ހުޅުމާލޭ މިސްކިތް (ފޮޓޯ: ސޯޝަލް މީޑިއާ)
ހުޅުމާލޭ މިސްކިތް (ފޮޓޯ: ސޯޝަލް މީޑިއާ)
އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު މިވަނީ އިޖްތިމާޢީ ބޮޑެތި މުސީބާތްތަކަކާ ކުރިމަތިވެފައިކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިންސާނީ ވަގުފާރިއަށް އަމާޒުކޮށް މިއަދު އިއްވާފައިވާ ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ އަޚްލާޤިއްޔަތާއި، އިންސާނީ ކަރާމާތް މަނާކުރާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭކަމަށާއި، އޭގެ ތެރޭގައި އިންސާނުން ވަގަށް ނެގުމާއި، އަޅުންގެ ގޮތުގައި ގެންގުޅުމާއި، ގަދަކަމުން މަސައްކަތް ކުރުވުން ހިމެނޭ ކަމަށެވެ. ހަމަ އެއާއެކު މީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ދިނުން ލަސްކުރުމަކީ ލާއިންސާނީ ޢަމަލެއް ކަމަށާއި، މިއީ ޒަމާނީ އަޅުވެތިކަމުގެ ޢަމަލެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އިންސާނީ ވަގުފާރިއަކީ ތިންވަނަ ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ވިޔަފާރިކަމަށާއި، ހަށިވިއްކުމުގެ ކަސްބީ ބާޒާރަށް ކޮންމެ ދުވަހަކު އެތައްހާސް އަންހެނުންނަކާއި ކުޑަކުދިންނެއް ނެރެމުން ގެންދާކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން އެތައް ބަޔަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގެއްލުންތައް ލިބެމުންދާ ކަމަށާއި، އެތައްބައެއްގެ ކުރިމަގު މުޅިން އަނދިރިވެ ނާއުއްމީދުވާ ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.

"އިންސާނީ ވަގުފާރީގެ ތެރޭގައި ދިރިތިބި މީހުން ވަގަށްނަގައި އެމީހުންގެ ލޮލާއި ގުރުދާފަދަ ގުނަވަންތައްވިއްކުމާއި، މިފަދަ ބޭނުންތަކަށް މަރުވެފައިވާ މީހުންގެ ޙުރުމަތްތެރި ހަށިތައް ކޮނެގެން ނެގުންވެސް ހިމެނެއެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ކުރުވަނީ، ރަނގަޅު މަސައްކަތްތައް ހޯދައިދޭނެ ކަމަށް ދޮގު ވަޢުދުވެ، އިންސާނީ ވަގުފާރީގެ ތެރެއިން ގެންނަ މީހުން ލައްވައެވެ." މިއަދުގެ ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ރަނގަޅު މުސާރައެއް ދޭނެ ކަމަށްބުނެ ހައްލައިގެން އެތައްލައްކަ މީހުން އަމިއްލަ ވަޠަން ދޫކޮށް އެހެން ޤައުމުތަކަށް ކެހިވެރި އޮޅުވާލުމެއްގެ ތެރެއިން ފޮނުވާލާކަމަށާއި، ރާއްޖެއަށްވެސް ބޭރުމީހުން ގެނަސް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމަށް ހަނދާން ކުރުމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ރިވެތި ގޮތުގައި އެ މީހުންނާ މުއާމަލާތުކޮށް އެ މީހުންނަށް މުސާރަ ދިނުމަކީ ވެސް އެ މީހުން ގެނައި ބަޔެއްގެ ޒިންމާ އެއް ކަމަށާއި، ވަޒީފާތަކަށް ގެންނަ މީހުންގެ ވިސާގެ ކަންތައް ހަމަޖައްސައިދިނުމާއި ވޯކްޕާމިޓް ހައްދައި ދިނުމަކީ ވެސް އެ މީހުން ގެންނަބަޔެއްގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ މިކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމް ވެގެންވާ ކަމެއް ކަމަށާއި، ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ މީހުންނާމެދު އިހުމާލުވެ އެ މީހުންގެ ހައްގުތައް ނުދޭނަމަ، އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި، ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނީ، އިސްލާމްދީނަކީ ދުނިޔަވީ މިފަދަ ކޮންމެ ކަމެއްގައި އަދުލުވެރިވުމަށާއި އިހްސާންތެރިވުމުގެ މަތިވެރި އުސޫލުގައި ހިފެހެއްޓުމަށް ގޮވާލާ ދީނެއް ކަމަށެވެ. އަދި ވަގުފާރީގެ ސަބަބުން މުޖުތަމައުގައި ފެތުރޭ ފާހިޝް އަމަލުތަކަކީ މުޖުތަމައު ވީނާރާކޮށް، ހަލާކު ކޮށްލަފާނެ ކަމެއް ކަމަށާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ގޮސްފައިވަނީ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އުއްމަތްތައް ހަލާކުވެ، ފަނާވެގެން ގޮސްފައިވަނީ އެބައިމީހުން ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ވެއްޓި އެބައިމީހުންގެ ލަގަން ޝަހްވަތްތަކަށް ދޫކޮށްލުމުން ކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން