އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަކުރަން ހާއްސަ ގާނޫނެއް ފާސްކޮށްފިއެވެ.

މުހިންމު ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅައި ފާސްކޮށްފައިވާ މިގާނޫނާއެކު އިންޑިއާގެ ޕާލަމެންޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.

މިގާނޫނު ފާސްކޮށްފައިވަނީ ލޯކް ސަބާ ނުވަތަ އިންޑިއާގެ ޕާލަމެންޓްގެ ދަށު ގެއިން މިދިޔަ ބުދަ ދުވަހުއެވެ. އަދި އިންޑިއާގެ ޕާލަމެންޓްގެ މަތީ ގެ ނުވަތަ ރާޖްޔާ ސަބާ އިން ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ މެޖޯރިޓީގެ އިއްތިފާގުން މިގާނޫނު ފާސްކޮށްފައެވެ.

މިބިލް ފާސްކުރުމާއެކު އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، އދ އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ބިލް ފާސްކުރުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ގާނޫނަކީ އިންޑިއާގެ ޑިމޮކްރަސީގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ސިފަކުރައްވައި ޓްވީޓް ކުރައްވާފައެވެ.

"ނާރީ ޝަކްތީ ވަންދަން އަދީނިޔާމް (އަންހެނުން ބާރުވެރިކުރުވުމުގެ ރިޒާވޭޝަން ބިލް) ރައްޔިތުންގެ މަޖިލީހުގައި ފާސްވުމާއެކު، އިންޑިއާގެ އަންހެނުން ތަމްސީލުކުރުމާއި ބާރުވެރިކުރުމުގެ ޒަމާނެއް އަޅުގަނޑުމެން ފަށަނީ.. މިއީ ހަމައެކަނި ގާނޫނެއް ނޫން؛ މިއީ އިންޑިއާ ގައުމަކަށް ހަދައިދިން އަންހެނުންނަށް ދިން ޝުކުރުގެ ރަމްޒެއް،" މޯދީ ވިދާޅުވެފައިވެއެވެ.

މިގާނޫނުގައި ލާޒިމްކޮށްފައިވާގޮތުން ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއާއި ދައުލަތުގެ މަޖިލިސްތަކުގައި ތިންބައިކުޅަ އެއްބައި ގޮނޑިތައް އަންހެނުންނަށް ހާއްސަވެގެންދާއެވެ.

ނަމަވެސް އާ ގާނޫނަށް އަމަލުކުރަން ފަށާނީ އިންޑިޔާގެ ބޯހިމެނުމަށް ފަހު މަޖިލިސް ދާއިރާތަކުގެ ވަކި ސަރަހައްދުތައް އަލުން ވަކިކޮށް ނިމުމުންނެވެ. އިންޑިއާގައި 2021 ވަނަ އަހަރު ބާއްވަން ހަމަޖެހުނު ބޯހިމެނުމުގެ މަސައްކަތް، ކޯވިޑް-19 ގެ ސަބަބުން ލަސްވެފައިވާއިރު މިކަން ނިމޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން