މަރިޔަމް ލަމްޙާ ރަޝީދު   4 ޖުލައި 2023 - 14:54
ގޭގައި އުޅޭއިރު ދަރީންނާ ދިމާލަށް އަބަދުހެން ޓެބު ގެންގުޅެނީއޭކިޔައި އަނގަޔަށް ބާރުލާފައި އެއްޗެތި ގޮވާހެދުމަށްފަހު ތިމާއަށްވެސް މިއިށީނދެލެވެނީ އެއްކަލަ ފޯނާއި އެކުއެވެ. އެއިން އަތް ދޫކޮށްލާނެ ވަގުތެއް ނުވާއިރު ގޭގައި ކުރަންހުންނަ ގިނަކަންތައްތައް ނުކުރެވި ފުނިޖެހޭތަން އާދެއެވެ. މީގެތެރޭ ދަރީންނަށް އަޅާލާންވާވަރަށް އަޅާނުލެވުންވެސް ހިމެނެއެވެ. ގިނަފަހަރަށް އަންހެންވެރީންގެ ތެރޭ ފޯނު އަތުންވީއްލާނުލައި އެއިން އެކިއެކި މީސްމީޑިއާ މަންސަތަކުގައި ހުންނަ އެކިއެކި ޕޯސްޓްތައް ސްކްރޯލް ކޮށްލަކޮށްލާ އިންނައިރު ވަގުތު ދާނުދާގޮތެއްވެސް ނޭނގޭ ވަރަށް މީހާ އެއަށްގޮސް ހުސްވާތަންވެސް އާދެވެ.

މިއީ ވަރަށް ގިނަ މީހުން ބަދަލު ކުރަން ބޭނުންވެ އެކަމަކު ބަދަލު ނުވެފައި އޮތް އާދައެކެވެ. މިކަމުގެ ސަބަބުން މީހާގެ ދިރިއުޅުމުގެ އެކިއެކި ކަންކަމަށް އަސަރުކުރެއެވެ. މީސްމީޑިއާއަށް ދެވިހިފުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ތިމާގެ ޒަވާޖީ ޙަޔާތަށެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑަށް އަސަރުކުރަނީ ވަޒީފާގެ މާހައުލަށެވެ. ވަޒީފާގައި ތިމާ ކުރާ މަސައްކަތަށެވެ. އެހެންކަމުން މިފަހަރު މިބަލާލަނީ މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

1. ލިމިޓުތަކެއް ކަނޑައެޅުން؛

ދިރިއުޅުމުގައި ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅޭ ފަދައިން މީސްމީޑިއާ ގެންގުޅުމުގައިވެސް ކޮންމެވެސް ކަހަލަ އުސޫލުތަކެއް ގެންގުޅެވޭތޯ ބަލާށެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ފޯނުގައި ހޭދަކުރާނެ ވަގުތު ކަނޑައަޅައި ވަކި ވަގުތަކަށް އެކަން ކުރުމަށް އަޒުމު ކަނޑައަޅާށެވެ. އެވަގުތެއްގައި ފޮޓޯއަށް ލައިކު ލިބުނު ވަރު ބެލިޔަސް އޭގެ ކުރިން ބެލިޔަސް ލައިކު ދޭނީ އެއްބައެކެވެ. ކޮމެންޓުވެސް ފަހުން ކިޔަސް ހަމަ ލިޔެފަ އޮތްއެއްޗެއް ކިޔާލެވޭނެ ނޫންހެއްޔެވެ؟ ނިކަން މިގޮތަށް އަމަލު ކޮށްލަބަލާށެވެ.

2. ބޭކާރު އެކައުންޓުތަކާއި ގުރޫޕުތައް އަންފޮލޯކުރުން؛

ފައިދާއެއްނެތް، ދިރިއުޅުމާއި ގުޅުމެއް ނެތް އެތަށް ޕޯސްޓުތަކެއް ކޮންމެ ދުވަހު ސްކްރޯލްކޮށްލަން ޖެހެއެވެ. އެކި މީހުން ބުނެގެން 'ޖޮއިން' ކުރެވިފައި ހުންނަ ގުރޫޕުތަކާއި ޕޭޖުތައް އަދި ނުދަންނަ އެކި މީހުންގެ ޕޯސްޓުތަކެވެ. ތިބާގެ 'ވޯލް'ގައި ބޭކާރު ތަކެތި ދައުރުވުމުން ސްކްރޯލް ކުރާކުރުން ގައިމުވެސް ގިނަވާނެއެވެ. ނިކަން ތިޔަ ބޭކާރު އެކައުންޓުތަކާއި ގުރޫޕުތަކުން ނުކުމެލައި އަންފޮލޯ ކޮށްލާށެވެ.

3. ބްރޭކު ނެގުން؛

ދޭތެރެއަކުން ހުރިހާ މީސްމީޑިއާ މަންސަތަކަށް ވަގުތު ހޭދަކުރުން ދޫކޮށްލައި ވަގުތީގޮތުން އެކަހެރިވެލައި ބްރޭކެއް ނަގާށެވެ. އަދި ދިރިއުޅުމުގައި ތިޔަ ކުރަން އުޅޭ ކަމަކަށް ސަމާލުކަންދޭށެވެ. މިފަދަ ބްރޭކުތައް ދޭތެރެ ދޭތެރެއިން ނެގިދާނެއެވެ. ނުވަތަ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ފޯނާއި ދުރަށްޖެހިލައި މީސްމީޑިއާ ޕޯސްޓުތަކަށް އަންނަ ކޮމެންޓުތަކާއި ނޮޓިފިކޭޝަންތަކަށް އަބަދު ސަމާލުވުމުގެ އާދަ ކަނޑުވާލާށެވެ.



4. އެކައުންޓުތަކުން ލޮގުއައުޓުވުން؛

މީސްމީޑިއާ މަންސަތަކުން ބޭނުންކޮށް ނިމުމުން ލޮގުއައުޓު ވުމަކީ ދެވިހިފައިވާ މީހުންނަށް ވަރަށް ރަނގަޅު ކަމަކަށްވާނެއެވެ. މިގޮތަށް ހެދުމުން އިރުއިރުކޮޅާ އަންނަ ނޮޓިފިކޭޝަންތައް ހުއްޓި މީހާގެ ސަމާލުކަން އެއަށް ގެނުވައިދޭނެ ސިގުނަލްތަކެއް ނުލިބޭނެއެވެ. އަދި އާއްމުކޮށް ބޭނުން ނުކުރާ މަންސަތަކުގެ އެޕްތައް ޑިލީޓުކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

5. ފޯނާއި ނުލައި ކުރެވޭނެ އިތުރު ކަންކަން ހޯދުން؛

ފޯނަށް ދެވިހިފާފައިވާ މީހުންނަށް އެހެން ދިމާވަނީ ފޫހިވުމުން ކުރާނެ އިތުރު ކަމެއް ނެތީމައެވެ. މިހެން ވުމުން ގިނަ މަސައްކަތްތަކެއް ދަސްކުރުމާއި، ކަންކަން ކުރުމުގައި ހޭދަކުރެވެން އޮތް މުހިންމު ވަގުތުތައް ސްކްރީނަށް ބަލައިގެން ދުއްވާލެވެއެވެ. މީގެ ބަދަލުގައި ފެހުމާއި، ގޭތެރެ ތަރުތީބު ކުރުމާއި، ގަސްހެއްދުމާއި، ވިޔުމާއި ފޮތް ކިޔުންފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. މިއިންކަމަކަށް، ފޯނަށް ތިދޭ ސަމާލުކަންދެވިއްޖެނަމަ ދިރިއުޅުމުގައި ތަފާތު އެކި ހުނަރުތައް އުނގެނި ކޮންމެ ކަމެއްވެސް ކޮށްލެވޭނެ ކުޅަދާނަ، ހުނަރުވެރި ކާމިޔާބު މީހަކަށް ވެދާނެއެވެ.

6. ނޮޓިފިކޭޝަންތައް އޮފްކުރުން؛

ނޮޓިފިކޭޝަން މީއީ މީހާގެ ސަމާލުކަން ފޯނަށް ދަންމުވާ ހުރިހާކަމެއްގެ ފެށުމެވެ. އަބަދު 'ޓިން' ކިޔާފަ އެއަންނަ ނޮޓިފިކޭޝަން އަޑަށް މީހާގެ ކަންފަތް ހުންނަނީ ސަމާލުވެއެވެ. އެހެންވެ އަބަދުހެން ފޯނު ނަގައިގެން ހުރެވެއެވެ. އެހެންކަމުން ޔޫޓިއުބާއި ފޭސްބުކާއި އެނޫންވެސް މަންސަތަކުން އަންނަ ނޮޓީފިކޭޝަންތައް އޮފްކޮށްލާށެވެ. އޭރުން ކުރާ މަސައްކަތްތަކަށް ސަމާލުކަންދެވޭނެއެވެ.

7. އެހެން މީހުންނާއި އަޅާނުކިޔުން؛

އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަން ހިއްސާކޮށް ނަގާފައި ހުންނަ ފޮޓޯތަކާއި ތިބާގެ ދިރިއުޅުމާއި އަޅާ ނުކިޔާށެވެ. ކޮންމެ މީހެއްގެވެސް އުފާވެރި ވަގުތުތަކާއި ހިތާމަވެރި ވަގުތުތައް އަންނާނެއެވެ. އަދި ދުނިޔޭގައި މުދަލާއި ފައިސާވަނީ ވަކި މީހަކަށް ވަކި މިންވަރަކަށް މާކުރިން ކަނޑައަޅުއްވާފައެވެ. ވީމާ އެކަމާ ވިސްނާ ތިބާ ދެރަވުމަކީ ބޭކާރު ކަމެކެވެ. ތިގޮތަށް އެހެން މީހުންނަށް ލިބިފައިވާ ނިއުމަތްތަކަށް ބަލައި ހިތާމަކޮށް އަބަދުހެން އެމީހުންގެ ޕޯސްޓުތައް ބެލުމުގައި ތިޔަދޭ ސަމާލުކަން ދޫކޮށްލާށެވެ. އަދި އަމިއްލަ ދިރިއުޅުމަށް ސަމާލުކަންދޭށެވެ.

8. ދިރިއުޅުމާ ގުޅުންހުރި ޕޯސްޓުތައް ނުކުރުން؛

އެސްފީނާއަކީވެސް ހަމަ އަސްލު ދިމާވާކަމެކެވެ. ދަރިފުޅުގެ ފޮޓޯލާފައި އުފާވާކަމަށް ލިޔެލާ ޕޯސްޓުތައް ނުނިޔަތުން ބަލާނެ މީހަކަށް ފެނިދާނެއެވެ. ބައިވެރިޔާއާއިއެކު ހޭދަކުރާ އުފާވެރި މަންޒަރުތައް މީސްމީޑިއާއަށް ލުމުން 'ކިއުޓު ކަޕުލް'އޭ ކިޔައި ޕޯސްޓު ޖަހާ މީހުންގެ ތެރޭގައިވެސް ތިބާގެ ދިރިއުޅުމަށް އެސްފީނާއާއި ހަސަދަލާ މީހަކު އުޅެދާނެއެވެ. މީގެ އިތުރުން މާގިނައިން ޕޯސްޓުތައް ލާނަމަ އެއްކަލަ ނޮޓިފިކޭޝަންތައް ގިނަވެ މީހާގެ ސަމާލުކަން ފޯނަށް ދަމާލެއް ގިނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން