ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލް، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފް، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ބެއިޖިންގއަށް ވަޑައިގެންފިއެވެ.

ޕީޖީ އޮފީހުން ބުނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓާއި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާއި، މަސައްކަތުގެ ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުން ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގ ޔޮންގއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުންގެ ދެމެދުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓާއި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގެ ޗީފް ޕްރޮސެކިއުޓަރ މިސްޓަރ ޒޫ ޔާޕިންގ އަދި ޝާންޝީ ޕްރޮވިންޝަލް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގެ ޗީފް ޕްރޮސެކިއުޓަރ މިސްޓަރ ވާންގ ޒުގުއާންގއާ ވެސް ޕީޖީ ޢައްބާސް ޝަރީފް ބައްދަލުކުރަށްވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މަޙްމޫދު ސަލީމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދާއި، ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާއާއި، ޑިރެކްޓަރ މީޑިއާ އެންޑް ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޛު އަޙްމަދު ޝަފީޢު އަދި ޑިރެކްޓަރ އިވެންޓްސް އެންޑް ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޛާ ސުލްޠާނާ އާދަމް ހިމެނިވަޑައިގަންނަވައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ބެއިޖިންގ އެއާޕޯޓުން މަރުޙަބާ ދެންނެވީ ޗައިނާގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޝީ ވެއިޒޮންގއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޗައިނާއަށް ކުރަށްވާ މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެންބަރު 2026 ގައި ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު