ހަމައަށް ނިދި ލިބުމަކީ ދުޅަހެޔޮ ޞިއްޙަތަކަށް ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން ހަމަނިދި ހޯދުމަށް ބޭނުންވާ ކަންކަން ބެލުމަކީ ނުހަނު މުހިންމުކަމެކެވެ. މީހާގެ ލައިފްސްޓައިލްއާއި ނިދާ ތަނުގެ މާހައުލުންވެސް، އަރާމު ނިންޖަށް އަސަރުކުރެއެވެ. ނިދާ ތަނުގައި މީރުވަސް ހުރުމަކީ ނިދުމަށް ފަސޭހަވެ އަރާމް ނިންޖެއް ލިއްބައިދޭނެ ކަމެކެވެ. ތިރީގައިމިވަނީ ނިދާ ތަނުގައި މީރުވަސް ހުރުމުން ލިބިދޭ ބައެއް ފައިދާތަކަށެވެ.



1. 'ރިލެކްސްވުމަށް' ނުވަތަ ހަމަޖެހިލުމަށް ފަސޭހަވުން؛

ހަމަނިދި ލިބުމާއިބެހޭގޮތުން ދިރާސާ ކޮށް ތައްޔާރުކޮށްފައިވާ ގިނަ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި ނިދާތަނުގައި ޖަހާފައި ހުންނަ ބައެއްކަހަލަ ރޫމް ސްޕްރޭގައި އެހުންނަ ވަހަކީ މީހާގެ ސިކުނޑިއާއި ހަށިގަނޑު ހަމަޖެހުމަށް ނުވަތަ ރިލެކްސްކޮށްލުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިގޮތުން ލެވެންޑަރ، ކެމޮމައިލް އަދި ވެނީލާއަކީ ހިތްހަމަޖެހި މީހާގެ ސިކުނޑި ހަމަޖެހުމަށް އެހީތެރިވެދޭ މާއްދާތައް އެކުލެވޭ ބާވަތްތަކެކެވެ. އެމެރިކާގެ މައިއާމީ ސްކޫލް އޮފް މެޑިސިންއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސާވޭގައި ބައިވެރިން އެންމެ އަވަހަށް ނިދި އަދި އަރާމު ފުން ނިންޖެއް ލިބުނީ ލެވެންޑަރ ސެންޓް ބޭނުންކުރުމުންނެވެ.

2. އަރޮމާ ތެރަޕީއަކީ ކޮލިޓީ ނިންޖަކަށް މުހިންމު އެއްޗެއް؛

އަރޯމާ ތެރަޕީއަކީ އެސެންޝިއަލް އޮއިލްއާއި ސެންޓް، ތެރަޕީއެއްގެ ގޮތުގައި ބޭނުންކުރުމަށް ކިޔާ ނަމެކެވެ. އެރޯމާ ތެރަޕީއަކީ، އެސެންޝިއަލް އޮއިލްގެ އަސަރު ނޭފަތުން ހަށިގަނޑުގެ ތެރެއަށް ވަހުގެ ގޮތުގައި ފޮނުވުމާއި މަސާޖުކޮށްގެން ހަމުގެ ތެރެއަށް ފޮނުވައިގެން ހަށިގަނޑު ރިލެކްސް ކުރުމަށް ބޭނުންކުރާ ތެރަޕީއެކެވެ. އެސެންޝިއަލް އޮއިލްއަކީ ފަތްޕިލާވެލީގެ ގުދުރަތީ ބާވަތްތަކުން ތައްޔާރުކުރެވިފައިވާ ނުހަނު ފައިދާހުރި އެއްޗެކެވެ. ނޯށުން އެތެރެވާ އެސެންޝިއަލް އޮއިލްގެ މޮލެކިއުލްތައް އޮލްފެކްޓަރީ ނާރުތަކުން ސީދާ ސިކުނޑިއަށް ވާސިލްވެ އިހުސާސްތަކާއި ގުޅޭ މަސައްކަތްތައް ކުރާ އެމިގްޑަލާއަށް ވާސިލްވެއެވެ. މިސަބަބާހުރެ މީހާ ރިލެކްސްކޮށްދެއެވެ.

3. ބައެއް ވަހުން ހަމަ ނިންޖަށް އަސަރުކުރޭ؛

ބައެއް ވަސްތަކަކީ ނިދުމަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ހަމަމިގޮތަށް ބައެއް ވަސްތައް ނިދާތަނުގައި ހުރުމުން ނޭފަތަށް އުނދަގޫވެ ނިދުމަށް އަސަރުކުރުވައެވެ. ބައެއް މީހުންނަކީ އެސެންޝިއަލް އޮއިލްސް ނުވަތަ ރޫމް ސްޕްރޭގައި އެކުލެވޭ ބައެއް މާއްދާތަކަށް އެލާޖިކުވާ މީހެއްނަމަ ނޭފަތަށް އުނދަގޫވެ ރޭގަނޑުގެ ނިދި ހަރާބުވެއެވެ. އެހެންކަމުން، ކޮޓަރީގައި ވަސް ދުއްވަން ބޭނުންކުރާ ސްޕްރޭ އާއި އެސެންޝިއަލް އޮއިލްފަދަ ތަކެތި ގަތުމުގައި އެކުލެވިގެންވާ ތަކެތި ބެލުމަށްފަހު އެލާޖިކްނުވާ ރަނގަޅު ބާވަތެއް ޚިޔާރުކުރަންވާނެއެވެ.

4. ނިދުމާއި ގާތްކޮށް ސެންޓު ބޭނުންނުކުރުން؛

ނިދާވަގުތު ވަސްގަދަ ސެންޓު ގަޔަށް ނުވަތަ ވަސްގަދަ ރޫމް ސްޕްރޭ ޖެހުމަކީވެސް ނިދީގެ ކޮލިޓީ ދަށްވެދާނެކަމެކެވެ. ނިދުމުގެ ވަގުތު ކައިރިކޮށް މިގޮތަށް ވަސްގަދަ ސެންޓު ބޭނުންކުރުމުން އޮލްފެކްޓްރީ ނާވަސް ސިސްޓަމް މާބޮޑަށް ސްޓިމިއުލޭޓްވެ އަރާމު ކުރުމަށް އުނދަގޫވެދެއެވެ. އެހެންކަމުން ނިދުމުގެ ގަޑިއެއްހާއިރު ކުރިން ސެންޓު ބޭނުންކުރާށެވެ. ނުވަތަ ނިދުމަށް ޚާއްސަ ޕިލޯ ސްޕްރޭ އާއި ސްލީޕް މިސްޓްތައް ބޭނުންކުރާށެވެ.



ނިދާ ވަގުތުގައި މީރުވަސް ކޮޓަރީގައި ހުރުމަކީ ހަށިގަނޑާއި ސިކުނޑި ރިލެކްސްވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެސެންޝިއަލް އޮއިލްއެއް ޚިޔާރުކުރުމުގައި ތިމާއަށް ކަމުދާ ވަހެއް ހުންނަ، އެލާޖިކްވާ މާއްދާތައް ނުހިމެނޭ ޕްރޮޑަކްޓެއް ޚިޔާރު ކުރުމުން ކޮލިޓީ ނިންޖެއް ލިބުމަށް އެހީތެރިވެދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން