ޞާދިރު ޢަލީދީދީ   5 ޖުލައި 2023 - 11:55
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ބޭރުފުށުގެ އަމާޒު: ދައުވަތު



އިސްލާމްދީނުގެ ނަބިއްޔާ މައްކާގައި ފެއްޓެވި ދީނަށް ގޮވައިލެއްވުމުގެ ޢަމަލީ މަސައްކަތްޕުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެމަސައްކަތްޕުޅަކީ ޢާއްމުކޮށް ފެންނަފަދައިން ބޭރުގެ ދުނިޔެއާދެކޮޅަށް ފެއްޓެވި ރައްދު ޢަމަލުގެ މަސައްކަތްޕުޅެއް ކަމުގައި ނުވާކަމެވެ. އަދި ކީއްތޯއެވެ؟ އެމަސައްކަތްޕުޅަކީ އެކަލޭގެފާނު ނުހަނު ދުރަށް ވިސްނުންފުޅު ފޯރުއްވައި ހަރުދަނާ ކަމާއެކު ރާއްވަވައިގެން ހިންގެވި މަސައްކަތްޕުޅެއް ކަމެވެ.

އިތުރު ސާހިބާ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވި ދުވަސްވަރުގެ ޢަރަބިކަރައިގެ މަސްރަޙަށް ވިސްނައިލާއިރު ޢާއްމުގޮތެއްގައި ސިޔާސީ ތަޙްރީކްތަކާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ޙަރަކާތްތަކުގެ ބިންގާކަމުގައި ހިމެނޭ ހުރިހާ މައްސަލަތަކެއް ޢަރަބިކަރަޔަށް ވަރަށް ވަރުގަދަޔަށް ކުރިމަތިވެފައި އޮތެވެ. ނަމަވެސް އިތުރު ސާހިބާ އެކަލޭގެފާނުގެ ދަޢުވަތުގެ މައިގަނޑު ނަމަކަށް އެއިން އެއްވެސް ކަމެއް ނަހައްދަވައެވެ. އަދި ކީއްތޯއެވެ؟ އިސްވެދެންނެވި ޕްރޮގްރާމާ އެއްގޮތަށް ނުހަނު ހަމަޖެހިވަޑައިގެން ހުންނަވައި ޞުލްޙަވެރި މަސައްކަތްޕުޅުތަކެއް ފެއްޓެވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ނަބީކަމާއިގެން ފޮނުއްވި ދުވަސްވަރު އެކަލޭގެފާނުގެ ޤައުމުއޮތީ އެވަގުތުގެ "ޢިސްތިޢުމާރީ ބާރުތަކުގެ" ގުޅަމަތިހިފާ ފަސްގަނޑަކަށް ވެފައެވެ. ޚާއްޞަކޮށް ޢަރަބިކަރައިގެ ބިން ރަނގަޅު މުއްސަނދި ހުރިހާ ސަރަޙައްދުތަކެއް ހުރީ ހިލޭމީހުންގެ އަޅުވެތިކަމުގެ ދަށުގައެވެ. ޢަރަބިކަރައިގެ އުތުރުން މުޅި ޝާމްކަރަ އޮތީ ރޫމީ ރަސްކަމުގެ ބާރުގެ ދަށުގައެވެ. އެތާނގައި އޮތީ ރޫމީންނަށް ބޯލަނބާ ޢަރަބި އަމީރުންގެ ވެރިކަމެކެވެ. ހަމައެފަދައިން ޢަރަބިކަރައިގެ ދެކުނުން ޔަމަނުކަރައޮތީ އީރާނުގެ ބާރުގެ ދަށުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވިއިރު ޔަމަނު ކަރައިގައި ހުރި އީރާނުގެ ގަވަރުނަރުގެ ނަމަކީ ބާޒާނެވެ. ޢަރަބީންގެ އަތުގައި އޮތީ ޙިޖާޒުކަރައާއި ނަޖުދުކަރައާއި ތިހާމަތު އެކަންޏެވެ. އޭގެ އިތުރަށް ދެންހުރީ އެއްވެސް ފެނެއްނެތް ވީރާނާ ޞަޙަރާތަކެވެ. ގަސްގަހާގެހި ހެދޭކަހަލަ ރޯކަންހުރި ތަންކޮޅެއް އެތަނުން ފެންނަނީ ހާލަކުން ތަންކޮޅެކެވެ. ފާރިސީންގެ ޝެހެންޝާހް (ކިސްރާޕަރުވޭޒް) އިތުރު ސާހިބާގެ ފަތްކޮޅު ވީދާލައި "އަހަރެންގެ އަޅަކަށްވެހުރެ އަހަންނަށް މިކަހަލަ ލިޔުމެއް ލިޔުނީ ހެއްޔެވެ" މިހެންބުނީ އިސްވެދެންނެވި ސިޔާސީ ފަސްމަންޒަަރުގެ ސަބަބުންނެވެ.

އިސްލާމްދީނުގެ ނަބިއްޔާ ރައްކައުވިއަހަރު (570މ.) އަބްރަހަތު މައްކާއަށް ދިން ޙަމަލައަކީވެސް އިސްވެދެންނެވި ފަދައިން ޢަރަބިކަރައިން ނުޙައްޤު ފައިދާތަކެއް ހޯދައިގަތުމަށް ކުރެވުނު މަސައްކަތެެއްގެ ބައެކެވެ. އަބްރަހަތަކީ ޢަރަބިކަރައިގެ ދެކުނު ސަރަޙައްދު އަޅުވެތިކޮށްގެން ހުރި މީހެކެވެ.

އިސްލާމްދީނު އައިއިރު ކަޢުބާހުރީ ވަރަށް ބޮޑު ބުދުފައްޅިޔަކަށް ހަދައިފައެވެ. ހުރިހާ ޤައުމުތަކަކާއި ޤަބީލާތަކެއްގެ ބުދުތައް ކަޢުބާގައި ބަހައްޓާފައި ހުއްޓެވެ. މިގޮތުން އޭރު ކަޢުބާ ހިމެނިފައިވަނީ ތަފާތު ދީންތައް ޤަބޫލުކުރާމީހުންގެ ގާތުގައި މުޤައްދަސް މަޤާމެއް ކަމުގައެވެ. މުޅިއަހަރު ތެރޭގައިވެސް އެތައްބަޔަކު މައްކާއަށް އައިސްގޮސްވެއެވެ. ތިމާމެންގެ ބުދުތަކަށް ޒިޔާރަތްކޮށް ވެދުންކޮށް ހެދުމަށެވެ. މައްކާގެ ވިޔަފާރި އޮތީ އެކަމުގެ މައްޗަށް ބިނާވެފައެވެ.

އަބުރަހަތު ޤަޞްދުކުރީ މައްކާއަށް ލިބިފައިއޮތް ވިޔަފާރީގެ އިސްމަޤާމު އޭނާ ވެރިކަންކުރާ ރަށަށް ބަދަލުކޮށްލުމަށެވެ. ކުރީންވެސް ދަންނަވާފައިވާނޭފަދައިން އަބްރަހަތަކީ ޢަރަބިކަރައިގެ ދެކުނު (ޔަމަނު) ގައި ތިބި ޙަބަޝާގެ ސިފައިންގެ އޮފިސަރެކެވެ. އޭނާއަކީ ޙަބަޝާގެ ގަވަރުނަރުގެ ދަށުގައިހުރި މީހެކެވެ. ނަމަވެސް އޭނާ ޙަބަޝާގެ ގަވަރުނަރު ގަތުލުކޮށްފައި އަމިއްލަޔަށް ވެރިކަން އަތުލީއެވެ. ޙަބަޝާގެ ރަސްގެފާނު ނަޖާޝީ މަޖްބޫރުވެވަޑައިގެން އޭނާއަކީ ގަވަރުނަރެއް ކަމުގައި ޤަބޫލުކުރެއްވީއެވެ. އަބުރަހަތަކީ ކްރިސްޓިޔަނެކެވެ. އޭނާ ޞަންޢާގައި ވަރަށް ބޮޑު ފައްޅިއެއް ބިނާކުރިއެވެ. އެފައްޅީގެ ބައެއް މޭސްތިރީންގެ ނަންތައްވެސް ތާރީޚުގައި ރައްކާތެރި ކުރެވިފައިވެއެވެ. އޭނާ އެފައްޅީގެ ވާހަކައިން އަޑުއަރުވާން ފެށިއެވެ. މީސްތަކުންގެ ހިތްތަކުގައި އެފައްޅިޔަށް ޒިޔާރަތްކުރުމުގެ ޝައުޤު އުފެއްދުމުގެ މަޤްޞަދުގައެވެ. އެގޮތުން ވިޔަފާރީގެ ރޮނގުން މައްކާއަށް ލިބިފައިއޮތް އަހަންމިއްޔަތު ޞަންޢާއަށް ބަދަލުކޮށްލުމަށްޓަކައެވެ. ނަމަވެސް އޭނާ އެތައް މަސައްކަތްތަކެއް ކުރިއިރުވެސް އޭނާގެ މަޤްޞަދު ޙާޞިލެއް ނުވިއެވެ. ގެފުޅަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން އޭނާ ބިނާކުރި ފައްޅިޔާ ދިމާޔަކަށް އަނބުރައެއް ނުލެވުނެވެ. ދެން އޭނާ ޤަޞްދުކުރީ މައްކާގެ ގެފުޅު މުގުރައިލާށެވެ. އޭރުން މައްކާގެ ބަދަލުގައި ޞަންޢާއަށްދާން މީހުންނަށް މަޖްބޫރުވެދާނެ ކަމުގައި ހީކޮށެވެ. އެހެންކަމުން އޭނާ އެތުގެ ލަޝްކަރަކާއެކު މައްކާއަށް ހަމަލަދިނެވެ.

ޢަރަބީންގެ ތާރީޚުގައި މިޙާދިޘާއަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ލިބިފައިވެއެވެ. މިޙާދިޘާއާ ވިދިގެން އަބްރަހަތުގެ ނަން އެތުވެރިޔާ ކަމުގައި ހަމަޖެހުނެވެ. އޭނާގެ ލަޝްކަރު މައްކާއަށް ދަތުރުކުރި މަގަށް އެތުގެމަގުގެ ނަން ދިނެވެ. އެލަޝްކަރު ކައިރިޔަށް މަޑުކުރި ފެންފެންގަނޑަށް އެތުގެ ފެންގަނޑުގެ ނަންދިނެވެ. އެލަޝްކަރު ރަށްރަށަށް ވަން ދޮރޯށިތަކަށް އެތުގެ ދޮރޯށިގެ ނަންދިނެވެ. އަދި އެޙާފިޘާ ހިނގި އަހަރަށް އެތުގެ އަހަރުގެ ނަންދިނެވެ.

މިކަންކަން މިގޮތަށް ހުރުމާއެކު އިސްލާމްދީނުގެ ނަބިއްޔާ ނަބީކަމާއިގެން ވަޑައިގެންނެވިއިރު ޙާލަތު އޮތްގޮތަށް ބަލާއިރު ލީޑަރޝިޕްގެ ޢާއްމު ތަޞައްވުރު ލާޒިމުކޮށްފައިއޮތީ އިތުރު ސާހިބާވެސް އަވަށްޓެރި ދައުލަތްތަކުގެ އިސްތިޢުމާރީ ސިޔާސަތާދެކޮޅަށް ސިޔާސީ ޙަރަކާތްތަކެެއް ފެއްޓެވުމެވެ. ބޭރުގެ ބާރުތަކުގެ ނުފޫޒުން ޢަރަބިކަރަ ސަލާމަތް ކުރެެއްވުމަށްޓަކައި ޢަރަބީންގެ ޤައުމީރޫޙު ހޭލެއްވުމެވެ. ނަމަވެސް އިތުރު ސާހިބާ މިބާވަތުގެ މައްސަލަތައް ނެންގެވުމާ މުޅިން އެއްކިބާވެ ވަޑައިގެންނެވިއެވެ.

ހަމައެފަދައިން އެދުވަސްވަރުގެ ޢަރަބިކަރަޔަކީ "ދަނޑުވެރިކަމެއްނެތް ވާދީ" އަކަށްވާތީ އިޤްތިޞާދުގެ އަމިއްލަ ބިންގަލަކުން ޢަރަބީން ތިބީ މަޙްރޫމްވެފައެވެ. އިޤްތިޞާދީ މައްސަލައަކީ އެ ހިލަވެލި ސަރަޙައްދުގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް މައްސަލައެކެވެ. އެހެންކަމުން އެމައްސަލަވެސް އިންޤިލާބީ ޙަރަކާތެއްގެ މައިގަނޑު ނަމަކަށް ފަސޭހައިން ހަދައިލެވޭން އޮތެވެ. ނަމަވެސް މިބާވަތުގެ އިޤްތިޞާދީ ނަޣުރާތަކުންވެސް އެކަލޭގެފާނު މުޅިން ދުރުހެލިވެވަޑައިގެންނެވިއެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން