ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތަކަށް ގެންނަން ބޭނުންވާނީ އެމީހަކު ދެކެ ލޯބިވާ އެމީހަކަށް އިހުތިރާމްކޮށް ޤަދަރުކުރާ މީހެކެވެ. އެހެންކަމުން ބައެއް މީހުން ޒަވާޖީ ޙަޔާތެއްފަށަނީ ލޯބީގެ ގޮތުންގުޅިގެން އެތައް އަހަރު ވޭތުކުރުމަށް ފަހުގައެވެ. އަނެއްބައި މީހުން ޒަވާޖީ ޙަޔާތަކަށް ދިޔުމަށް އެމީހާ އެބޭނުންވާ ސިފަތަކުގެ ވެރިއެއް ހޯދޭތޯ އެކި ދުވަސްމަތީން ގިނަކުދީންނާއި ރައްޓެހިވެއެވެ. އެމީހުން ކައިވެންޏާ ހަމައަށް މިދަނީ އެތައް ބައިވަރު މީހުންތަކަކާއި ރައްޓެހިވެ އެންމެ ރަނގަޅު މީހާއާއި ދިމާވުމުންނެވެ. ނަމަވެސް މިއީ ދީނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް އެންމެ ރަނގަޅުގޮތް ނޫނެވެ.

މާގިނަ މީހުންނާއި ރައްޓެހިވުމުން ތިމާއަށް ލިބޭ މީހާއަކީ އަބަދުވެސް އުނި މީހެއްކަމަށް ފެންނާނެއެވެ. އަދި އަބަދުވެސް އެހެން މީހަކީ މާރަނގަޅު މީހެއްކަމުގައި ދެކެވި އެމީހަކަށް ގޮސްހުސްވެ ތިމާގެ ދިރިއުޅުން ތުމާ އަމިއްލައަށް ހަލާކުކޮށްލައެވެ.

ލޯބިވާ މީހާ ލިބުނީމާ ދެންވެސް ދިރިއުޅެން ނޭނގެނީ ނުވަތަ އެކުގައި ރީއްޗަށް ނޫޅެވެނީ ކީއްވެތޯއެވެ. ގައިމުވެސް އަތް ފުނާއަޅައިގެން ހޯދުނު އެކުގައި އުޅެން ތިނިންމީ ތިބާއަށް އެންމެ ކަމުދާ މީހާއެވެ. ވީމާ އޭނާއާއި އެކުގައިވެސް އުޅެން އެހައި އުނދަގޫވަނީ ކީއްވެހެއްޔެވެ؟ ތިރީގައިމިވާ ބައެއް ކަންކަމަކީ ތިޔަ ސުވާލަށް ޖަވާބު ލިބޭނެ ނުކުތާތަކެއް ކަމުގައި އުއްމީދު ކުރަމެވެ.

1. މިނިވަންކަން ހޯދުން

ދެމީހުން އެކަކު އަނެކަކަށް ބަރޯސާ ނުވެ ކޮންމެ މީހަކުވެސް އެމީހަކަށް ބޭނުންވާ މިނިވަންކަމުގައި އުޅެލެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާއަށް ތިބާގެ ހުރިހާ ކަމަކަށް ބާރު ފޯރުވައި ހަދާނަމަ އިސާހިތަކު އެކަކު އަނެކެއްގެ މަތިން ފޫހިވެދާނެއެވެ. ކައިވެނި ކުރުމުގެ ކުރީގައި އެމީހެއްގެ ކިބައިގައި ހުރި އާދައެއް ކައިވެންޏަށް ފަހުވެސް ހުންނާނެކަން ދަންނަންވާނެއެވެ. ހަމަމިއާއެކު ދެމީހުން އެކަކު އަނެކަކަށް އިތުބާރުކޮށް ވަކި ކަންކަމެއްގައި ނުބެހުމަށް އެއްބަސްވެފައި އޮތުމުން ދެމީހުންގެ އުފާވެރިކަމަށްވެސް ބުރުލެއް ނާރާނެއެވެ.

2. މާލީގޮތުން 'އެޖަސްޓުވުން'

ދެމީހުން އިނދެގެން ކުއްލިޔަކަށް ޚަރަދުތައް ބަހަން ޖެހުމުން ވަރަށް ގިނަ ދެމަފިރިންގެ ދިރިއުޅުމުގައި އަރާރުންވާތަން އާދެއެވެ. ވަކިން ޚާއްސަކޮށް ދެމީހުންނަކީ ޚަރަދު ކުރުމުގައި ވަރަށް ތަފާތު ކަންކަމަށް އިސްކަންދޭ ދެމީހަކަށް ވާނަމަ މިފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މާލީ ގޮތުން ޚަރަދު ކުރާނެ ގޮތާއި ރައްކާކުރާނެ ގޮތްތައް މަޝްވަރާކޮށް ކަނޑައަޅާފައި ބެހެއްޓުމުން މިފަދަ ކަންކަން ހައްލު ކުރެވިދާނެއެވެ.

3. އާއިލާތަކާއި ގުޅުން ބަދަހިކުރުން

ދެމީހުން ކުރެ ކޮންމެ މީހެއްގެ އާއިލާއެއްގައިވެސް ގެންގުޅޭ އާދަތަކާއި ޤަބޫލުކުރާ ކަންކަމުގައި އަނެއް އާއިލާއާއި ތަފާތުތަކެއް ހުރެދާނެއެވެ. ރާއްޖޭގައި އާއްމުކޮށް އޮންނަ އިސްލާމީ ޘަޤާފަތް ކޮންމެ ސަރަހައްދެއްގައި އެއްގޮތްވިނަމަވެސް އެކި އަތޮޅުތަކުގައި ދިރިއުޅުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅީގައި ފަރަގު ހުރެއެވެ. އަދި އެއް ރަށެއްގައިވެސް ދެއާއިލާއެއްގައި އެއްގޮތަކަށް ކަންތައް ނުކުރާނެއެވެ. މިޤައުމުގައިވެސް މިހާރު ގިނައީ ފޭސްބުކާއި އެހެނިހެން މަންސަތަކުން އެކި ރައްރަށުގެ މީހުން ދިމާވެ ގުޅިގެން ކުރާ ކައިވެނިތަކެވެ. އެހެންކަމުން މިކަންކަން ތަފާތުވެދާނެކަން ދެމީހުންވެސް ދެނެގަނެ އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ މުހިންމު ކެމެކެވެ.

4. ކަންކަމުގައި މުޢާމަލާތު ކުރުން

އެންމެ ލޯބިވާ މީހާއަކީ ދިރިއުޅުމުގައި ތިބާގެ ގާތުގައި އަބަދުވެސް ހުންނާނެ މީހާއެވެ. އެހެން ނަމަވެސް، މިގޮތަށް ހިތައި ދެބަސްވާ ވަގުތު ހިތައް އައިހައި ގޮތަކަށް ޒުވާބު ކުރުމަކީ ތިގުޅުން ދުވަސްވާރަކަށް ހީނަރުވެގެން ހިނގައިދާނެ ކަމެކެވެ. މައިން ބަފައިންނާއި ދަރިންގެ މެދުގައި ފިޔަވައި އެފަދަ ލޯތްބެއް ދުނިޔެމަތީގައި ނޯންނާނެ ކަން ހަނދާނުގައި ބަހައްޓާށެވެ. މައިމީހާ ދަރިއަކަށް އެއްޗެތި ގޮވާފަދައިން ފިރިމީހާ ކޮންޓްރޯލްކޮށް އެއްޗެތިގޮވާނަމަ ކިތަންމެ ލޯބިވިނަމަވެސް މަޑުމަޑުން އޭނާ ތިބާ މަތިން ދާނީ ފޫހިވަމުންނެވެ. އަދި ފިރިމީހާވެސް ހަމައެގޮތަށް ކަންތައް ކުރާނަމަ އަނބިމީހާވެސް ފޫހިވާނެއެވެ. ހިތްހަމަ ނުޖެހުމުން ދެމީހުންވެސް ވާހަކަ ދައްކާނެ ރީތި އުސޫލެއް ކަނޑައަޅައި އެގޮތުގައި ހިފަހައްޓާށެވެ.

5. ވަޒީފާއާއި ޒަވާޖީ ހަޔާތް ބެލެންސް ކުރުން؛

ވަޒީފާގެ މައިދާނުގައި ކުރިއަރައިދިއުމަށް ކުރާ މަސައްކަތުގެ ސަބަބުން ދެމީހުން އެކަކު އަނެކަކަށް ވަގުތު ނުދެވުމަކީ ދިމާވެދާނެ ކަމެކެވެ. ނަމަވެސް މާގިނައިން އޯވަރ ޓައިމް މަސައްކަތްކޮށް އަބަދުހެން ބައިވެރިޔާއާއިއެކު ހަދާ ޕްލޭންތައް ކެންސަލް ކުރަންޖެހޭނަމަ އޭނާ ތިބާ މަތިން ފޫހިވާން ފަށާފާނެއެވެ. އަދި މަޑުމަޑުން ތިބާއާއި ނުލައި އުޅެން ދަސްކުރަން ފަށާފާނެއެވެ.



6. ދިރިއުޅުމަށް އަންނަ ބަދަލުތަކަށް 'އެޖަސްޓު' ވުން؛

ގެބަދަލުވުން ނުވަތަ ރަށަށް ބަދަލުވުންފަދަ ކަންކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެއްކޮށް ބަދަލުތަކެއް އަންނާނެ ކަމެކެވެ. އަދި ދަރިން ލިބުމާއި ގުޅިގެން ދެމީހުންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑަށް ބަދަލު އަންނާނެއެވެ. މިހުރިހާ ކަމަކާއި ކުރިމަތި ލުމުގައި ދެމީހުންވެސް ވާންޖެހޭނީ އެކަކު އަނެކަކަށް އެހީތެރިވާ އަދި އެކުގައި ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރާ ބަޔަކަށެވެ. ބޮޑު ބަދަލެއް އަންނަ ހިސާބުން އަނބި މީހާ ނުވަތަ ފިރިމީޙާ އެކަނިވެގެން އުޅެން ދޫކޮށްލުމަކީ ދިރިއުޅުމުގައި ގިނަ މީހުންނަށް ހެދޭ ބޮޑު ގޯހެކެވެ.

7. 'ރޮމޭންސް'

ކައިވެނީގެ ފުރަތަމަކޮޅުގައި ދެމީހުންނަށްވެސް އެކަކު އަނެކަކަށް ތައުރީފު ކުރުމާއި ލޯބިކުރުމަކީ ވަރަށް ފަސޭހަ ކަމަކަށްވެއެވެ. ދެމީހުން 'އިންޓިމޭޓް'ކޮށް އެކަކު އަނެކަކު ދެނެގަތުމުގެ ފުރަތަމަ ދުވަސްކޮޅަކީ ވަރަށް އުފާވެރި ލޯބި ދުވަސްތަކެކެވެ. އަދި މިއީ ފަހަށް ރައްކާކުރެވޭނެ ހަނދާންތަކެއްގެ ގޮތުގައި އުފާވެރިކޮށް ހޭދަކުރަންޖެހޭވެސް ދުވަސްތަކެއްމެއެވެ. އެހެންކަމުން ކައިވެނީގައި ގިނަދުވަސްވުމުންވެސް ދެމީހުން އެކަކު އަނެކަކު ދެކެ ފޫހި ނުވާނެ ގޮތައް އެކަކު އަނެކަކަށް ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް ދަރިން ލިބުމަށްފަހުގައިވެސް ދެމަފިރިން އެކަކު އަނެކެކަށް ދޭންޖެހޭ ލޯބި އުނިވިޔަދީގެން ނުވާނެއެވެ.

8. އެކަކު އަނެކެއްގެ ފަރާތުން އެދޭ ކަންކަން ތަފާތުވާނަމަ އެކަންކަމާއި މަޝްވަރާކުރުން؛

އަނބިމީހާ ވިޔަސް އަދި ފިރިމީހާ ވިޔަސް ދެމީހުންނަށް ލިބިގެންވާ ހައްޤުތަކެއްވުމުން ބައެއްފަހަރު ބައިވެރިޔާއަކީ ތިމާގެ މިލްކެއް ކަމުގައި ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް، ތިބާ ކިތަންމެ ބޭނުންނަމަވެސް އެއީވެސް އަމިއްލަ ވިސްނުމާއި ޚިޔާލު ހުންނާނެ މީހެއް ކަން ދަންނަންވާނެއެވެ. އެހެންކަމުން ދެމީހުން އެކަކު އަނެކެއްގެ ފަރާތުން އެދޭ ކަންކަން ބައެއް ހާލަތްތަކުގައި ތަފާތުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ތިބާއަށް އެކަމަކާއި ވިސްނޭގޮތާއި ތިބާގެ ބައިވެރިޔާ ވިސްނާގޮތާއި ތަފާތު ވާނެއެވެ. ވީމާ، މިކަންކަމުގައި މަޝްވަރާކޮށް މަސްލަހަތު އިސްކޮށް، ކޮންމެވެސް އެއްފަރާތަކުން ގޮތް ދޫކުރުމަކީ މުހިންމު ކަމެކެވެ.

9. ގޭތެރޭގެ ކަންކަން ބަހައިލުން؛

ގޭތެރެއަކީ ދެމީހުންވެސް ދިރިއުޅޭތަނެވެ. އެތަނުގައި ތަރުތީބެއްނެތްނަމަ ދެމީހުންނަށްވެސް އުނދަގޫވާނެއެވެ. ވީމާ، އަނބިމީހާ ގޭތެރެ ރީތިކޮށްފައިދާއިރު ފިރިމީހާވެސް އޭނާ ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ އެއްޗެއް ހޯދަން އުޅުމުގެ ތެރެއިން ތަނެއް ހަޑިވާނަމަ އެތަނެއް ސާފުކޮށްލުމަކީ، އަނބިމީހާއަށް އިހުތިރާމްކުރުމުގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. ގޭތެރޭގެ މިފަދަ ކުދިކުދި ކަންކަމަކީ އަނބިން ވަރަށް ޝަކުވާ ކުރާ ކަންކަމެކެވެ. އެހެންކަމުން މިފަދަ ކުދިކުދި ކަންކަން ބޮޑު ކަމަކަށް ވިޔަނުދީ ދެމީހުންވެސް ހިއްސާވެގެން ގޭތެރޭގެ ކަންކަން ތަރުތީބު ކުރުމަކީ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން