ސައްހަ ލިޔެކިޔުމެއްނެތި ޕާކިސްތާނުގައި ދިިރިއުޅެމުންދާ އަފްޣާނިސްތާން މީހުން އެޤައުމުން ބޭރުކުރުމަށް ޕާކިސްތާން ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުން ވަނީ ލިޔެކިޔުމެއްނެތި އެ ޤައުމުގައި ދިރިއުޅެމުންދާ އަފްޣާނިސްތާނުގެ ރައްޔިތުން ކުރިއަށް އޮތް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ގައުމަށް އެނބުރި ދިއުމަށް އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަފްޣާނިސްތާނަށް އަނބުރާ ނުދާ ފަރާތްތައް ބާރުގެ ބޭނުންކޮށްގެންވިޔަސް ފޮނުވާލާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އެކި ކަހަލަ ކުއްތަކުގައި ޝަރީއަތް ހިންގަމުންދާ މީހުން ފިޔަވައި އެހެން ހުރިހާ އަންޑޮކިއުމެންޓެޑް އަފްޣާނިސްތާން މީހުން ދެނެގަނެ، އެމީހުން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ޕާކިސްތާނުގެ ކަމާއި ބެހޭ އިދާރާތަކުން ކުރަމުންދާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނުގައި ގާތްގަނޑަކަށް 4.4 މިލިއަން އަފްޣާނިސްތާން މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 1.7 މިލިއަން މީހުން ޕާކިސްތާނުގައި ދިރިއުޅެނީ ޤަވާއިދާއި ޚިލާފަށް ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ މި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެގައުމުގެ އިންޓީރިއާ މިނިސްޓަރ ސަރްފްރާޒް ބުގްތީ ވިދާޅުވީ މި އަހަރު ތެރޭގައި ޕާކިސްތާނުގައި ކުރިއަށްގެންދިޔަ ޖާނުން ފިދާވުމުގެ 24 ހަމަލާއެއްގެ ތެރެއިން 14 ހަމަލާއެއް ދީފައިވަނީ އަފްޣާނިސްތާން މީހުންކަމަށެވެ. އަދި މި އަމަލުތައް ހިންގަނީ އަފްޣާނިސްތާނުގެ ތާލިބާނާއި ގުޅުންހުރި ބައެއްކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.

ޕާކިސްތާނުގެ މި ނިންމުމަކީ ބަލައިނުގަނެވޭނެ ފަދަ ނިންމުމެއް ކަމަށް އަފްޣާނިސްތާން ސަރުކާރުން ބުނެފައިވެއެވެ. އަދި ޕާކިސްތާނުގެ ސަލާމަތީ އިންތިޒާމްތަކުގައި ހުރި އުނިކަމަކީ އެ ގައުމުގެ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރީންވެސް ޕާކިސްތާނުން ވަނީ މިފަދަ ހަރަކާތެއްގެ ދަށުން 600،000 އަށްވުރެ ގިނަ އަފްޣާނިސްތާން ރައްޔިތުން އެޤައުމުން ބޭރުކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ "ހިއުމަން ރައިޓްސް ވޮޗް"އިން ބުނީ މިއީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ގިނަ ރެފިއުޖީން ޤައުމަކުން ބޭރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން