އަމިއްލަ އެދުން ބޮޑު މީހަކާއިއެކު ދިރިއުޅުމަކީ ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ކަމެކެވެ. އަދި މިއީ އެކުގައި އުޅުމަށް އެހައި އުނދަގޫވާ ކަމެއްވެސްމެއެވެ. އެހެންކަމުން މިފަދަ މީހުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ދެނެގަނެ، އެކަންކަމަށް ރަނގަޅަށް ލޯހުޅުވައި މިކަމާމެދު ސަމާލުވެ ގޮތެއް ނިންމުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިލިޔުމުގައި ހިމަނާލާފައިއެވަނީ އަމިއްލަ އެދުން ބޮޑު މީހުންގެ ކިބައިން ފެނޭ 8 ސިފައެވެ. މިއިން ކޮންމެ ސިފައަކީ، އޭގެ ސަބަބުން ދެމީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ ސިފަތަކެވެ.

1. އެމްޕަތީ/ ހަމްދަރުދީވުން ނެތުން

އަމިއްލަ ނަފްސާއިވެގެން އުޅޭ އަމިއްލަ އެދުން ބޮޑު މީހުންނަށް އެހެންމީހުންގެ އިހުސާސްތަކާއި ބޭނުންތައް ނުވިސްނޭނެއެވެ. އަބަދުވެސް އަމިއްލަ ނަފްސު އިސްކޮށް އެމީހުންގެ އިހުސާސްތަކާއި ބޭނުންތައް ކޮންމެ ޙާލަތެއްގައިވެސް ކުރިއަށް ނެރެ ހުރިހާކަމެއް އެމީހުންގެ ކަންކަމަށް ބަދަލުކޮށްލާނެއެވެ. މިހެންވުމުން، ދިރިއުޅުމުގައި އެއްވެސް ސަޕޯޓެއް ނުލިބޭކަމުގެ އިހުސާސް ތިބާއަށް ކުރެވޭނެއެވެ.

2. އަބަދުވެސް މީހުންގެ ސަމާލުކަން ހޯދުން؛

އަމިއްލަ އެދުންބޮޑު "ސެލްފް ސެންޓާރޑް" މީހުންނަކީ އަބަދުވެސް އެހެން މީހުންގެ ތައުރީފާއި ޘަނާ ބޭނުންވާ ބައެކެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއްގައިވެސް އަދި ބައެއްގެ ތެރޭގައި ވާހަކަދެއްކިޔަސް ހުރިހާ އެންމެނެގެ ސަމާލުކަން އޭނާއަށް ލިބެން މަސައްކަތްކުރެއެވެ. އަދި ހުރިހާ ކަމެއްގެ ސަމާލުކަން ނުލިބިއްޖެނަމަ، އޭނާ ރުޅިގަދަވެ އެހެންމީހުންނާއިމެދު ނުރުހުންފާޅުކުރެއެވެ.



3. ކުރެވޭ ކަންކަމުގެ ޒިންމާނެގުމާއި ދުރުހެލިވުން؛

ތިމާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެކަމަކާއި މާފަށްއެދި ކަމުގެ ޒިންމާނެގުމަކީ އިޖުތިމާއީ ރީތި އާދައެކެވެ. އެހެންނަމަވެސް، އަމިއްލަ އެދުން ބޮޑު މީހުންނަށް އެމީހުންގެ އަމިލއްލަ ކުށް ޤަބޫލުކުރުމަކީ އުނދަގޫ ކަމެކެވެ. މިފަދަ މީހުން އެހެންމީހުންގެ ކުރިމަތީގައި ވަކި ގޮތަކަށް 'އިމޭޖް' ހިފަހަށްޓަން ބޭނުންވާނެއެވެ. އެގޮތުން ތިމާއަކީ ކުށް ނުކުރާ ފުރިހަމަ މީހެއްކަމުގައި ދެއްކުމަށްޓަކައި ދޮގާއި މަކަރުންވެސް ކުށަށް އިއުތިރާފް ނުވުމަކީ މިމީހުންގެ އާދައެކެވެ.

4. ހުރިހާ އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހެނީ އެއްކޮޅުން؛

ދިރިއުޅުމުގައި ދިމާވާ ކުދިބޮޑު އެންމެހާކަމެއްގައި އެކަކު އަނެކަކަށް އަޅާލުމަކީ ދިރިއުޅުން ފަސޭހަވެ ހިތްހަމަޖެހުން ލިއްބައިދޭކަމެކެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައިވާ މީހުންނަށް ދިރިއުޅުމުގައި އެހެންމީހަކަށް ކޮށްދެވޭނެ ކަމެއް ނުވެސްފެންނާނެއެވެ. އެހެންނަމަވެސް އެމީހުންނަށް ބޭނުންޖެހޭ ކޮންމެ ހިނދެއްގައި ހުރިހާ އެހީތެރިކަމާއި އެއްބާރުލުން ތިބާގެ ފަރާތުން ހޯދާނެއެވެ. ތިބާ އެފަދަ ކަމެއް ބޭނުންވާ ހިނދަކު އޭނާގެ ފަރާތުން ރަނގަޅު ބަހެއްހައިތަންވެސް ނުލިބޭނެއެވެ.

5. އަޑުއެހުމުގެ ޤާބިލުކަން ނެތުން؛

އަމިއްލަ އެދުންބޮޑު މީހުންނަކީ ހުރިހާ ތަނެއްގައިވެސް ވާހަކަ ދައްކައިގެން އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ގެނުވަން ބޭނުންވާ މީހުންނެވެ. އެމީހުންނަށް އެހެން މީހުން ދައްކާވާހަކަ އަޑުއަހަން ހިމޭނުން ހުރުމަކީ ކުރަން އުނދަގޫކަމެކެވެ. އެހެންކަމުން، ތިބާގެ އިހުސާސްތައް ދެނެގަތުމަށް އޭނާ ބޭނުންނުވާނެއެވެ. ނުވަތަ އަޑުއެހިނަމަވެސް އަވަހަށް އެމައުލޫއެއް ބަދަލުކޮށްލައި އޭނާގެ މަށްޗަށް ސަމާލުކަން އަނބުރާލައެވެ. މިހެން ހެދުމުން ތިބާގެ އިހުސާސްތައް ހިއްސާކުރުމަށް އުނދަގޫވެ ސިކުނޑީގައި ގިނަކަންތައްތަކެއް ފުނިޖެހޭގޮތްވެއެވެ.

6. ގޮތް ނިންމުމުގައިވެސް އަމިއްލަ އެދުން އިސްކުރުން؛

އަމިއްލަ އެދުން ބޮޑު މީހުން ބައިވެރިޔާގާތުގައި ނާހައި ގޮތް ނިންމުމަކީ އާއްމުކަމެކެވެ. އަދި ދިރިއުޅުމަށް މީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރަކާއިމެދު އެމީހުން ނުވިސްނާނެއެވެ. ހަމައެކަނި އެމީހުންގެ ބޭނުންތަކާއި ހާސިލްކުރަން ބޭނުންވާ ކަންކަން ޙާސިލްވުމުން އެމީހުންނަށް ނިމުނީއެވެ. ތިބާގެ ބޭނުންތަކާއި އިހުސާސްތަކަށް ނުވިސްނާނެއެވެ.

7. އެއްބާރުލުން ނުދިނުން؛

ތިބާއަށް ދިމާވާ ކަންކަމުގައި ބައިވެރިޔާ އެއްބާރުލުން ނުދޭނަމަ އެކަމަށް ސަމާލުވާށެވެ. ލިބޭ ކުރިއެރުންތަކާއި ހާސިލްވާ ކަންކަން ފާހަގަ ނުކުރުމާއި ދެރަކަމެއް ދިމާވުމުން 'އިމޯޝަނަލް' ސަޕޯޓް ނުދިނުމަކީ އަމިއްލަ އެދުން ބޮޑު މީހުންގެ ފަރާތުން ފެނިދާނެ ކަންކަމެވެ.

8. އެމީހުންގެ ކަންކަން 'ވެލިޑޭޓް' ކުރުމަށް ބޭނުންވުން؛

އިމޯޝަނަލް ވެލިޑޭޝަންއަކީ ދިމާވާ ކަންކަމުގައި ތިބާގެ އިހުސާސްތައް ދެނެގަނެ އެކަންކަމުގައި އެއްބާރުލުން ދިނުމެވެ. ހިތާމައެއް ދިމާވެއްޖެނަމަ ހިތްހަމަޖެހޭނެ ބަސްތަކެއް ބައިވެރިޔާ ބުނުމެވެ. އަދި އުފާވެރިކަމެއް ނުވަތަ ކަމެއް ހާސިލްވުމުން އެކަމަށް ތައުރީފްކުރުމެވެ. އަމިއްލަ އެދުން ބޮޑު މީހުން އަބަދުވެސް ބޭނުންވާނީ ބައިވެރިޔާ އޭނާގެ އިހުސާސްތައް ވެލިޑޭޓްކުރުމެވެ. އެމީހުންނަށް ތަޢުރީފްކޮށް މާތްކޮށް ހިތުމަކީ އެހެންމީހުންގެ ދިރިއުޅުމުގެ މަޤްޞަދުކަމުގައި ދެކި އެފަދަ މީހުން އަބަދުވެސް މަސައްކަތް ކުރާނީ އެހެން މީހުންގެ ސަމާލުކަން ހޯދުމާއި އެހެންމީހުންގެ ފަރާތުން ތައުރީފު ހޯދުމެވެ.

ދިރިއުޅުމުގައި ބައިވެރިޔާގެ ފަރާތުން ފާހަގަކުރެވުނު ކަންކަން ފެންނަނަމަ، ތިޔަ ދިރިއުޅުމާއިމެދު ވިސްނާލުން މުހިންމެވެ. އުފާވެރި ދިރިއުޅުމަކަށް ބޭނުންވަނީ އެކަކު އަނެކެއްގެ އިހުސާސްތައް ދަންނަ އެކަކު އަނެކަކަށް އަޅާލާ އެއްބާރުލުންދޭ ބައިވެރިއެކެވެ. އަދި ތިބާގެ އަމިއްލަ ނަފްސުގެ ކިބައިގައި މިފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް ބަދަލު ކޮށްލާށެވެ. ރަނގަޅު ބައިވެރިޔަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަދި ވަކި ހިސާބަކުން ތިބާ މަތިން އޭނާ ފޫހިވެ ތިބާ ދޫކޮށްދިޔުމަކީ އެކަށީގެންވާކެމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން