އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދު-
އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދު-
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އަގުބޮޑުކޮށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ނިންމާފައިވަނީ މ. ރީފްވިލާ، މުޙައްމަދު ޖުނައިދުގެ އިތުރުން، އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި މ. ހިލްއިންދަގާރޑެން، ޢަބްދުލްވައްހާބުގެ މައްޗަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެންބަރު 2026 ގައެވެ.

މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއިން 18 އެއަރކޮންޑިޝަން (އޭސީ) ޔުނިޓް ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް، އާންމުކޮށް އިއުލާނުކުރުމެއް ނެތި އަދި ބޯޑުގެ ހުއްދައެއްވެސް ނެތި އެ މަސައްކަތް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. އަދި އޭސީ ޔުނިޓްތައް ގަނެފައިވަނީ އެފަދަ މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް ނެތް، އަދި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮންނަ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުންނެވެ.

މީގެއިތުރުން މި މުދާ ގަނެފައިވަނީ އޭރު ބާޒާރުގައި މިފަދަ ތަކެތި ލިބެންހުރި އަގަށްވުރެ މާ ބޮޑު އަގެއް ކަމަށްވާ، ޖުމްލަ 1,083,998 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ޚަރަދުކޮށްގެން ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.

އެހެންކަމުން މި ދެ ބޭފުޅުންގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް މި މައްސަލައިގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް