ޗައިނާގެ އުއިގޫރު އިލްމުވެރިއެއްކަމަށްވާ ރާހިލޭ ދާވޫތު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ސެން ފްރެންސިސްކޯގައި ހުންނަ ދުއި ހޫއާ ފައުންޑޭޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތުގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ތުހުމަތުގައި ރާހިލޭ ގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ސިއްރު ޝަރީއަތެއްގަ އެވެ. އަދި އޭރު އިއްވި ހުކުމް ރާހިލޭ އިސްތިއުނާފު ކުރި ނަމަވެސް، އުމުރުން 57 އަހަރުގެ ޕްރޮފެސަރު ހުށައެޅި އިސްތިއުނާފުގެ މައްސަލަ ނިމުނީ އޭނާ އާއި ދެކޮޅަށެވެ. އެގޮތުން ރާހިލޭގެ މައްޗަށް ސާބިތުވި ހުކުމް ޗައިނާގެ ކޯޓުން ވަނީ ދަމަހައްޓާފައެވެ.

2017 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާން ސަރަހައްދަށް ނިސްބަތްވާ ތުރުކީގެ މުސްލިމް ނަސްލެއް ކަމަށްވާ އުއިގޫރުސް އަށް އަމާޒުކޮށްގެން ސަރުކާރުން ހިންގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރާހިލޭ ދާވޫތުވެސް ހިމެނެއެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ވަނީ ފާއިތުވި އަހަރުތަކުގައި އަމިއްލަ އިހުތިޔާރާ ހިލާފަށް އެއް މިލިއަނަށް ވުރެ ގިނަ އުއިގޫރުން ހައްޔަރުކޮށްފައެވެ، މީގެ ތެރޭގައި ގިނަ މުސްލިމުން ހިމެނޭއިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ދަށުން "ރީ އެޑިއުކޭޝަން ކޭމްޕް" އަކަށް ގެންދިއުމަށެވެ. ނަމަވެސް މިހެން ހައްރުކޮށްފައިވާ އެތައް ބަޔަކުގެ މައްޗަށް އެކި ދައުވާގެ މައްސަލަ ސިއްރު ކޯޓު އަޑުއެހުންތަކުގައި ނިންމައި ޖަލު ހުކުމްވެސް ވަނީ އިއްވާފައެވެ.

އެގޮތުން ރާހިލޭ ހައްޔަރުކުރުމަށް ފަހުވެސް އަހަރުތަކެއް ވަންދެން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ހުރި ތަނާއި އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކަންކަން ސިއްރުކޮށްފައެވެ. އޭނާގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ބެލީވެސް ކޯޓުގެ ސިއްރު މަރުހަލާތަކެއްގައެވެ.

ރާހިލޭގެ އާއި ދެކޮޅަށް ޗައިނާ ސަރުކާރުން އުފުލާފައިވާ ދައުވާ އާއި ކޮށްފައިވާ ހުކުމުގެ މައުލޫމާތު ހާމަވެގެން ދިޔައީ މި މަހު އާންމު ވެގެންދިޔަ ޗައިނާ ސަރުކާރުގެ ލިޔުމެއްގައެވެ. މި ލިޔުމުގައި ރާހިލޭ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރިކަން ފާހަގަވާކަމަށް ޑޫއި ހޫއާ ފައުންޑޭޝަނުން ހާމަކޮށްފައިވެއެވެ.

ރާހިލޭ ދާވޫތަކީ ޝިންޖިއާން ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ އިތުރުން އެ ސްކޫލްގެ އެތުނިކް މައިނޯރިޓީސް ފޯކްލޯރ ރިސާޗް ސެންޓަރުގެ ބާނީ އެވެ. 2007 ވަނަ އަހަރު އުފެދިގެން އައި އެތުނިކް މައިނޯރިޓީސް ރިސާޗް ސެންޓަރުގެ މަސައްކަތާއިއެކު ރާހިލޭ ވަނީ ސަރަހައްދު ދިރާސާ ކުރަން މުޅި ޝިންޖިއާންގައި ފީލްޑް ވޯކް ކުރިއަށް ގެންގޮސްފައެވެ. ރާހިލޭ އަކި ހާވާޑް އަދި ކެމްބްރިޖް ގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެތައް ޔުނިވާސިޓީތަކުގައި ލެކްޗަރ ދެއްވާފައިވާ ޕްރިފެސަރ އެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން