މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 51.2 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާބަލާއިރު 3.5 އިންސައްތަ އިތުރު މިންވަރެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރާއްޖޭގައި މިހާރު މުދަލު ޒަކާތުގެ ނިޞާބުގެ އަދަދަކީ 7312.55 ރުފިޔާ އެވެ.

2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 91.53 މިލިޔަން ރުފިޔާވަނީ ބަލައިގަނެފައެވެ.

ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން