ދިރާސާތައް ދައްކާގޮތުގައި ކޮންމެ ތިން މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުންނެވެ. 'އޯވާތިންކް' ކުރުމަކީ ކޮބާބާއެވެ؟ މިއީވެސް ކުޑަވަރެއްގެ ނަފްސާނީ މައްސަލައެކެވެ.

އޯވާތިންކް ކުރުން ނުވަތަ ކަންކަމާއި މާ ބޮޑަށް ވިސްނާ ފިކުރު ކުރުމަކީ ބައެއް މީހުންގެ ތޮބީއަތުގައި ހަރުލާފައިވާ ކަމެކެވެ. މިއީ ފައިދާތަކާއި އޭގެން ނޭދެވޭ އަސަރުތައް ވެސް ކޮށްފާނެ ސިފައެކެވެ. އެގޮތުން މާބޮޑު ސަމާލުކަމެއް ލިބެމުންނުދާ އޯވާތިންކް ކުރާ މީހުންގެ ކިބައިގައި ހުންނަ ސިފަތަކުގެ އިތުރުން އެމީހުންނަށް ލިބޭ ފައިދާތަކާއި އުނދަގޫތައްވެސް މި ލިޔުމުގައި ހިމަނާފައިވާނެއެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާދޭ ޑޮކްޓަރުން ބުނާގޮތުގައި މާބޮޑަށް ކަންކަމާއި ވިސްނާ ފިކުރު ކުރުން ހައްދުން ނެއްޓެނީ ދެ ޙާލަތެއްގައެވެ. އެއީ މާޒީގައި ހެދުނު ގޯސްތަކާއި ދޭތެރޭ ވިސްނާ ފިކުރުކޮށް މުސްތަގްބަލުގައި ވާނެ ކަންތައްތައް ހިތަށް އެރުވުމެވެ.

މިކަންތައް ހިސާބަށްވުރެ ގޯސްވާނީ ޑިޕްރެޝަންއާއި އެންގްޒައިޓީއާއި ހަމައަށް ދިއުމުންނެވެ. މިއީ ހުރިހާ ކަމެއްވެސް ފުރިހަމައަށް ކުރަން މަސައްކަތްކުރާ 'ޕާފެކްޝަނިސްޓުންނަށް' ޢާންމުކޮށް ދިމާވާ މައްސަލައެކެވެ. ނުވަތަ ކިތަންމެ ކުޑަ ކަމެއް ހިނގިޔަސް އެކަމުގެ ތަފްސީލުތައް ހޯދާ މީހުންނަށްވެސް ދިމާވާ ކަމެކެވެ.

1- އެހެންމީހުންގެ އުފަލަށް ވިސްނުން

މިފަދަ މީހުންނަށް އެހެން މީހުން ކުރާ ކަންތައްތައް ފަސޭހައިން ދެނެގަނެވެއެވެ. އަދި އެހެން މީހުން ބޭނުންވާ ކަންތައްތައް ދެނެގަނެވެއެވެ.

2- އެމީހުންގެ ސިކުނޑީގައި ހުސްނުވާ ވަރަށް އައިޑިއާތައް ނުވަތަ ޚިޔާލުތައް ހުންނާނެ

މިފަދަ މީހުންނަކީ އަރުމަވެރިކަން (ކަންކަން ހޯދާބެލުމުގެ ޝައުޤުވެރިކަން- ކިޔުރޯސިޓީ) ބޮޑު ބައެކެވެ. މި މީހުން ބޭނުންވާނީ ކޮންމެ ކަމެއްވެސް ވީހާވެސް ތަފާތުކޮށް ކުރާށެވެ. އަދި އައުގޮތްތައް ހޯދާ ދެނެގަނެގެން ނޫނީ އެމީހުންގެ ހިތަކަށް ފިނިކަމެއް އިހުސާސް ނުވާނެއެވެ.

އެހެން ނަމަވެސް، ޚިޔާލުތައް އުތުރިއަރާވަރުން އެމީހުން ކުރަން އުޅޭ ކަމެއް ކުރެވޭނީ ލަސްލަހުންނެވެ. ކުރާ ކަމެއް ގަޑިއަށް ނިންމާލަން ބައެއްފަހަރު ދަތިވެއެވެ. އަދި ކަންތައްތައް ފަސްކުރުމުގެ އާދަވެސް ކަށީގައި ހިފާފައި ހުރެއެވެ.

3- ބިނާކުރަނިވި ފާޑުކިޔުން

ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރު ކުރާ މީހަކު އަނެކާގެ ހުންނަ ސިފަތަކަށް ނުވަތަ ކުރާ ކަންތައްތަކުގައި ހެދޭ ގޯސްތައް ވަރަށް ފަސޭހައިން އަޅައިގަންނާނެއެވެ. އެމީހުންގެ މި އާދައިގެ ސަބަބުން އެހެންމީހުންގެ އިހުސާސްތަކާއި ބޭނުންވާ ކަންތައްތައް ދެނެގަނެވެއެވެ. މިފަދަ މީހުންނަކީ އެހެންމީހުންނަށް ފަސޭހަވެސް ކޮށްދޭ ބައެކެވެ.

4- ބުނެވޭ ކުޑަކުޑަ އެއްޗެއްވެސް ވަރަށް ބޮޑު ކަމަކަށް ހަދާފާނެ

މާ ބޮޑަށް ވިސްނާ ފިކުރު ކުރާ މީހެއް ކައިރީގައި ބައެެއް ފަހަރު ބުނެލެވޭ ޖުމްލަތަކުގެ ނޫނީ ކުރެވޭ ކަމެއްގެ މާނަ އޭނާ ނަގާނީ ތަފާތު ގޮތަކަށެވެ. ފޮރުވިފައި ހުރި މާނައެއް ހޯދޭތޯ މަސައްކަތްވެސް ކުރާނެއެވެ. އެހެންގޮތަކަށް ބުނާ ނަމަ، އެމީހުން ބަލާނީ ތިމާ ކައިރީ ވަށްބަހުން އެ ބުނަނީ 'ކޯޑު' ބަސްތަކެއް ކަމަށެވެ.

5- ބައެއް ފަހަރު އަޑުއަހާ ދޭހަވުމުގެ ކުޅަދާނަކަން ނެތުން

އިނގިރޭސިން ބުނާ ނަމަ 'ޒޯން އައުޓް' ވުން މިއީ މިފަދަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަޑުއަހާ އެއްޗެއްގެ އެއްފަޅި އަޑުއިވޭގޮތް އެ ވަނީ ސިކުނޑީގެ ސަމާލުކަން އެއްފަހަރާ އެކި ކަންކަމަށް ހުއްޓިފައި ހުރުމުންނެވެ.

6- ގޮތް ދޫނުކުރުމާއި ވަކި ކަމެއް ހަނދާން ނުނެތުން

އެމީހުންނަށް ވިސްނޭ ގޮތުގައި ގަދައަށް ވިސްނާ އެކި ޚިޔާލުތައް ހޯދުމުން، ބޭނުންވާ ކަމެއް ހާސިލުވާނެއެވެ. އެހެންކަމުން، ކަންކަމުގެ ތަފާތު ނަޒަރިއްޔާތައް ހޯދާ ބަލާނެއެވެ. ހާސިލުނުވިޔަސް ބޭނުންވާ ކަމެއް ހޯދަން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްފައި ނޫނީ އެމީހުން ކުރަން ހިފާފައި ހުންނަ ކަމެއް ދޫނުކުރާނެއެވެ.

މި ޒާތުގެ މީހަކު ރޮއްވާލި މީހަކު ފަހުން ކިތަންމެ ރަނގަޅުވިޔަސް، އެމީހަކަށް އޭނާގެ ފަރާތުން މައާފެއް ނުލިބޭނެއެވެ. މިފަދަ މީހުން ހިތާމަތަކުން އަވަހަށް އަރައިގަންނާނެއެވެ. އެކަމަކު، އެމީހުންނަކީ ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވިޔަސް، މާޒީގައި ވީ ދެރަކަމެއް، ގެއްލުމެއް ހަނދާން ނައްތާލާނެ ބައެއް ނޫނެވެ.

7- އަމިއްލަ ނަފްސު ކުށްވެރިކުރުން

އަނެކާ ކުށްވެރިކުރުމުގެ އިތުރަށް ތިމާ މީހާގެ ކުށްވެސް ގަބޫލުކުރަން މިފަދަ މީހުންނަށް އެނގޭނެއެވެ. އެކަމަކު، ބައެއް ފަހަރު އަމިއްލަ ނަފްސު ގޯސްކުރުމުގައިވެސް ހައްދުފަހަނައަޅާ ދިއުމަކީ މިފަދަ މީހުންނަށް ދިމާވާ އުނދަގުލެކެވެ. ކިިރިޔާވެސް މައާފަށް އެދެންވާވަރު ކަމެއްގައި މައާފަށް ނުއެދި ހުރުމަކީ އެމީހުންނަކަށް ލާހިކު ކަމެއް ނޫނެވެ.

8- މޫޑް ބަދަލުވުން

ނަފްސާނީ އެހެން މައްސަލަތައް ދިމާވާ މީހުންގެ ތަބީއަތުގައި ބޮޑަށް ފެންނާނީ އާދަޔާ ޚިލާފަށް ރުޅި އައުމާއި ދެރަވުމުގެ މޫޑްތަކެވެ. އެކަމަކު އޯވާތިންކް ކުރާ މީހުންނަކީ މި ދެ ސިފައިގެ އިތުރަށް އެހެނިހެން ސިފަތައްވެސް މަސްހުނިވެފައިވާ ބައެކެވެ.

އެމީހުންގެ "މޫޑް ސްވިންގް"ވެ ނުވަތަ ވަރަށް އަވަސް އަވަހަށް މިޒާޖު ބަދަލުވެއެވެ. އެއް ވަގުތެއްގައި ކަމަކާއި ނުލާ ދެރަވެފައި ހުއްޓަސް އަނެއް ވަގުތެއްގައި އުފާވެފަވެސް ހުރެދާނެއެވެ. ކޮންމެއަކަސް، އެއް ކަމަކާއި މާ ގިނައިރުވަންދެން ދެރަވެ، މޯޅިވެފައި ނުވަތަ ރުޅިއައިސްފައި ހުރުމަށްވުރެ އެމީހުންގެ ސިކުނޑި މާ ބިޒީކަމަށް ވެއެވެ.

7- ރަނގަޅަށް ނުނިދުން'

މިފަދަ މީހުން ރޭގަނޑުގެ ނިދިން މަހުރޫމްވާނެއެވެ. އަދި އެހެން ގަޑިތަކުގައިވެސް ކިތަންމެ ނިދި އަޔަސް، އޭނާގެ ސިކުނޑިީގައި އެނބުރޭ ޚިޔާލުތަކާއި ގުޅިގެން ނިދާކަށް ފުރުސަތެއް ނުލިބޭނެއެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި ނިދާ ބޭހަކުން ނުފުދޭނެއެވެ.

ތިމާއަށް ގެއްލުން ވާ ވަރަށް ކަންކަމާއި ވިސްނާ ފިކުރުކުރެވެންޏާ، އެކަމަކުން އަމިއްލައަށް ދުރުހެލިވާން މަސައްކަތްކުރާށެވެ. އެއީ ތިމާ ކުރާހިތްވާ އެކި ޒާތުގެ ހަރަކާތްތަކުގައި އުޅެގެންނާއި ރަނގަޅު ރަހުމަތްތެރިންގެ އެހީއާއިއެކުއެވެ. އަދި އަމިއްލަ ނަފްސުގެ އުނިކަންތައް ގަބޫލުކޮށް އެއީ މައްސަލައެއް ނޫންކަން ގަބޫލުކުރުމުން ހަށްޓަށް ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

އެހެން ނޫނީ، ނިމުމެއް ނުވާ ސްޓްރެސްގެ ޝިކާރައަކަށް ތިމާ ވާހިސާބަށް ދާނެއެވެ. ނަފްސާނީ ޑޮކްޓަރެއް ކައިރިން ފަރުވާ ނުލިބިއްޖެއްޔާ، މިކަމުގެ ސަބަބުން ސިއްހަތަށްވެސް ގެއްލުން ވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން