ލީބިޔާގެ ފެންބޮޑުވުމުގެ ކާރިސާގެ މަރުތަކުގެ ޒިންމާ ނެގުވުމަށް ދަރްނާގެ މޭޔަރު ހައްޔަރުކޮށްފިއެވެ.

ލީބިޔާއަށް ތޫފާނެއް އަރައި ދަރްނާގެ ޑޭމްއެއް ހަލާކުވުމާއި ގުޅިގެން ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި އެތައްހާސް މީހުންގެ މަރުގެ ޒިންމާ އުފުލުމަށް ދަރްނާ ސިޓީގެ މޭޔަރު ޢަބްދުލް މުނީމް އަލް ޤައިސީއާއި އިސް އޮފިޝަލުންތަކެއް، ޗީފް ޕްރޮސެކިއުޓަރުގެ އަމުރުގެ ދަށުން ހައްޔަރުކުރީ ދަރްނާގެ 2 ޑޭމަށް ބޭނުންވާ މަރާމާތުތައް ނުކޮށް ފަރުވާ ކުޑަކުރުމުގެ ތުހުމަތުގައެވެ. އަދި މި ކާރިސާ ހިނގިއިރުގައި މީހުން ސަލާމަތްކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ލީބިޔާގެ ސްޓޭޓް އޮޑިޓް ބިއުރޯއިން ވަނީ ޑޭމްތަކަށް ބޭނުންވާ އަދި ނުކުރެވި ހުރި މަރާމާތުގެ މަސައްކަތްތަކަށް ފަންޑު ލިބުނީމަވެސް އެކި ސަބަބުތަކާއި ގުޅިގެން ކައުންސިލުން އެ މަސައްކަތްތައް ނުކުރި ކަމުގެ ހެކި ހުށަހަޅާފައެވެ.

މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލަނީ 16 މީހެއްގެ މައްޗަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ގައުމުގެ ކުރީގެ ރައީސް މުއައްމަރު ޤައްޒާފީ އަވަހާރަވީފަހުން ޑޭމްތަކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްފައެއް ނުވެއެވެ.

އދ. އިން ހާމަކުރިގޮތުގައި މި ކާރިސާގައި އަދިވެސް 9000 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި ފާއިތުވި 72 ގަޑިއިރު ތެރޭގައިވެސް މަރުވެފައިވާ 60 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ. ލީބިޔާގެ ރެޑް ކްރެސެންޓުން ބުނީ މަރުވީ މީހުންގެ އަދަދު 11،300 އަށް ވުރެ ގިނަ ކަމަށެވެ.

މި ކާރިސާ ހިނގަން މެދުވެރިވީ ލީބިޔާގެ ދަރްނާ ސަރަހައްދަށް އެރި ތޫފާނުގައި އެސަރަހައްދުގެ ޑޭމްއަކަށް ގެއްލުންވުމާއި ގުޅިގެންނެވެ. އެ ސަރަހައްދުގައި 125،000 މީހުން ދިރިއުޅެއެވެ. ތޫފާން "ދާނިއަލް" އެރުމާއިއެކު، އެ ސަރަހައްދުގެ އިމާރާތްތަކަށާއި މަގުތަކަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން