އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ވެރިމަކުގައި އެ ގައުމުގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްފީފައިވާ ކަމަަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ޖީ20 ސަމިޓްގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މޯދީ ސަރުކާރުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަމަށް ސަމާލުކަން ދެވިފައިވާ ކަމަށެވެ.

ބައިޑަން ވަނީ މޯދީއާއި ވަކިން ބައްދަލުކުރައްވާފައެވެެ. އަދި ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވާފައެވެ.

ސަމިޓް ނިމުމުގެ ކުރިން ބައިޑަން ވަނީ އާދީއްތަ ދުވަހުގައި އިންޑިއާއިން ފުރާވަޑައިގެން ވިއެޓްނާމަށް ދަތުރުކުރައްވާފައެވެ.

ބައިޑަން މޯދީ ސަރުކާރަށް މިފަދައިން ތައުރީފްކުރައްވާފަވާއިރު، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ދަނީ އިންޑިއާގައި ބީޖޭޕީ ޕާޓީން ހިންދޫ ދީން ނޫން އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ބެހޭގޮތުން ސުވާލު ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން އިންޑިއާއާއި މަޝްވަރާކުރުމަށް ބައިޑަންއާއި އެކްޓިވިސްޓުން ވާހަކަދެކެވުނު ނަމަވެސް އިންޑިއާއާއި އެއްކޮޅަށް ވާހަކަދެއްކުމަށް އެމެރިކާއަށް މަޖުބޫރުވެއެވެ. އެއީ ޗައިނާއާއި ދެކޮޅުވާން ޖެހޭ ޙާލަތެއްގައި އިންޑިއާއަކީ އެމެރިކާއަށް މުހިންމު ބައިވެރިއަކަށްވާތީއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން މެއި މަހު ނެރުނު އެންމެ ފަހުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން އެ އިންޑެކްސްގައި އިންޑިއާގެ ޖާގަ މިދިޔަ އަހަރާ އަޅާބަލާއިރު 11 ދަރަޖަ ދަށްވެ 180 ގައުމުގެ ތެރެއިން 161 ވަނަ ދަރަޖައަށް ވަނީ ތިރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން