މަރިޔަމް ލަމްޙާ ރަޝީދު   18 އޮކްޓޯބަރު 2023 - 14:9
އިންޓެލިޖެންޓު މީހުންނޭ ބުނެވެނީ ވިސްނުންތޫނު، ކަންކަން ހައްލުކުރުމުގެ ޤާބިލުކަން ހުންނަ އަދި މައުލޫމާތު މުއްސަނދި މީހުންނަށެވެ. މިއީ މުޖުތަމައުގައި ގިނަ ބައެއްގެ ލޯބި ލިބޭ އަދި ކަންކަމާއިމެދު ދުރުވިސްނުން ގެންގުޅޭ ތަފާތު ބައެކެވެ. މިފަދަ މީހުންނަކީ ގިނައިން ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި ވަރަށް މަދުން ނޫނީ ބަސްބުނާ ބައެއްކަންވެސް ފާހަގަވާނެއެވެ. އަދި މިފަދަމީހުން ބަސްބުނާ ވަރަށް ރަނގަޅަށް އެކިދާއިރާއަށް ނަޘަރު ހިންގައި ބެލުމަށްފަހުގައިއެވެ. އެހެންކަމުން މިފަދަމީހުން ބުނާ އެއްޗެއްގައި އޮއްޓަރުވެސް ހުންނާނެއެވެ.

ތިމާއަކީ މިފަދަ ދުރުވިސްނޭ މީހެއްތޯ ބެލުމަށް އެފަދަ މީހުންގެ ކިބައިންފެނިދާނެ، ތިރީގައި މިބަޔާންކުރާ ސިފަތައް ތިމާގެ ގައިގައި ހުރިތޯ ބަލާލާށެވެ.

1. ހަނދާންގަދަވުން:

ކަންކަން ދިމާވާގޮތް އެވީގޮތާއި ވަގުތާއި ތާރީޚުފަދަ ކަންކަން ވަރަށް ތަފްސީލްކޮށް ތިބާގެ ހަނދާނުގައި ހުރޭހެއްޔެވެ؟ ވިސްނުން ތޫނު މީހުންގެ ސިކުނޑިއަކީ ގިނަ މައުލޫމާތުތަކެއް ރައްކާކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ސިކުނޑިތަކެކެވެ. އެމީހުން ކިޔާ ފޮތްތަކުގެ މައުލޫމާތުތައްވެސް ގިނަ ދުވަހަށް ސިކުނޑީގައި ހަރުލާފައި ހުންނަނީ އެހެންވެގެންނެވެ.

2. އަވަހަށް ދަސްކުރުމުގެ ހުނަރު:

އެކި މީހުންނަށް ކޮންސެޕްޓެއް ކިޔައިދިނުމުން ނުވަތަ ކަމެއްގެ މައުލޫމާތާއި ކަމެއް ކުރަންވީގޮތް ކިޔައިދިނުމުން ނަގައިގަނެވޭނީ އެކި ސްޕީޑްގައެވެ. ބައެއް މީހުންނަށް ކަންކަން ދަސްކުރަން ވަގުތު ނަގާއިރު އެއްފަހަރު ކިޔާދިނުމުން ކަންކަން ނަގައިގަނެވޭ މީހުންވެސް އުޅެއެވެ. އެ ބުނާ އެއްޗެއް ސިކުނޑިއަށް އަވަހަށް ނަގައިގަންނަ މީހުންނަކީ އެބުނާ 'އިންތެލިޖެންޓް' މީހުންނެވެ. އަދި މިމީހުންނަކީ މައުލޫމާތު އެއްކުރުމަށާއި އައު ކަންކަން ދަސްކުރުމަށް ބޭނުންވެ އެކަންކަމުގައި އަބަދުވެސް މަސައްކަތްކުރާ ބައެއްކަމުގައި ވަނީ އެހެންވެގެންނެވެ. އައުކަމެއް ދަސްނުކުރާނަމަ އެމީހުންނަށް އެމީހުންގެ ސިކުނޑި ހުސްކޮށްހުންނަ އިހުސާސްކުރެވި ފޫހިވެއެވެ.

3. އެކިގޮތްގޮތަށް ވިސްނުން:

ތަފާތު އެކި ދާއިރާތަކުން ވިސްނުމަކީވެސް 'އިންޓެލިޖެންޓް' މީހުންގެ ސިފައެކެވެ. އެމީހުންގެ ކުރިމައްޗަށް ކަމެއްގެ ހައްލު ހޯދުމަށް ގެންނައިރު އެކަން ހައްލު ކުރުމަށް އެންމެ ދާއިރާއަކުން ވިސްނުމުގެ ބަދަލުގައި އެކިއެކި ދާއިރާއިން ވިސްނައި އެކަމަކަށް ތަފާތު އެކި ހައްލުތައް ހޯދައިދޭނެއެވެ. އެއީ ކަންކަމާއިމެދު ފުންކޮށް ވިސްނުމުގެ ހުނަރު ހުރުމާއެކު އެމީހުންގެ މައުލޫމާތު މުއްސަނދިވުމުގެ ސަބަބުން އެކިއެކި ކަންކަމަށް އެމީހުންގެ ލޯހުޅުވިފައި ހުރުމުން ނޫނީ ނުވާނެ ކަމެކެވެ.

4. ކަންކަން ހޯދައި ދެނެގަތުމަށް އަބަދުމެ ބޭނުންވުން:

އެމީހުންނަކީ ހުހަށް ތިބުން ބޭނުންވާ ބައެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގެ މައުލޫމާތު އެއްކުރުމާއި އެކިއެކި ކަންކަން ހައްލު ކުރާނެ ގޮތްތަކާއި ބެހޭ މަޝްވަރާ ކުރުމަކީ އެމީހުންނަށް ވަރށް މުހިންމު ކަމެކެވެ. އެހެންކަމުން އަބަދުވެސް މިފަދަ މީހުންނަކީ ދުނިޔޭގައި ހިނގާ ކަންކަމަށް ލޯހުޅުވިފައިތިބޭ ބައެއް ކަމުގައި ތިބާއަށް ފެނިގެންދާނެއެވެ.

5. ކަންކަމަށް ސަމާލުކަން ދިނުމާއި 'ފޯކަސް'ކުރުން:

މިފަދަ މީހުންނަށް ވަކި ކަމެއް ކުރުމަށް ހަވާލުކޮށްފިނަމަ އެންމެ ފުރަތަމަ ކަމަކަށް އެކަމާއިބެހޭގޮތުން އެކިގޮތްގޮތަށް ވިސްނަންފަށާނެއެވެ. އަދި މިފަދަ މީހުން ކަންކަމަށް ހުންނަ ސަމާލުކަން ގެއްލުވާލުމަކީ އެހެން މީހުންނަށްވެސް އުނދަގޫކަމަކަށްވާނެކަން ފާހަގަކުރެވޭނެއެވެ. އެމީހުންގެ ވިސްނުން ހުންނާނީ އެހަވާލުކުރެވުނު ޓާސްކު ނިންމާނެ ގޮތްތަކާއިމެދުއެވެ. އާދައިގެ މީހުންނަށް މިފަދައިން ކަމަކަށް ގިނަވަގުތު ހޭދަކޮށް ހައްލު ހޯދުމަށް އުޅޭއުޅުމުގައި އެކަން މަތިން ފޫހިވެ މުޅިން އެކަން މުޅިން ދޫކޮށްލާ ހިސާބަށް ހިނގައިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން