ބަންގްލަދޭޝްގައި ނުރައްކާތެރި މިންވަރަކަށް ޑެންގީ ހުމުގެ ބަލިމަޑުކަން ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

މަދިރިން ޖެހޭ ޓްރޮޕިކަލް މިބަލީގައި މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 600 މީހުން މަރުވެފައިވާއިރު، ބަންގްލަދޭޝްގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް، ދުވާލަކު 2،000 އަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިގެން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ.

މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިގެން 593 މީހަކު ވަނީ މަރުވެފައެވެ. އަދި މިބަލީގައި ހާލަތު ގޯސްވެ މިއަހަރުގެ މިހާތަނަށް 123،000 މީހަކު ވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މީގެ އިތުރުން ހުސްވި އޯގަސްޓް މަހު އެކަނިވެސް ޑެންގީ ޖެހިގެން ރިޕޯޓު ކުރި ކޭސް ތަކުގެ ތެރެއިން ފަންސާސް އިންސައްތަ ކޭސް ގެ ބަލިމީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

މިބައްޔަކީ އާންމުކޮށް ވިއްސާރަ މޫސުމާއި ދިމާކޮށް ފެން ހެދިފައިވާ ތަންތަނުގައި އުފަންވާ އޭޑީސް މަދިރިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އެގޮތުން ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ވަނީ، ކޮންމެ އަހަރަކުވެސް ޖުލައި މަހާއި ސެޕްޓެމްބަރު މަހާއި ދެމެދުގެ ވިއްސާރަ މޫސުމާއި ދިމާކޮށް އެގައުމުގައި ޑެންގޫ ހުން ފެތުރުމަކީ ކަންބޮޑުވާކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ޑެންގީ ހުމުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަންގްލަދޭޝްގައި ޑެންގީގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު މުޅި އެގައުމުން ވަނީ 100،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން