އެއް ޖިންސުން ކައިވެނި ހުއްދަ ނުކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިންޑިއާގެ އެންމެ މަތީ ކޯޓުން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނީ އެއްޖިންސުން ކައިވެނި ކުރުން ޤާނޫނީ ގޮތުން ހުއްދަ ނުކުރެވޭނެ ކަމަށާއި އެފަދަ ޤާނޫނެއް ހެދުމަކީ މަޖިލީހަށް ކުރެވޭނެ ޖަމެއް ނޫންކަމަށް އެޤައުމުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޑީވައި ޗަންދްރަޗުރްދު އިސްފަނޑިޔަރަކަށް އިންނެވި 5 ފަނޑިޔާރުންގެ ބެންޗުން، މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހާ ދެމެދު ބޭއްވި އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު މި ހުކުމް އިއްވާފައި ވަނީ އަންގާރަ ދުވަހުއެވެ.

މި މައްސަލައިގެ ހުކުމް ނިންމާފައި ވަނީ ޗަންދްރަޗުރްދު ހިމެނޭހެން 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަށް ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މޯދީ ސަރުކާރުން ޤަބޫލުކުރާގޮތުގައި އެފަދަ ކަމެއްގެ މައްސަލައެއްގެ ނިންމުން ނިންމަން ޖެހޭނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.

2018 ވަނަ އަހަރުގައި ސުޕްރީމް ކޯޓުން ވަނީ އިންޑިއާގައި އެއް ޖިންސުން ގުޅުން ހިންގުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ނިންމާފައެވެ. އަދި އިންޑިއާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހިިމާޔަތް ދޭ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެކެވެ.

އޭޝިއާގައި އެއް ޖިންސުން ކައިވެނިކުރުން ޤާނޫނީ ގޮތުން ހުއްދަ ކޮށްފައިވަނީ ނޭޕާލާއި ޓައިވާންގައި އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން