އިޒްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގައި ފަލަސްތީނުން ޝަހީދުވީ މީހުންގެ އަދަދު 1203 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ މިއަދު ހެނދުނުގެ ނިޔަލަށް 1203 މީހުން ޝަހީދުވިއިރު 5763 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 60 އިންސައްތަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ ވެރިރަށް ގާޒާގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތައްވެސް ހުސްވަމުންދާ ކަމަށެވެ. އަދި އިޒްރޭލުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެން މިހާރު ސިއްހީ ފަރުވާވެސް ދެވެނީ މަދު ބަޔަކަށް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ހޮނިހިރު ދުވަހުގައި ހަމާސް ޖަމާއަތާއި އިޒްރޭލުގެ ސިފައިންނާއި ދެމެދު ފެށުނު ހަނގުރާމައިގައި އިޒްރޭލުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވަމުން ދަނީ ޢާންމުން އެއްވެ އުޅޭ ތަންތަނަށާއި މީހުންގެ ގެދޮރަށެވެ. މި ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ވަނަސް، އިޒްރޭލުން ޢާންމުންނަށް އަމާންކަމެއް ނުދެއެވެ.

ހަމާސް ޖަމާއަތުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ގާޒާގައި ދިރިއުޅޭ 2.3 މިިލިއަން ރައްޔިތުންނަށް ކާނާއާއި ފެނާއި ކަރަންޓު އަދި ތެލުގެ ސަޕްލައި ނުލިބޭނެ ގޮތް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން