ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީޙުންގެ އަދަދު 2800 އަށްވުރެ މައްޗަށް އަރައިފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މި ހާދިސާގައި 2562 މީޙުަންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

އަދި ބައެއް ސަރަހައްދުތަކުގައި ތިބި ހުރިހާ ގެތައްހެން ސުންނާފަތިވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތައް ރިޕޯޓްކޮށްފައިވެއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ އަލް ހާއުޒް ސަރަހައްދުންނެވެ. އެ ސަރަހައްދުން 1500 މީޙުން މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފަވެއެވެ. މޮރޮކޯގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާ ގޮތުންނަމަ، އެ ސަރަހައްދުގެ ވެށި އޮތް ގޮތުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަން ދައްޗެވެ.

ހުކުރު ދުވަހުގެ ރޭ މޮރޮކޯ ގަޑިން 11:11 ގައި އައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުގަދަ ބިންހެލުމެކެވެ. މި ހާދިސާގައި މޮރޮކޯގެ އެކި ހިސާބުތަކަށް ބިންހެލުމުގެ އަސަަރުކޮށްފައިއެވެ. އެގައުމުގެ ކަސަބްލާންކާ ސަރަހައްދުން ފެށިގެން މައްރަކޭޝް ސަރަހައްދާއި ހަމައަށް ވަރުގަދަ ލޮޅުމުގެ އަސަރުކޮށްފައި ވެއެވެ.

މިއީ މިފަހުގެ ތާރީހެއްގައި އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބިންހެލުމުގެ ހާދިސާއެވެ. އެންމެ ފަހުން މޮރޮކޯއަށް ބިންހެލުމެއް އައިސްފައިވަނީ 2004 ވަނަ އަހަރުގައެވެ. އެއީ ރެކްޓަރ މިންގަނޑުން 6.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 630 އަށް އެރިއެވެ.

މިހާތަނަށް މޮރޮކޯއަށް ދިމާވި އެންމެ ނުރައްކާތެރި ބިން ހެލުމުގެ ހާދިސާ ހިނގާފަ ވަނީ 1960 ވަނަ އަހަރުއެވެ. އެ ހާދިސާގައި 12،000 މީހުން މަރުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން