އިންޑިއާގައި ހުންނަ އަފްޣާނިސްތާންގެ އެމްބަސީ މިއަދުން ފެށިގެން ބަންދުކުރުމަށް އަފްޣާނިސްތާނުން ނިންމައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދެއްލީގައި ހުންނަ މި އެމްބަސީ ބަންދުކުރަން ނިންމީ އިންޑިއާއިން "އެގައުމަށް އެއްބާރުލުން ދޭ މިންވަރު ކުޑަވުމާއި" އެމްބަސީ ހިންގަން ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތުމާއި އަފްޣާނިސްތާންގެ ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ނުކުރެވުމުގެ ސަބަބުން ކަމަށް އަފްޣާނިސްތާނުން ބުނެފައި ވެއެވެ.

މުއުތަބަރު މަސްދަރަކާއި ހަވާލާދީ އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުން ފެށިގެން އެމްބަސީ ތެރޭގައި އެތެރޭގެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި މަހެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ އިތުރުން އެހެނިހެން މުވައްޒަފުންނަށްވެސް އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ހޮނިހިރު ދުވަހު އަފްޣާނިސްތާން އެމްބަސީން ވަނީ އިންޑިއާގައި ހުންނަ އެއޮލީސް ބަންދުކުރާނެ ކަން އިއުލާންކޮށްފައެވެ.

އަފްޣާނިސްތާންގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ސަފީރަށް ތާލިބާންގެ ވެރިކަމުގައި އިންޑިއާގެ އެމްބަސީގައި މަސައްކަތްކުރަން ދަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ތާލިބާނުން ވަނީ 14 ގައުމެއްގައި ތިބި އަފްޣާނިސްތާންގެ ސަފީރުން މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާއަށް ކަނޑައެޅި ސަފީރު ނުހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން