ފަލަަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން އަޅަމުންދާ ނުރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ޒަހަމްތަކާއިއެކު ގާޒާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ރައްކާތެރިކަމާއެކު ހޮސްޕިޓަލްތަކުން ނެރުމަށް ހުރަސް އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިވާއިރު، ފަލަސްތީނުގެ ވެރިރަށް ގާޒާގައި ތިބި 1.1 މިލިއަން މީހުން އެރަށުގެ ދެކުނު ސަރަހައްދަށް ބަދަލުވުމަށް 24 ގަޑިއިރުގެ މުހުލަތެއް އިޒުރޭލު ސިފައިން ދިނުމުގެ އިތުރަށް ސިއްހީ އެހީތެރިކަމަށް ބޭނުން ޖެހިފައިފާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށްވެސް އިޒްރޭލު ސިފައިން ދަނީ ހުރަަސްއަޅަމުންނެވެ.

މިކަމާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ގާޒާގެ އުތުރުގެ ސަރަހައްދު ތަކުގެ ހޮސްޕިޓަލްތަކުގައި ބޮޑެތި ޒަހަމްތަކާއިއެކު ހާލުބޮޑުވެފައި ތިބި މީހުންގެ ފުރާނައަށް ނުރައްކާ ނުވާނެގޮތަށް އެމީހުން ހޮސްޕިޓަލްތަކުން ނެރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ހާމަކޮށްފައިވެއެވެ. މީގެއިތުރުން އިޒްރޭލު ސިފައިންގެ އެންގުމާއި އެއްގޮތަށް 24 ގަޑިއިރު ތެރޭގައި 1.1 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދު ދޫކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

"ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ އެތައް ހާސް ބަލިމީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަރަށް ބޮޑަށް ޒަޚަމްވެ، ކްރިޓިކަލް ކެއާ ބޭނުންވާ 100 އަށް ވުރެ ގިނަ މީހުން އެބަތިބި،" ޑަބްލިއުއެޗްއޯގެ ބަޔާނުގައިވެ އެވެ.

"ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ދަތުރުފަތުރުގެ ނިޒާމެއް ނެތި، ހަލާކުވެފައިވާ މަގުތަކުގެ ތެރެއިން، އަދި ހަމަލާތަކުގެ މެދުން ދަތުރު ކުރުމަށް މަޖުބޫރުކުރަމުން ދާއިރު މިއީ ވަރަށްވެސް ނުރައްކާތެރި ހާލަތެއް. ކްރިޓިކަލް ހާލަތުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަގުމަތީ ދޭން ޖެހޭނެ ފަރުވާއެއް ނެތް ދެވޭކަށް. އަދި އެތައް ބަޔަކު ގެތައް ދޫކޮށްދިއުމަށް އަންގާފައިވާއިރު ގެއިން ބޭރަށް ނުކުތުމަށްވެސް ވަނީ ނުރައްކަލަކަށްވެފައި."

ޑަބްލިޔުއެޗްއޯގެ މިބަޔާނުގައި ގާޒާގެ ރައްޔިތުންނަށް އަޅާފައިވާ ހުރަސްތައް ނައްތާލައި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމަށް އިޒްރާއީލަށް ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން