ޞާދިރު ޢަލީދީދީ   22 ޖޫން 2023 - 10:54
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ވަޑައިގެންނެވިއިރު، މިޒަމާނުގައި ޤައުމީ މައްސަކަތަކޭ މިކިޔޭ ބާވަތުގެ ހުރިހާ މައްސަލަތަކެއް ޢަރަބިކަރަޔަށް ވަރުގަދައަޔަކަށް ކުރިމަތިވެފައި އޮތެވެ. މިހާރަކަށްއައިސް ދުނިޔޭގައި ޢާއްމުކޮށް ބޮޑެތި ތަޙްރީކުތައް ހިނގަނީ އެބާވަތުގެ ކަންކަމުގެ ނަމުގައެވެ. އެބާވަތުގެ މައްސަލަތައް ވިސްނުންތެރީންނަށް އަސަރު ފޯރުވައެވެ. އެބައިމީހުން އެމައްސަލަތަކުގެ އަޑުއުފުލަމުން ތެދުވެއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާން އައިއިރު ޢަރަބީންގެ ތެރޭގައި މިދެންނެވި ބާވަތުގެ ހުރިހާ މައްސަލަތަކެއް ހުރުމާއެކުވެސް އެކަލޭގެފާނު އެއިން އެއްވެސްކަމަކާ ކުޑަކޮށްވެސް ބެހިވަޑައެއް ނުގަންނަވައެވެ. އިތުރު ސާހިބާ އެމައްސަލަތަކުގެ ތެރޭގައި ބަނދެވިވަޑައުގެންނެވި ނަމަ އޭގެ ނަތީޖާއަކަށްވީހީ، ދެހާސް ފައްސަތޭކަ އަހަރުގެ ސަބަބު މެދުވެރިކުރެއްވުމުން މާތް ﷲ ގެ ދީން ފެތުރުއްވުމަށްޓަކައި ފަހިކުރައްވައިފައި އޮތް ހުރިހާ ފުރްޞަތުތަކެއް ނަންގަވައިލެއްވުން ކަމުގައެވެ.



1. މީލާދީން 525 ވަނަ އަހަރުގައި ޙަބަޝާގެ ސަރުކާރުންވަނީ ޢަރަބިކަރައިގެ ސަރަޙައްދީ ޕްރޮވިންސެެއް ކަމުގައިވާ ޔަމަނަށް ވެރިވެފައެވެ. އިތުރު ސާހިބާ ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރު ޙަބަޝާގެ ރަސްގެފާނުގެ ފަރާތްޕުޅުން ޔަމަނުކަރައިގެ ގަވަރުނަރަކަށް ހުރީ އަބްރަހަތެވެ. އަބްރަހަތުގެ ޖެހިލުންކުޑަކަން ގޮސްފައިވާ ހިސާބަކީ، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ވަޑައިގެންނެވި އަހަރު، 570 މ ވަނަ އަހަރު އެތުގެ ލަޝްކަރާއިގެން އޭނާ މައްކާއަށް ޙަމަލަދިނެވެ. އޭނާގެ މަޤްޞަދަކީ ގެފުޅު މުގުރައިލައި ޢަރަބިކަރައިގައި މައްކާއަށް ލިބިފައި އޮތް މަރުކަޒީ ޙައިޘިއްޔަތު ކަނޑުވައިލުމެވެ.

ޔަމަނުކަރައިގެ މައްޗަށް 50 އަހަރު ވެރިކަން ކުރުމަށްފަހު ޙަބަޝީންގެ ބާރު ކެނޑޭއިރަށް ފާރިސީންގެ ބާރުގެ ދަށަށް ޔަމަނުކަރަ ހިނގައްޖެއެވެ. ފާރިސީ ދައުލަތުގެ ފަރާތުން ޔަމަނުގެ ގަވަރުނަރަކަށް ހަމަޖެހުނީ ބާޒާނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވައި، ފާރިސީންގެ ރަސްގެފާނު ކިސްރާއަށް އެޚަބަރު ލިބުމުން އޭނާ ބާޒާނަށް ލިޔުނެވެ. " ނަބީކަމަށް އެދަޢުވާކުރާ މީހާގެގާތަށް ދާށެވެ. އޭނާގާތު އެދައުވާ ހުއްޓައިލަން ބުނާށެވެ. އޭނާ އެދައުވާ ހުއްޓައިނުލައިފިނަމަ އޭނާގެ ބޯކަނޑައިފައި އަހަރެމެންގެ ގާތަށް ފޮނުވާށެވެ." (ސީރަތު އިބްނު ހިޝާމް)

މިޙާދިޘާއިން އެނގެނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފާޅުކުރެއްވި އިރު ޢަރަބިކަރައިގެ ސަރަޙައްދުތަކަށް ވެރިވެގެންތިބި ބޭރުމީހުންގެ ފުށުން ކުރިމަތިވެފައިއޮތީ ކިހާ ނުރައްކައުތެރި މައްސަލަތަކެއްކަމެވެ. އެފަދަ ޙާލަތެއްގައި އިތުރު ސާހިބާއަށް ހެއްދެވިދާނެ އެއްގޮތަކީ ބޭރުމީހުންގެ އަޅުވެތިކަމާ ދެކޮޅަށް އެކަލޭގެފާނުގެ ޤައުމު (ޢަރަބީން) ނެރުއްވުމެވެ. ބޭރުމީހުންނާ ދެކޮޅަށް ވަގުތުން ހަނގުރާމަ ފެއްޓެވުމެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެގޮތަކަށް ކަންތައްތަކެއް ނުކުރައްވައެވެ. އެހެނީ މަޞްލަޙަތު ލާޒިމުކުރާ ގޮތަކީ އެކިއެކި މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާން އެންމެ އެކަށީގެންވާ ދަނޑިވަޅު އައުމުގެ ކުރީން މީހުންގެ މެދުގައި ކޯޅުންތައް ނުއުފެއްދެވުމެވެ. އާދެ، އެހެންކަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަނުހިމޭންކަމާއެކު ދީނީ ދަޢުވަތުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. ނަތީޖާއަކަށްވީ ތާރީޚުން ފެނިފައިވާ ފަދައިން ޚުދް ބާޒާން އިސްލާމްވެވަޑައިގަތުމެވެ. ޔަމަނުކަރައިގެ ޢަރަބި ކްރިސްޓިޔަނުންކުރެވެސް ގިނަ މީހުން އިސްލާމްދީނަށް ވަނުމެވެ. އާދެ، ޤައުމީ ލީޑަރުން ސިޔާސީ ޙަރަކާތްތަކުގެ ޒަރީޢާއިން ޙާޞިލްކުރައްވާން ނާކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވާނެ މަޤްޞަދެއް އިތުރު ސާހިބާ ދަޢުވަތުގެ ޒަރީޢާއިން ކާމިޔާބު ކަމާއެކު ޙާޞިލްކުރެއްވީއެވެ.

2. އަބޫޠާލިބުގެފާނު އަވަހާރަވުމާ ވިދިގެން، ޢަރަބީންގެ ޤަބީލީ އާދަކާދައިގެ މަތީން ހާޝިމްވަންހައިގެ ޒަޢީމަކަށްވީ އަބޫލަހަބެވެ. އޭނާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ހިމާޔަތް އެރުވުމާ އިންކާރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ސާހިބާއަށް ޖެހިވަޑައިގަތީ އެކަލޭގެފާނަށް ހިމާޔަތް އަރުވާނެ ޤަބީލާއެއް ހޯއްދަވާށެވެ. އެކަލޭގެފާނު ޙިމާޔަތް އަރުވާނެ ބަޔަކު މަތިވޭތޯ އެކިއެކި ޤަބީލާތަކުގެ މީހުންގެ ގާތަށް ވަޑައިގެންނެވިއެވެ. މިގޮތުން ޢަރަބިކަރައިގެ ސަރަޙައްދީ ޤަބީލާއެއް ކަމުގައިވާ ބަނޫ ޝައިބާން ބިން ޘަޢުލަބާގެ މީހުންނާވެސް ވާހަކަ ދެއްކެވިއެވެ. އެޤަބީލާގެ ސަރުދާރު، مثني بن حارثة رضي الله عنه އެވާހަކަފުޅުގެ ޖަވާބުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ ކިސްރާ (ފާރިސީންގެ ރަސްގެފާނު) ގެ އަވަށްޓެރިކަމުގައި ދިރިއުޅޭ ބަޔަކީމުއެވެ. އަޅުގަނޑުމެން އެތާތިބެނީ ކިސްރާއާއި އަޅުގަނޑުމެންނާ ދެމެދު ކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުންނެވެ. އެގްރީމެންޓުގައި ހިމެނޭ އެއްކަމަކީ އަޅުގަނޑުމެން އައުގޮތެއް ޙިޔާރު ނުކުރުމާއި، އައުގޮތެއްގެ ވާހަކަ ދައްކާމީހަކަށް އަޅުގަނޑުމެންގެ ތެރެއިން ޙިމާޔަތް ނުދިނުމެވެ. ކަލޭގެފާނު ތިޔަ ދަޢުވަތު ދެއްވާކަމަކީ ފަހަރެއްގައި ރަސްރަސްކަލުން ރުހިވަޑައިނުގަންނަވާނެ ކަމަކަށް ވެދާނެއެވެ." (ސީރަތު އިބްނު ހިޝާމް)

މިޙާދިޘާއިން އެނގޭގޮތުގައި ޢަރަބިކަރައިގެ ވަށައިގެން ތިއްބެވި ބޭރުގެ ރަސްރަސްކަލުންގެ ނުފޫޒުގެ ސަބަބުން ޢަރަބީންގެ ތެރޭގައި އުފެދިފައިއޮތީ ހަމައެކަނި ސިޔާސީ ނުވަތަ ޤައުމީ މައްސަލަތަކެއް ނޫނެވެ. އަދި ކީއްތޯއެވެ. ދީނީ ދަޢުވަތާއި ދީންފެތުރުމުގެ މަސައްކަތަށްވެސް އެކަމުގެ އަސަރު އޮތީ ފޯރައިފައެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބޭރުގެ ނުފޫޒުތައް ކަނޑުއްވައި ނުލެއްވޭހާ ހިނދަކު ދަޢުވަތުގެ މަސައްކަތްޕުޅު ކުރިއަކަށް ނުގެންދެވޭނެއޭ ޙަދީޘްކުރައްވާފައި އެންމެ ފުރަތަމަ މަރްޙަލާގައި ބޭރުގެ ބާރުތަކާ ހަނގުރާމަ ފެއްޓެވީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނު އެކަމުގެ ވަގުތު އައުމަަށް އިންތިޒާރު ކުރައްވަމުން ގެންދެވީއެވެ. ޤުދްރަތުން ރާއްވަވާފައިވަނީ އެންމެ ފުރަތަމަ ރޫމީންނާއި ފާރިސީން ވިހި އަހަރުވަންދެން އެއްބަޔަކު އަނެއްބަޔަކާ ތަޅައިފޮޅައި ނިކަމެތިވުމަށެވެ. އެހާތަނުން މުސްލިމުންނާ ދެކޮޅަށް ބާރުގެބޭނުން ކުރުމާއި ކެހިވެރި ރޭވުންތައް ރޭވުމުގެ އިލްޒާމް އެބައިމީހުންގެ ބޮލުގައި އެޅި މުސްލިމުންނަށް އެތަންތަން ފަތަޙަކުރަން ފަސޭހަވުމަށެވެ. ޝައްކެއްނެތެވެ. މުސްލިމުން އެންމެ ފުރަތަމަ މަރްޙަލާގައި ރޫމީންނާއި ފާރިސީންނާ ދެކޮޅަށް ހަނގުރާމަ ފެށިނަމަ ފެނިގެން ދިޔައީހީ މުޅިން ތަފާތު ނަތީޖާއެކެވެ. ރަނގަޅު ދަނޑިވަޅުގައި މުސްލިމުން ރޫމީންނާއި ފާރިސީންނާ ދެކޮޅަށް ޖިހާދު ފެށުމުން ލިބުނު އަންތަރީސް ވާފަދަ ފަތަޙައާއި ކާމިޔާބީއާ އިދިކޮޅު ނަތީޖާއެކެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން