އެކިމީހުންގެ މިޒާޖުތަފާތުވުމުން އެކިމީހުން އެމީހުންގެ ދަށިގައި މަސައްކަތްކުރާ މީހުނާއިމެދު އަމަލުތައް ބަހައްޓާގޮތްވެސް ތަފާތުވާނެއެވެ. މިލިޔުމުގެ ބޭނުމަށް އުނދަގޫ މިޒާޖު މާނަކޮށްފައިމިވަނީ ވަޒީފާގެ މާހައުލުގައި އެމީހުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމުގައި ގެންގުޅޭ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާކަންތައްތަކުގެ މައްޗަށެވެ. ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ހައްޤުތައް ދިންނަމަވެސް ވަޒީފާގައި ވެރިން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ދަށުން މަސައްކަތްކުރަންތިބޭ މީހުން ވަޒީފާމަތިން ފޫހިވެ މަސައްކަތަށް ފަރުވާ ކުޑަކުރެއެވެ.

ވަޒީފާއަކީ ދިރިއުޅުމުގެ 3/1 ވަގުތު އެކަމެއްގައި ހޭދަކުރެވޭ ކަމެވެ. އެހެންކަމުން ވަޒީފާގެ މާހައުލުގައި އަބަދުމެ ހިތްހަމަ ނުޖެހުންވާނަމަ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ. ވެރިމީހާ ހިތް ރުއްސުމަށްޓަކައި ތިބާގެ ޤަދަރު ކުޑަވާގޮތަށް އެއްޗެތި ކީނަމަވެސް އެކަމަށްވެސް ކެއްކޮށްލައިގެން ހުންނަނީ ވަޒީފާ ގެއްލިދާނެތީއެވެ. އަދި ދުވާލަކު ގޮތަކަށް މަސައްކަތް ބަދަލު ކުރަމުން ދިއުމާއި ތިބާއަށް އަރާމުކޮށްލުމަށް ގެއަށްވެސް ނުދެވޭނެހާ ގިނަ މަސައްކަތް ހަވާލު ކުރުމުންވެސް ޝަކުވާ ނުކޮށް ކެތްކޮށްލައިގެން ހުރެވެއެވެ. ނަމަވެސް ވަކި ހިސާބަކަށް ދިއުމުން ވަޒީފާމަތިން ފޫހިވެ އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވެންފަށައެވެ.



ސައިކޮލޮޖީ ޓުޑޭ އޮންލައިން މަޖައްލާއެއްގައި ޝާއިއުކޮށްފައިވާ 'ދަ ބޭޑް ބޮސް' ސާވޭގައި ބުނާގޮތުންނަމަ ހަރުކަށި މިޒާޖުގެ ވެރިންނަކީ އެމީހުންގެ މިޒާޖު 'ޑާކް ޓުރައޭޑް'އަށް ނިސްބަތްވާ ބައެކެވެ. މީހުންގެ މިޒާޖަށްބަލައި ނަފްސާނީ އިލްމުވެރިން މީހުން ދެބަޔަކަށް ބަހާލައެވެ. އެއްބަޔަކީ މިދެންނެވި ޑާކް ޓަރައޭޑްއެވެ. އަނެއް ބަޔަކީ ލައިޓް ޓަރައޭޑްއެވެ. މީގެ ތެރެއިން އެއްބަޔަކީ އިންސާނީވަންތަކަމާއި ހަމްދަރުދީއާއި މީހުންނާއިމެދު ރަނގަޅު ވިސްނުން އިސްކުރުމާއި ތިމާއާއި އެހެންމީހުންނާއި ފަރަގެއް ވާކަމަށް ޤަބޫލުނުކުރާ ހިތްތިރި ބައެކެވެ. އަނެއްބަޔަކީ ތިމާމެންނަކީ އެހެން މީހުންނަށްވުރެ މަތީ މީހުންކަމުގައި ޤަބޫލުކުރާ، އަމިއްލަ ފައިދާއަށް އެހެން މީހުން ބޭނުންކުރާ އަދި އެހެން މީހުންނާއިމެދު ނުބައިކޮށްދެކި އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމްނުކުރާ މީހުންނެވެ. އިންސާނީ ތަބީއަތުގައި މިދެބައިގެވެސް ހިމެނިދާނެއެވެ. ނަމަވެސް ކޮންމެ މީހެއްގެވެސް ބޮޑަށް ބުރަވާ ކޮޅަކީ އެމީހުންގެ މިޒާޖު ގުރޫޕުކުރެވޭނެ ގޮތެވެ.

'ޑާކް ޓަރައޭޑް' ލީޑަރޝިޕް ދެނެގަތުން

މި ސިފަތައް ހުންނަ ލީޑަރުން ގިނަފަހަރަށް އެމީހުންގެ ދަށުގައި ތިބޭ މުވައްޒަފުންގެ މައްޗަށް ނުފޫޒުފޯރުވުމާއި ހަމްދަރުދީ ނެތުމާއި، ކަންކަމުން ނިކުމެދާނެ ނަތީޖާއަށް ބެލުމެއްނެތި ނިންމުންތައް ނިންމައެވެ. މިފަދަ ލީޑަރުންނަކީ މަސައްކަތުގެ މާހައުލު މުޅިން ގޯސްކޮށްލައި ވަޒީފާގައި ހޭދަކުރާ ވަގުތުމަތިން ފޫހިކުރުވާލާފަދަ ބަޔަކަށް ވެގެންދެއެވެ. މިހާލަތުގައި މިފަދަ ލީޑަރުން ނުވަތަ ވެރިންނާއިއެކު ރަނގަޅުގޮތުގައި މީހާގެ ސިކުނޑި ސަލާމަތުން ބަހައްޓައިގެން މަސައްކަތްކުރާނެ ގޮތްތައް ހޯދަންޖެހެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިފަދަވެރިންގެ ކިބައިގައި ހުންނަ ޑާކް ޓްރައިޑް ސިފަތަކުގެ ސަބަބުން އެމީހުންގެ ދަށުން މަސައްކަތްކުރާ މީހުންނާއި އަދި ޖުމްލަކޮށް މުޅި އިދާރާގެ މަސައްކަތުގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރެއެވެ. މީގެ އިތުރުން ޑާކް ޓްރައިޑް ސިފަތަކުގެ ތެރެއިން މެކިއަވެލިއަނިޒަމް (މީހުން މެނިޕިއުލޭޓް ނުވަތަ ނުފޫޒު ފޯރުވުމާއި އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމް ނުކުރުމާއި އެހެން މީހުން ޤުރުބާންކޮށްލައިނަމަވެސް އަމިއްލަ މަންފާއަށް މަސައްކަތްކުރުމުގެ އާދަތައް) އާއި ސައިކޮޕެތީގެ (އެހެން މީހުންގެ އިހުސާސްތައް ނުދަތުމާއި އިޖުތިމާއީ ގުޅުންތައް ބޭއްވުމުން ދުރުހެލިވުމާއި އިންސާނިއްޔަތުގެ ކުލުނާއި އިހުސާސްނެތުން) ސަބަބުން އޭނާގެ ދަށުން މަސައްކަތްކުރާ މީހުންގެ ކާމިޔާބީއަށާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކޮށް، މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް އިތުރުވެގެންދެއެވެ.



އުނދަގޫ މިޒާޖުގެ ވެރިޔަކާއިއެކު މަސައްކަތްކުރުމުގައި ބޭނުންކުރަންޖެހޭ އުކުޅުތައް:

- ވާހަކަ ދައްކައިގެން ހައްލު ހޯދުން: ޕްރޮފެޝަނަލް އަދި ބިނާކުރަނިވި ގޮތެއްގައި ތިމާގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަށާށެވެ. ކަމެއްގެ ނިންމުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާއިމެދު ހިތާމަކުރިޔަސް ހައްލެއް ނުލިބޭނެއެވެ. މުހިންމީ ރުޅިއިސްނުކޮށް ޕްރޮފެޝަނަލް ގޮތަކަށް އެކަން ވެރިޔާއާއި އެންމެންގެ ސަމާލުކަމަށް ގެނައުމެވެ.

- އެހީތެރިކަން ހޯދުން: ވަރަށް ގިނަފަހަރު ކަންކަން ދިމާވުމުން އަޅާނުލާދޫކޮށްލެވެއެވެ. އެހެންނަމަވެސް ބައެއްފަހަރު އުދާސްތައް ބޭރުކޮށްލައި ހިތަށް ފަސޭހަކަމެއް ލިބިގަތުމަކީ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމށް ވަރަށް މުހިންމު ކަމަކަށްވެގެންދެއެވެ. އަދި މިގޮތަށް އެކުވެރިޔަކާއި ހިއްސާކޮށްލުމުން އެކަން ހައްލު ކުރުމުގެ އިތުރު ގޮތްތަކެއްވެސް ހޯދިދާނެއެވެ.

- 'ބައުންޑަރީތައް' ކަނޑައެޅުން: ބައުންޑްރީތައް ކަނޑައެޅުމަކީ މާނަކުރެވެނީ އެކަންކަމެއް ވުމަށް ތިބާ ނޭދޭ ކަންކަމުގައި ވަކި އިންތަކެއް ކަނޑައަޅާފައި ބެހެއްޓުމެވެ. ތިމާގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ޓަކައި މިއީ ނުހަނު މުހިންމު ކަމެކެވެ. އިންތައް ފަހަނައަޅައި ހިނގައްޖެނަމަ ވެރިމީހާ ނަމަވެސް އަމިއްލަ ދިފާއުގައި ބަސްބުނަންވާނެއެވެ.

- އެކްސްޓަރނަލް ސަޕޯޓަށް : ޙާލަތު ރަނގަޅު ނުވާނަމަ މަސައްކަތުގެ މާހައުލުގެ ސްޓްރެސްއިން އަރައިގަތުމަށް މަސައްކަތުގެ މާހައުލުގެ ބޭރުން ނުވަތަ ކައުންސެލިންގ ހޯދިދާނެއެވެ.



ވަޒީފާގެ މާހައުލުގައިވެސް އެކިކަހަލަ ކަންކަން ދިމާވާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އަދި މިޒާޖުގެ ގޮތުން އުނދަގޫ މީހުންނާއިއެކުވެސް އުޅެން ދަސްކޮށް އެމީހުންގެ ފަރާތުން އަމިއްލަ ނަފްސަށް ގެއްލުން ލިބިޔަނުދީ ކުރިއަރައިދާށެވެ. އަދި ކޮންމެ ތަނެއްގައި މަސައްކަތްކުރިނަމަވެސް، އަމިއްލަ ނަފްސަށް އިހުތިރާމް ގެއްލޭފަދަ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން