް ދާމީހާއަށް އިސްތަށި ކޮށުމާއި ނިޔަފަތި ކެނޑުމަކީ ސުއްނަތަކަށް ވާހިނދު އިޙްރާމް ބަނުމަކާ ނުލައި އޭނާއަށް މިކަންކަން މަނާކުރުމީ ޢީދުގެ ސުއްނަތްތަކާ ފުށުއަރާ ކަމެކެވެ.

6. މާލިކީ މަޒްހަބާއި ޝާފިޢީ މަޒްހަބުގައި އަންނަނީ އެމީހާއަށް އިސްތަށި ކޮށުމާއި ނިޔަފަތި ކެނޑުމަކީ މަކްރޫހަ ތަންޒީހީ އެއް ކަމަށެވެ.

7. ޙަޤީޤަތުގައި އުޟްޙިޔާ ކަތިލަން ޤަޞްދުކޮށްފި މީހާ މިގޮތަށް އިސްތަށްޓާއި ނިޔަފަތި ނުކޮށާ ހުންނަ ހުރުމަކީ އުޟްޙިޔާ ކަތިލުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދިކިއެއްތަ އެއީ ބައެއް އަޞްޙާބު ބޭކަލުންގެ އިޖްތިހާދެކެވެ. މިގޮތަށް ބައެއް އަޞްޙަބު ބޭކަލުން އެއްދާން ކުރެއްވުމުން ވެސް އެއްކިބާވެ ވަޑައިގަންނަވަތެވެ.

8. މިކަމާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޒުބައިރާ ސުވާލު ވެވުމުން އެކަލޭގެފާނު ވިދާޅުވީ އެއީ ކަނޑައެޅިގެންހުރި ބިދުޢައެއް ކަމަށެވެ.

9. އެހެންކަމުން ޚުލާޞާއަކީ ބޮޑު ޢީދަށް އުޟްޙިޔާ ކަތިލުމަކީ ސުއްނަތެކެވެ. އެކަން އުޟްޙިޔާ ކަތިލަން ޤަޞްދު ކުރާމީހާ އޭތި ކަތިލަންދެން ގައިގެ އިސްތަށްޓާއި ނިޔަފަތި ނުކަނޑައި ހުރުމާއި އަދި އެއްދާން ނުކޮށް ހުރުމަކީ ސުއްނަތެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން