މިޒަމާނުގައި އުމުރަކީ ހަޔާތުގެ ބަަައިވެރިއެއް ހޯދުމަށް އެހައި ބޮޑަށް ބަލާ އެއްޗެއް ނޫނެވެ. އަންހެން ކުއްޖާއަށްވުރެ ފިރިހެން މީހާ ބޮޑުވިޔަސް ނުވަތަ ކުޑަވިޔަސް ދެމީހުންގެ މެދުގައި ލޯތްބާއި އިހުތިރާމް އޮތްނަމަ ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެއެވެ. އެހެން ނަމަވެސް ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތަށް ގެންނަން ބޭނުންވާ މީހެއްގެ ކިބައިގައި ވަކި ސިފަތަކެއް ފުރިހަމަ ވުމަށް އެދެއެވެ. ބައެއް މީހުންނަށް އެއީ ބޭރު ފުށުގެ ސިފަތަކެވެ. އަނެއް ބަޔަކަށް އެއީ ވަކި ހުނަރުތަކެއް ހުރުމެވެ. އަދި އުމުރުވެސް ބައެއް މީހުންނަށް ވަރަށް މުހިންމުވެއެވެ.

ބައެއް އަންހެން ކުދިން ބޭނުންވަނީ އުމުރުން ދޮށީ ފިރިހެނުންނާއި ކައިވެނި ކުރާށެވެ. މިއީ އޭނާއާއި އެއް އުމުރުގެ ފިރިހެން ކުދިން ހައިރާން ކުރުވާ ކަމަކަށްވީ ނަމަވެސް ބައެއް ކުދިން ރައްޓެހިވެގެން އުޅޭ މީހުންގެ އުމުރު އެކުދިންނާއި ބަލައި 10 އަހަރަށް ވުރެވެސް ބޮޑެވެ. މިއީ މިޒަމާނުގައި އެކަނި ވާގޮތެއް ނޫނެވެ. ކުރީ ޒަމާނުގައިވެސް އުމުރުން ދޮށީ ފިރިހެނުންނާއި އަންހެން ކުދިން ކައިވެނިކޮށްފައި އެބަހުއްޓެވެ.

އުމުރުން ދޮށީ ފިރިހެނަކު އިޚްތިޔާރު ކުރުމަށް ޒުވާން އަންހެނުން ބޭނުންވާ އެއް ސަބަބަކީ އުމުރުން ދޮށީ ފިރިހެނުންނަކީ ވިސްނުމާއި ގޮތް ނިންމުމުގައި އުސޫލުތަކެއް ގެންގުޅޭ ހަރުދަނާ ބަޔަކަށް ވުމެވެ. ސަބަބަކީ އެމީހުންގެ ޅަދުވަސްވަރުގައި އެމީހުން ގިނަ ތަޖުރިބާތަކެއް ކުރެވިފައި ހުރުމުން ދިރިއުޅުމުގައި ކޮންމެވެސް ކަހަލަ ސީރިއަސް ގޮތެއް އެމީހުންގެ ކިބައިގައި ހުރުމެވެ. ބޭކާރު ކަންކަމުގައި އެމީހުން ވަގުތު ނަގާނުލައެވެ. އަދި އާއިލާއަށް ދޭންޖެހޭ ވަގުތުގެ މުހިންމުކަން އެމީހުންގެ ކުރީގެ ބައިވެރިންގެ ފަރާތުން އެއްކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި އެމީހުން ވާނީ ދަސްކޮށްފައެވެ.

އެހެންކަމުން، އެމީހުންގެ ދިރިއުޅުމުގައި ގެންގުޅޭ އާދަތަކާއި ހަރުދަނާ އުސޫލު ތަކަކީ އެމީހުންނާއި ދިމާލަށް އަންހެނުން ކުދިން ދަންމުވާ ސިފަޔަކަށް ވެއެވެ.

ސަކޮލޮޖީކަލީ ބަލާއިރު އަންހެން ކުދިން ފިރިހެން ކުދިންނަށްވުރެ އަވަހަށް 'ބޮޑު' ވެއެވެ. އެއީ ދިރިއުޅުމުގެ ކަންކަމާއި ވިސްނައި ދުނިޔޭގެ ކަންކަމަށް ފިރިހެން ކުދިންނަށްވުރެ އަވަހަށް މިފަދަ އަންހެން ކުދިން ހޭލުންތެރިވާ އެއްސަބަބެވެ. އަދި ހަގު އުމުރުގައި ދިރިއުޅުމާއިމެދު ނުވިސްނައި ސަކަރާތާއި މަޖަލުގައި ވަގުތުތައް ނަގާލުމަކީ ބޭކާރު ކަމެއް ކަމުގައި އެކުދީންނަށް ދެކެވެންފަށައެވެ.

އަންހެން ކުދީންނާ ޚިލާފަށް އެއުމުރުފުރައިގެ ގިނަ ފިރިހެން ކުދީންނަކީ މިގޮތަށް ސަކަރާތުގައި އުޅެން ބޭނުންވާ ބަޔަކަށް ބައެއްފަހަރު ވެދެއެވެ. އެއްކޮފީ މޭޒުން އަނެއް ކޮފީ މޭޒުން، ރައްޓެހިވެގެން އުޅޭ ކުއްޖާ ގުޅާލައިފިނަމަ ފޯނަށް ޖަވާބު ނުދީ ކޮންމެ ގޮތެއް ވަރިހަމަ ދިރިއުޅުމެއް އެކުދިން އުޅެމުންދެއެވެ. މިހެންވުމުން، ދިރިއުޅުމާއިމެދު ސީރިޔަސްކޮށް ވިސްނާ އަންހެނުން ކުދިން ބޭނުންވަނީ އުމުރުން ދޮށީ، އެކުދިންނާއި އެއްގޮތަށް ވިސްނުން ގެންގުޅޭ ހަރުދަނާ ބައިވެރިއެކެވެ.

އުމުރުން ދޮށީ ފިރިހެނުންނަށް ދިރިއުޅުމުގައި ލިބިފައިވާ ގިނަތަޖުރިބާތަކަކީވެސް އަންހެން ކުދިންގެ ސަމާލުކަމަށް ލިބޭ މައިގަނޑުއެއް ސަބަބެވެ. ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކުން އަރައިގަތުމަށް ގިރާކުރަންޖެހޭ ހުރަސްތައް، އުމުރުން ދޮށީ ފިރުހެނުންނަށް މީގެކުރިން ތަޖުރިބާކުރެވިފައިހުރުމުން، އަންހެންކުދީން ބޭނުންވަނީ ކޮންކަހަލަ ދިރިއުޅުމެއް ކަންވެސް އެމީހުންނަށް މާބޮޑަށްވެސް ތަޞައްވަރުކުރެވެއެވެ. އެހެންކަމުން، ކަންކަން ދިމާވުމުން މައްސަލަތައް ބޮއްސުންލައި އެކަކު އަނެކަކަށް އޮންނަ އިހުތިރާމް ގެއްލޭގޮތަށް އެއް އުމުރުގެ ދެމީހުން ކުރާފަދަ ގެއްލުން ހުރި ކޫސަނި ޒުވާބު ކުރުމެއް އެއްވެސް ވަރަކަށް ނޯންނެއޭ ބުނުމަކުން ގޯހެއް ނުވާނެއެވެ.

އެމީހުންނަށް އެމީހުންގެ ހަގު އުމުރުގެ އަނބިންނާއިއެކު އުފަލުގައި ދިރިއުޅެވޭނެ ގޮތްތަކަށް ކަންކަން ހައްލުކުރެވޭތޯ އެމީހުން އަބަދުވެސް މަސައްކަތް ކުރާނެއެވެ. އަދި އެމީހުން ބޭނުންވާ އުސޫލުތަކުގައި ހިފެހެއްޓުމަށް ބޭނުންވާ މުޢާމަލާތުތައްވެސް އަނބިމީހާއާއިއެކު އޯގާތެރިވެ ކުރުމުގެ ކެތްތެރިކަން ހަގު އުމުރުގެ ފިރިހެނުންނާއި ބަލައި މާބޮޑަށްވެސް ހުރެއެވެ.



ބައެއް އަންހެނުން ކުދިން ބުނާ ގޮތުގައި ދިރިއުޅުމުގައި ވަކި ކަމެއް ހާސިލް ކުރުމުގެ ވިސްނުމެއް ނެތް ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް މަސައްކަތް ނުކުރާ ފިރިހެނަކީ ވަގުތު ކޮޅަކަށް އެކުގައި ކުރާ މަޖަލުގައި ބައިވެރިއަކަށް ހެދިދާނެއެވެ. ނަމަވެސް، ދިރިއުޅުމެއް ފެށުމަށް މިފަދަ މީހުން އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ. ފަހުން ހަރުދަނާވެ ދިރިއުޅުމާއިމެދު ވީރިއަސްކޮށް ވިސްނާނެ ކަމުގެ އުއްމީދުކޮށްގެން އެމީހުންނާއި ގުޅުމުން ދިރިއުޅުމުން ނަގައިލެވެނީ ބޭކާރު ދުވަސްތަކެއް ކަމުގައި އެކުދިން ދެކެވެއެވެ. މިއާ ޚިލާފަށް ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރާ މީހުން އަންހެން ކުދިންނަށް ކަމުދަނީ އެކުގައި ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ތަޞައްވުރު ކުރެވޭތީއެވެ. ނަމަވެސް، މިދެންނެވި ސިފަ ގިނައިން ފެންނަނީ ހަގު އުމުރުގެ ފިރިހެނުނަނަށްވުރެ ހަރު ފިރިހެނުންގެ ކިބައިންނެވެ.

މީގެ އިތުރުން އުމުރުން ދޮށީ ފިރިހެނުންނަކީ ބުރަކޮށް މަސައްކަތްކޮށް އެމީހުންގެ ދިރިއުޅުމުގައި ބޭނުންވާ ކާމިޔާބީގެ ބައެއް ހާސިލްކޮށްފައިވާ ބައެކެވެ. އެހެންކަމުން، އެމީހުންނަކީ ގިނަފަހަރަށް މާލީ ގޮތުން 'ސްޓޭބަލް' ދިރިއުޅުމެއް އުޅޭ ބަޔަކަށްވެއެވެ. މިއީ ހަމަޖެހޭ ދިރިއުޅުމަކަށް ވަރަށް މުހިންމު ކެމެކެވެ. އަދި ހަމައެހެންމެ ޒުވާނުންނަކީ އަބަދުހެން ޓެކްނޮލޮޖީގެ ކަންކަމާއި ހެދި އުޅޭ ބައެކެވެ. ނަމަވެސް ގިނަ އުމުރުން ދޮށީ ހަރުދަނާ މީހުންނަށް ޓެކްނޮލޮޖީއާއި އެޕްތަކާއި ފޯނަކީ އެހައި މުހިންމު އެއްޗެހިކަމަށް ނުވެއެވެ. އަދި އެމީހުންނަށް އެތަކެއްޗަށްވުރެ އުފާވެރި ދިރިއުޅުމެއް މުހިންމުވުމަކީވެސް ދޮށީ އުމުރުގެ ފިރިހެނުން، ގިނަ އަންހެން ކުދިންނަށް ކަމުދާ ސަބަބެކެވެ.

ކޮންމެ މީހެއްގެ ދިރިއޫޅުންވެސް ތަފާތުވާނެއެވެ. ބައެއް ފަހަރު ޒުވާން ފިރިހެނެއްގެ ކިބައިގައިވެސް މިދެންނެވި ހަރުދަނާ ސިފަތައް ހުރެދާނެއެވެ. އަދި ބައެއް ދޮށީ އުމުރުގެ މީހުންނަކީ ތަޖުރިބާތައް ގިނަވި ނަމަވެސް ހަޔާތުން ގިނަ ކަންކަން ދަސްނުވާ ބަޔަކަށްވުންވެސް އެކަށީގެންވެއެވެ. ދޮށީ އުމުރުގެ މީހުން އަންހެން ކުދިންނަށް ކަމުދަނީ ގިނަ ސިފަތަކެއް އެމީހުންގެ ކިބައިގައި ހުރުމުނެ ކަމުން މިސިފަތައް ޅައުމުރުގެ ފިރިހެނެއްގެ ކިބައިގައި ހުރެއްޖެނަމަ، ޒުވާން އުމުރުގެ ފިރިހެނުން ގައިމުވެސް ކަމުދާނެއެވެ. ނަމަވެސް އެންމެ މުހިންމީ އެކުގައި އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް ދެމީހުންނަކީވެސް އެއް ގޮތަކަށް ވިސްނުން ގެންގުޅޭ ހަރުދަނާ ބަޔަކަށް ވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން