ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ
ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ
ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޖާނުން ފިދާ ވުމުގެ ހަމަލާ، ނުވަރަ އީސްޓާ އެޓޭކް އަކީ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ވަފާތެރިން، ރާޖަޕަކްސާ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯދުމަށް ކުރި ކަމެއް ކަމަށް ބުނެ އިނގިރޭސި ޓީވީ ޗެނަލަކުން ރާޖަޕަކްސާއަށް ކުރި ތުހުމަތު އޭނާ ދޮގުކުރަށްވައި ރައްދުދެއްވައިފިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ޗެނަލް 4 އިން އީސްޓަރ އެޓޭކް އާއި ބެހޭގޮތުން އާންމުކުރި ފިލްމަކީ، 2005 ވަނަ އަހަރުން ފެށިގެން ދިގުދެމިގެންދާ ރާޖަޕަކްސާގެ ދިގު ލެގަސީ ކިލަނބު ކުރަން އަމާޒުކޮށްފައިވާ ފިލްމެއްކަމަށެވެ. އަދި އެފިލްމަކީ މީގެ ކުރިންވެސް ހަމަ އެ ޗެނަލުން ބްރޯޑްކާސްޓުކޮށްފައިވާ ފިލްމުތަކެކޭ އެއްފަދައިން ދޮގު ޚަބަރު ފަތުރާ ފިލްމެއްކަމަށެވެ.

ރާޖަޕަކްސަ ވިދާޅުވީ އިސްލާމީ ހަރުކަށި ފިކުރުގެ ބަޔަކު ދިން ޖާނުން ފިދާވުމުގެ އެ ހަމަލާތަކަކީ އެމަނިކުފާނު ރައީސްކަމުގެ މަގާމަށް ގެންނަން ކުރި ކަމެއް ކަމަށް ބުނުމަކީ ވަރަށްވެސް މުޑުދާރު ކަމެއް ކަމަށެވެ.

"ބަޔަކު އަޅުގަނޑުގެ މައްޗަށް ސިޔާސީ ގޮތުން ތުހުމަތުތަކެއް ކުރި ނަމަވެސް، އަޅުގަނޑު ސަރުކާރުގެ މަގާމުގައި ހުރިއިރު ރޯމަން ކެތޮލިކް ކޮމިއުނިޓީއަށް އެހީތެރިވުމަށް އަމިއްލައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. ހަނގުރާމަ ނިމުމުން މަދޫ ޗާޗާއި މުއްލިކުލަމް ޗާޗް އަލުން ބިނާކުރުމުގައިވެސް އެހީތެރިވެދިނިން. އަދި ޕޯޕް ސްރީލަންކާއަށް ގެނައުމަށް ދައުވަތު ދީ، ކުރަންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްވެސް އެހީތެރިވެދިނިން. އަދި ބޮލަވަލާނާގައި ގާއިމުކުރެވިގެންދިޔަ ކެތޮލިކް އިންސްޓިޓިއުޝަން އޮފް ހަޔަރ އެޑިއުކޭޝަން ބިނާކުރުމުގައިވެސް އަޅުގަނޑު މުހިންމު ދައުރެއް އަދާކުރިން." ރާޖަޕަކްސަގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން މޭޖަރ ޖެނެރަލް ސުރޭޝް ސައްލޭ އަކީ ޖާނުން ފިދާވުމުގެ ހަމަލާދިން މީހުންނާ ބައްދަލުކުރި މީހެއް ކަމާއި، އޭނާ އަކީ ރާޖަޕަކްސާއަށް ވަފާތެރި މީހެއް ކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވަމުން ގޮޓަބަޔާ ރާޖަޕަކްސާ ވިދާޅުވީ މޭޖަރ ޖެނެރަލް ސައްލޭ އަކީ ގިނަ ރައީސުންގެ ވެރިކަމުގައި ޚިދުމަތް ކުރައްވާފައިވާ އަސްކަރީ އޮފިސަރެއް ކަމަށާއި ހުރިހާ އަސްކަރީ އޮފިސަރުންނަކީ ދައުލަތަށް ވަފާތެރި ބައެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު ޑިފެންސް ސެކްރެޓަރީގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އަދި 2019 ވަނަ އަހަރު ރައީސް ކަމަށް އިންތިޚާބު ކުރެވެންދެން މޭޖާ ޖެނެރަލް ސުރޭޝް ސައްލޭއާއި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑަކީ ވެސް ކުރީގެ ސިފައިންގެ އޮފިސަރެއް، އަދި އޭނާ ފަދައިން އަޅުގަނޑު ވެސް އެކި ސަރުކާރުތަކުގެ ދަށުން ޚިދުމަތް ކުރިން. 2015 ވަނަ އަހަރު ޑިފެންސް ސެކްރެޓަރީގެ މަގާމުން ވަކިވުމަށް ފަހު އަދި ރައީސް ކަމަށް އިންތިޚާބު ކުރެވެންދެން މޭޖަރ ޖެނެރަލް ސައްލޭ އާއި އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް،" ބުރާސްފަތި ދުވަހު އާންމު ކުރި ރާޖަޕަކްސަގެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑު ރައީސް ކަމަށް އައުމަށްފަހު، 2019 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ދައުލަތުގެ ޖާސޫސީ ޚިދުމަތުގެ އިސްވެރިއެއްގެ ގޮތުގައި އަލުން އިންޓެލިޖެންސް އެޕެރެޓަސްއާ އޭނާ ގުޅިވަޑައިގަތް. އެހެންވީމާ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޭޖާ ޖެނެރަލް ސައްލޭ، ޖާނުން ފިދާވުމުގެ ހަމަލާ ދިން މީހުންނާ ބައްދަލުކުރި ވާހަކައަކީ ސީދާ ދޮގުހަބަރެއް."

21 އޭޕްރީލް 2019 ވީ އީސްޓާ ސަންޑޭގައި ސްރީލަންކާގެ ތިން ޗާޗަކާއި ވިޔަފާރީގެ ވެރިރަށް، ކޮލަމްބޯގެ ތިން ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ކޯޑިނޭޓްކޮށްގެން އައިއެސްއާ ގުޅުން ހުރި ބަޔަކު ދިން ޓެރަރިސްޓް ހަމަލާތަކަކީ ޖާނު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާތަކެކެވެ. އަދި ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި ޑެމަޓަގޯޑާގެ ހައުސިން ކޮމްޕްލެކްސްއަކާއި ދޭހިވާލާގެ ގެސްޓް ހައުސްއެއްގައި ބޮމުގެ ދެ ހަމަލާއެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިހަމަލާތަކުގައި 269 މީހަކު މަރުވެފައިވާއިރު 500 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

މިހަމަލާއަށް ބިނާކޮށް އިނގިރޭސިވިލާތުގެ ޗެނަލް 4 ޓީވީ ސްޓޭޝަނުން އަންގާރަ ދުވަހު ވަނީ 'ސްރީލަންކާގެ އީސްޓާ ބޮންބިންގްސް - ޑިސްޕެޗްސް' ގެ ނަމުގައި ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ. މި ޑޮކިއުމެންޓްރީގައި 2019 ވަނަ އަހަރު ދިން ޖާނުން ފިދާވުމުގެ ހަމަލާ ދިނުމުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ހަމަލާތަކަކީ ރާޖަޕަކްސާ އަޚުންގެ ފައިދާއަށް ސިޔާސީ ބަދަލެއް ގެންނަން މަޖުބޫރު ކުރުމުގެ މަގުސަދުގައި ދިން ''ކްރާފްޓްޑް އެކްޓެއް'' ނުވަތަ ރާވައިގެން ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ޑޮކިއުމެންޓްރީގައި މިކަން ހިނގާދިޔަ ގޮތް އެނގޭ ގިނަ ބައެއްގެ އިންޓަރވިއު ތަކާއި ސިއްރު ރިޕޯޓްތައް ވެސް ހިމަނާފައި ވެއެވެ. މިއީ ވެރިކަމުގެ ދަހިވެތި ކަމުގައި ރާޖަޕަކްސަގެ އައިލާއާއި ގާތް އެކުވެރިން ވަރަށް ދުރާލައި ރާވައިގެން ހިންގާފައިވާ ހަމަލާއެއް ކަމަށް މި ޑޮކިއުމެންޓްރީގައި ސާބިތުކޮށްދެއެވެ. އަދި މިހަމަލާތައް ރޭވުމުގެ ތެރޭގައި ލަންކާގެ ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިން ވަގަށްނަގައި މަޝްހޫރު އެޑިޓަރަކު ބަޑިޖަހާ މަރާލި ހާދިސާގެ ހަގީގަތްވެސް ހަމަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން