ފަލަސްތީނުގެ ވެރިރަށް ގާޒާގައި ތިބި 1.1 މިލިއަން މީހުން އެރަށުގެ ދެކުނު ސަރަހައްދަށް ބަދަލުވުމަށް އިޒުރޭލުން އަންގައިފިއެވެ.

އދ.އިން ބުނީ އިޒްރޭލް އަސްކަރިއްޔާގެ މި އަމުރަކީ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ އަމަލެއް ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި އެހާ ބައިވަރު މީހުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަކީ އެއީ ނުވާނެ ކަމެއް ކަމަށްވެސް އދ.އިން ބުނެއެވެ.

އިޒްރޭލުން މިގޮތަށް އަމުރުކޮށްފައިވާއިރު، ގާޒާގެ ދެކުނު ސަރަހައްދުގައި 2.3 މިލިއަން މީހުން ދިރިއުޅެއެވެ. ގާޒާގައި ހަރަކާތްތެރިވާ ރިޕޯޓަރުން ބުނާގޮތުގައި އެރަށުގެ ދެކުނު ސަރަހައްދުގައި މުޅި ގާޒާގެ އާބާދީއަށް އެއްކޮށް ދިިރިއުޅެވޭނެ ޖާގައެއްވެސް ނެތްކަމަށެވެ. ގާޒާއަކީ ނިސްބަތުން ތޮއްޖެހިފައިވާ އާބާދީއެއް އޮންނަ ބިން ކުޑަ ރަށެކެވެ.

ހޮނިހިރު ދުވަހުގައި ހަމާސްއާއި އިޒްރޭލު ސިފައިންނާއި ދެމެދު ފެށި މި ހަނގުރާމައަށް 7 ދުވަސް ވީއިރު، މިއަދު އިޒްރޭލުން ވަނީ ގާޒާގެ އުތުރު ސަރަހައްދު ހުސްކުރުމަށް އަމުރުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ގާޒާގެ ރައްޔިތުންނަށް މިގޮތަށް އަމުރުކުރަންޖެހުނީ ގާޒާ ސިޓީގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ. އަދި އެތަނުގައި ދިރިއުޅޭ މީހުންނަށް ގާޒާގެ އުތުރަށް އަނބުރާ އާދެވޭނީ އިޒްރޭލުގެ އަސްކަރިއްޔާއިން އެކަމަށް އަލުން ހުއްދަ ދިނުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "ކުރިއަށް އޮތް ތަނުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާ ސިޓީގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާނެ" ކަމަށެވެ. އަދި "ގާޒާގެ ޢާންމުންނަށް ގެއްލުން ނުވުމަށް އިތުރަށް ސަމާލުކަން ދޭނެ" ކަމަށްވެސް ބުނެފައި ވެއެވެ.

އިޒްރޭލުން މިފަދައިން ބުނެފައިވާ ބުނުމަށް ހަމާސް ޖަމިއްޔާއިން ވަނީ ފާޑުކިޔާފައެވެ. އެގޮތުން، ހަމާސްގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތުދެމުން ބުނީ އެއީ އިޒްރޭލުން "ފޭކް ޕްރޮޕަގަންޑާ" ފެތުރުމަށާއި ރަނގަޅު ބައެއްގެ ގޮތުގައި ދެއްކެން އުޅުމުގެ ތެެރެއިން ދިން އިންޒާރެއް ކަމަށެވެ. ހަމާސްއިން ވަނީ އިޒްރޭލުން މީސްތަކުންގެ ސިކުނޑިއާއި ކުޅެން މަސައްކަތްކުރާ 'ފިކުރީ ހަނގުރާމައަށް' ބޯނުލަނބައި، އުތުރުގައިވާ އަމިއްލަ ބިން ދޫކޮށްފައި ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

އެހެން ނަމަވެސް، އދ.އިން ވަނީ ގާޒާގެ ރައްޔިތުންގެ ތެރޭގައި ޤަތުލުޢާންމު މަދުކުރުމަށް އިޒްރޭލު ސިފައިންގެ އަމުރަށް ކިޔަމަންވުމަށް އެދިފައެވެ. އަދި ފަލަސްތީނުގައި ތިބި އދ.ގެ އެޖެންސީތަކުން ދަނީ ގާޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނާއި އެ އެޖެންސީގެ މުވައްޒަފުން ގާޒާގެ ދެކުނު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 1537 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 500 ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި ހަމަލާތަކުގައި އެއްކޮށް ދިރިއުޅޭ 33 އާއިލާއެއް ޝަހީދުވެފައިވާ ކަމަށްވެސް އެވުޒާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން