ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ އޯ.ސީ.ސީ ފިހާރައިގެ ކޭޝިއަރަކަށް އިން ބިދޭސީ އަންހެނެއްގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާ 20 އަހަރަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2025 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ މެންދުރު 12:15 އާއި 12:45 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އޯ.ސީ.ސީ ފިހާރައަށް ވަދެ، އެ ފިހާރައިގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް ޖަހަންގިރް މިއާ ވަނީ ވަޅިއަކުން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 2025/7 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ވ) ގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު އިއްޔެ އިއްވި ޙުކުމުގައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވާތީ 20 އަހަރުގެ މުއްދަތަކަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ނަމަވެސް، މި މައްސަލައިގެ ތަޙުޤީޤަށާއި ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒު ކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވަނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 7 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު