ޞާދިރު ޢަލީދީދީ   20 ޖޫން 2023 - 14:14
(ކުރީގެ ޢަދަދާގުޅޭ)

.

إبراهيم عليه السلام ގެ ޒަމާން އައިރު ޝަރީކުކުރުން އޮތީ އޭގެ އިންތިހާއަށް ގޮސްފައެވެ. ބަލައިލި ކޮންމެ ދިމާއެއްގައި ބޮޑެތިބޮޑެތި ބުދުފައްޅިތައް ހުއްޓެވެ. އެބުދުތަކުން ދުރުހެލިވެތިބެ ވިސްނުމަކީ އިންސާނުންގެ ކުރިމަތީގައި މުސްތަޙީލް ކަމަކަށް ވެފައިވާ ކަހަލައެވެ. އެފަދަ ދުވަސްވަރެއްގައި މާތް ﷲ ގެ އަމުރުފުޅަށް إبراهيم عليه السلام ހިލަބިމެއްގައި އައު ނަސްލެއް ތައްޔާރު ކުރެއްވުމުގެ މަޝްރޫޢު ފެއްޓެވިއެވެ. އެއީ ރައްކާތެރި ސަރަޙައްދެއްގައި އައު އަފްރާދުންތަކެއް ތައްޔާރު ކުރެއްވުމުގެ މަޝްރޫޢެކެވެ. އެއީ ބޭރުފުށުން ފެންނަފެނުންތަކުގެ ދާއިރާއަށްވުރެ ދުރަށް ވިސްނުން ހިންގައި ޙަޤީޤަތަށް އިޢުތިރާފް ވެވޭފަދަ ބަޔަކު ތައްޔާރު ކުރެއްވުމުގެ މަޝްރޫޢެކެވެ. އާދެ، ކީރިތި ޤުރްއާނުގައި އަންނަނިވި ފަދައިން އެބައެއްގެ ވާހަކަ ވަޙީކުރައްވާފައިވާ ނަސްލު އެއިންސާނީ މާއްދާއިން އުފެދުނެވެ.

" އަދި އެހެނެއްކަމަކު ﷲ ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި ތިޔަބައިމީހުންގެ ހިތްތަކުގައި އެއީމާންކަން ޒީނަތްތެރި ކުރެއްވިއެވެ. އަދި ކާފިރުކަމާއި ފާސިޤުކަމާއި އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރި ކުރެއްވިއެވެ. އެބައިމީހުންނަކީ ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ. " (އަލްޙުޖުރާތު: 7)

މިއާޔަތުގެ ގުރިހަމަ މަފްހޫމް އަޅުގަނޑުމެންނަށް ވިސްނޭނީ މީގެ ދޮޅުހާސް އަހަރުކުރީގެ ޙާލަތު އޮތްގޮތާ ގުޅުވައިގެން އަޅުގަނޑުމެން ފިކުރު ހިންގުމުންނެވެ. ރަސޫލާގެ ޞަޙާބީން އީމާންވެވަޑައިގެންނެވި ދުވަސްވަރު ދުނިޔޭގެ ކަންތައް ހުރި ގޮތާމެދު ވިސްނުމުންނެވެ. އެބޭކަލުން ލޮލަށް ފެންނަ "ކަލުން" ތަކެއްގެ ބައިގަނޑެއްގެ މެދުގައި ތިއްބައި ވަންހަނާވެ ވޮޑިގެންވާ ކަލަކު ހޯއްދެވިއެވެ. އެބޭކަލުންގެ ހުރިހާވެސް ބަރޯސާއަކީ އެކަލާނގެ ރަސްކަންފުޅުކަމުގައި ހެއްދެވިއެވެ. މަތިވެރިކަމާއި ހައިބަވަންތަކަމުގެ "މުންނާރު" ތަކެއްގެ މެދުން އެއްވެސް ވަސީލަތްތަކެއް ލިބިފައިނެތް ބީރައްޓެހި ދީނަކާމެދު އެބޭކަލުންގެ ހިތްޕުޅުގައި އުފެދުނު ލޯބީގެ މަތިވެރިކަމުން އެދީނަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއް ވެވަޑައިގަތުމަކީވެސް އެބޭކަލުންގެ އަރިހުގައި ކުޑަކޮށްވެސް އުނދަގޫފުޅު ކަމަކަށެއް ނުވިއެވެ. ޚުލާސާކޮށް ދަންނަވާނަމަ އެބޭކަލުން މާއްދީ ސިފަ ނުލިބިއޮތް ޙަޤީޤަތެއް ދެކެވަޑައިގެންނެވިއެވެ. އެޙަޤީޤަތް ކަށަވަރުކޮށްދޭ ތާރީޚީ ހެކިތަކެއް އޭރަކު އެޙަޤީޤަތުގެ ފަހަތަކަށެއް ޖަމާވެފައެއް ނުވެއެވެ. އޭރަކު އެޙަޤީޤަތަކީ ޤައުމީ ފަޚްރުގެ ރަމްޒަކަށް ވެފައެއްނެތެވެ. އެޙަޤީޤަތަށްޓަކައި އެބޭކަލުންނަށް ޖެހިވަޑައިގެންފައި އޮތީ އެބޭކަލުންގެ ހުރިހާ އެއްޗެހިކޮޅެއް ދެއްވާށެވެ. އެކަމަކު މިދުނިޔެއިން އެކަމުގެ އެއްވެސް ބަދަލެއް ލިބިވަޑައިގަތުމަކަށް ހަމަޖެހިފައެއް ނެތެވެ.

މިކަން ސާބިތުކޮށްދޭ އެއްމިސާލަކީ އިތުރު ސާހިބާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހިޖުރައިގެ ކުރިން ޢަޤަބާގައި ހިފެވުނު ދެވަނަ ބައިޢަތެވެ. ދުވަސްވަރަކީ މުސްލިމުންނަށް މައްކާގެ ވެށީގައި ނޭވާލުންވެސް އިންތިހާޔަށް ދަތިވެފައިއޮތް ދުވަސްވަރެކެވެ. އެދުވަސްވަރު މުސްލިމުންގެ ބައެއްބޭކަލުންގެ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގެ ސަބަބުން މަދީނާގައި އިސްލާމްދީން ފެތުރޭންފެށިއެވެ. މަދީނާގެ ހުރިހާ ގެއަކަށް އިސްލާމްދީން ވަނުމުން އަންޞާރިއްޔަ ބޭކަލުންކުރެ ބައެއް ބޭކަލުން މައްކާއަށް ވަޑައިގަންނަވާން ޤަޞްދު ކުރެއްވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ބައްދަލުކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވުމުގެ ބައިޢަތު ހިއްޕެވުމަށްޓަކައެވެ. އަދި އެމާތް ސާހިބާއަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖްރަ ކުރެެއްވުމުގެ ދަޢުވަތު އެރުއްވުމަށްޓަކައެވެ.

އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ جابر رضي الله عنه ވިދާޅުވެފައިވެއެވެ. މަދީނާގެ ހުރިހާ ގެތަކަކަށް އިސްލާމްދީން ވާޞިލުވިހިނދު އަހަރެމެން މަޝްވަރާކުރީމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މައްކާގެ ފަރުބަދަތަކުގެ ތެރޭގައި ހިތްޕުޅު ނުތަނަވަސް ކަމުގައި ސިހިވަޑައިގެން ހުންނަވައި ބުރުޖައްސަވާން ދޫކޮށްގެން އަހަރެމެން ތިބޭންވީ ކިހާދުވަހެއް ވަންދެންހެއްޔެވެ؟ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ނަޞްރުދޭނެ ވާގިވެރީން ނެތުމަކީ ހަމައެކަނި ބޭރުފުށުން ކަންތައްތައް ދެކޭ މީހުންގެ ނަޒަރުގައި އެކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލެއް ނޫންކަމުގެ ހެއްކެކެވެ. އެފަދަމީހުން ބުނެއުޅެއެވެ. އެކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލެއްނަމަ އެކަލޭގެފާނަށް ތިޔަފަދަ ޙާލުކޮޅެއްގައި އުޅުއްވަން ޖެހިވަޑައިގަންނަވާންވީ ކީއްވެގެން ހެއްޔެވެ؟ ނަމަވެސް އަންޞާރިއްޔަ ބޭކަލުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްސަލަ ޙަޤީޤަތުގެ ނަޒަރަކުން ބެއްލެވިއެވެ. އެކަލޭގެފާނުގެ މައްސަލައަކީ އިލާހީ މައްސަލައެއްކަން ވިސްނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ނަޞްރުދެއްވުމަކީ މާތް ﷲ ގެ ރަޙްމަތާއި ބަރަކާތުގެ ޙައްޤުވެރީންކަމުގައި އެބޭކަލުން ވެވަޑައިގަންނަވާނެ ކަމެއްކަން އެބޭކަލުންނަށް ވިސްނިވަޑައިގެންނެވިއެވެ.

ޢަޤަބާގެ ދެވަނަ ބައިޢަތުގައި މަދީނާގެ ހަތްދިހައަށްވުރެ ގިނަ ބޭކަލުން މައްކާއަށް ވަޑައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވިއެވެ. އެބައިޢަތު ހިއްޕެވިއިރު ޙާލަތު އޮތް ނާޒުކުކަން ދޭހަވާ އެއްރިވާޔަތަކީ އެވަފްދުގެ މެމްބަރެއް ކަމުގައިވާ كعب بن مالك الأنصاري رضي الله عنه ގެ އަންނަނިވި ބަޔާނެވެ.

އަހަރެމެން މަދީނާއިން މައްކާއަށް ދާންފުރީ އަހަރެމެންގެ ޤަބީލާގެ މީހުން އާދައިގެމަތީން ޙައްޖަށްދާން މަދީނާއިން ފުރިއިރުއެވެ. އަހަރެމެންވެސް ޙައްޖަށްދިއުމުގެ ނަމުގައި ހަނުހިމޭންކަމާއެކު އެދަތުރުގައި ބައިވެރިވެއްޖައީމުއެވެ. ޤަބީލާގެ މީހުން މައްކާގެ ކައިރީގައި ފޭލިގެ ޖެހުމުން އަހަރެމެންވެސް އެހެންމީހުންނާއެކު ރޭގަނޑުނިދާން އޮށޯވެއްޖައީމުއެވެ. ރޭގަނޑުގެ ތިންބައިކުޅައެއްބައި ވޭތިވުމުން އަހަރެމެންގެ ތަންމަތިތަކުން މަޑުމަޑުން ތެދުވެއްޖައީމުއެވެ. އަދި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ބައްދަލުވާން އަހަރެމެން އަހަރެމެން ވަޢުދުވެފައިވާ ތަނަށްދާން ދޫނިތަކެއް ގސްތަކުގެތެރޭގައި ބޮނދަމުން މަޑުމަޑުން ހިނގާގޮތަށް ހިނގާފައި ހިނގައްޖެއީމުއެވެ. (ސީރަތު އިބްނު ހިޝާމު 2، ސަފްހާ: 49)

އާދެ، އެއީ ކިހާ ޢަޖާއިބުވާފަދަ ދަނޑިވަޅެއްތޯއެވެ. ދުނިޔެވަނީ ނަބިއްޔާ ޤަބޫލުނުކޮށް ރައްދުކޮށްފައެވެ. ހަމަ އެދަނޑިވަޅުގައި ބަޔަކު އެކަލޭގެފާނު ޤަބޫލުކުރުމަށް އިސްނެގީއެވެ. އެވަގުތަކީ އެކަލޭގެފާނުގެ ވަޒަން އެކަލޭގެފާނަށްޓަކައި ދަތިވެފައިވާ ވަގުތެކެވެ. އެއީ ޠާއިފުގެ އަހްލުވެރިން އެކަލޭގެފާނުގެ ގައިކޮޅަށް ހިލައުކައި ރަށުން ބޭރުކޮށްފައިވާ ވަގުތެވެ. އެއީ ޢަރަބީންގެ ހުރިހާ ޤަބީލާތަކެއް އެބައިމީހުންގެ ޙިމާޔަތަށް އެކަލޭގެފާނު ގެންދިޔުމަށް އިންކާރުކޮށްކޮށް ތިބި ވަގުތެވެ. އެފަދަ ވަގުތެއްގައި މަދީނާގެ އަހްލުވެރީން އެކަލޭގެފާނަކީ ތެދުވެރި ބޭކަލަކުކަން ފާހަގަކުރީއެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އާދޭހެވެ ދެންނެވީއެވެ. އެފަދަ ވަގުތު މަދީނާގެ އަންޞާރިއްޔަ ބޭކަލުން އިތުރު އެކަލޭގެފާނަށް ބައިޢަތު ހިއްޕަވަން ވަޑައިގަންނަވަނިކޮށް އެއްބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ބައިޢަތު ހިފަނީ ކޮންކަމެއްގެ މައްޗަށްކަން އެނގޭހެއްޔެވެ؟ މިއީ ތިމާގެ މުދަލާއި ތިމާގެ ދަރީން ނެތިކޮށްލުމުގެ މައްޗަށް ބައިޢަތު ހިފުމެވެ. އެބޭކަލަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ސުވާލު ކުރެއްވިއެވެ. އަޅުގަނޑުމެން މިބައިޢަތުގެ ޢަހްދު އޭގެ ނިހާޔަތަށް ފުރިހަމަކޮށްފިނަމަ އަޅުގަނޑުމެންނަށް އޮތީ ކޮންކަމެއްތޯއެވެ. އިތުރު ސާހިބާ ވިދާޅުވިއެވެ. "ސުވަރުގެއެވެ" އެޞަޙާބީ ވިދާޅުވިއެވެ. ކަލޭގެފާނުގެ އަތްޕުޅު ދައްކަވާށެވެ. އަޅުގަނޑު ކަލޭގެފާނަށް ބައިޢަތު ހިފަމެވެ.

އެދީނަކީ ޙައްޤު ދީންކަމާމެދު ގިނަބަޔަކު ޚިޔާލު ތަފާތުވެފައިވަނިކޮށް ތިމާގެ އަމިއްލަ ނަފްސު އެދީނަކާ މިގޮތަށް ޙަވާލުކުރުމާއި، ތިމާގެ ހުރިހާ އެއްޗެއްސެއް އެފަދަ ޤާއިމް ނުކުރެވިއޮތް ޙައްޤަށްޓަކައި ޤުރްބަންކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ތާރިޚުގައި އިޖްތިމާޢީ ފެންވަރެއްގައި މިކަން ހިނގައިފައިވަނީ ހަމަ އެންމެފަހަރަކުއެވެ. އޭގެ ކުރިޔަކުންވެސް އަދި ފަހަކުންވެސް އެފަދަ ޙާދިޘާއެއް ހިނގައިފައެއް ނުވެއެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން