ފަލަސްތީނުގެ ބޮޑު ވަޒީރު މަހްމޫދު އައްބާސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ފޯނުން ގުޅުއްވައި ހަނގުރާމައިގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފަލަސްތީނުގެ ބޮޑު ވަޒީރު މަހްމޫދު އައްބާސް ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވީ ހޯމަ ދުވަހުއެވެ. ތުރުކީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާއި ފަލަސްތީނުގައި އެންމެ ފަހުން ހިނގަމުންދާ ކަންކަމާއި އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން ލީޑަރުންގެ މި ފޯނު ކޯލެއްގައި ޚިޔާލު ބަދަލުކުރައްވާފައިވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު އުރުދުޣާން ވިދާޅުވީ ތުރުކީ ދަނީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް ވީހާވެސް އަވަހަކަށް ހަމަޖެހުން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.

ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުރިމަތިލުންތައް ފެށުނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސްއިން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިޒްރޭލަށް ދިން ވަރުގަދަ ރޮކެޓް ހަމަލާތަކާއި ގުޅިގެންނެެވެ. ހަމާސް އިން ބުނީ އެ ހަމަލާއަކީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތަށް އަރާ މީހުންނާމެދު އަނިޔާވެރިކަން އިތުރުވަމުންދާތީ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ.

ބަދަލު ހިފުމުގެ ގޮތުން އިސްރާއީލު ސިފައިން ވަނީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް އޮޕަރޭޝަން ސްވޯޑްސް އޮފް އަޔަންގެ ނަމުގައި ހަނގުރާމައިގެ ހަރަކާތްތައް ފަށާފައެވެ. އެގޮތުން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ގެންދަނީ، ޣައްޒާގެ އެތަން މިތަނަށް ހުއްޓާނުލާ ބޮންއަޅައި، މިސައިލުން ހަމަލާދެމުންނެވެ. އެގޮތުން އާންމުންގެ ގެދޮރާއި، އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކަށްވެސް ބޮންއަޅައި ބިމާހަމަކޮަށް، ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގަމުން އެބަގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ކުޑަކުދިންނާއި، އަންހެނުން އަދި އާންމު އެތައްބަޔަކު ދަނީ ޝަހީދުވަމުންނެެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެއްގަމު މަގުން ވެސް ޣަައްޒާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން މިހާރު ވަނީ ދީފައެވެ. އެގޮތުން މި ހަނގުރާމާގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 704 އަށް އަރާފައެެވެ. އޭގެ ތެރޭގައި ހިމެނެނީ ގާޒާގައި ޝަހީދުވި 687 މީހުންނާއި ހުޅަނގު އައްސޭރީގައި ޝަހީދުވި 17 މީހުންނެެވެ.

ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވެސް ގެންދަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 900 އަށް ވުރެ ގިނަ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަނގުރާމައިގައި ފަލަސްތީނުގެ 123،000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެެއެވެ. އިސްރާއީލުގެ ސަރުކާރުން މިއަދު ވަނީ ޣައްޒާ ބަންދުކޮށް، ޣައްޒާއަށް ފެނާއި، ކާބޯތަކެއްޗާއި އަދި ކަރަންޓުފަދަ ޒަރޫރީ ޚިދުމަތްތައް ހުއްޓާލަން ނިންމިކަން އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން