ސްޕެއިން ދައުލަތުގެ އިސްވެރިން ހަމާސްއަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަތައް އެޤައުމުން ދޮގުކޮށްފިއެވެ.

ސްޕެއިންއިން މިގޮތަށް ވާހަކަދެއްކީ އެޤައުމުގެ ސޯޝަލް ރައިޓްސްއާއި ބެހޭ ވަޒީރު ލޯން ބެލައްރާ އިޒްރޭލަށް ފާޑުވިދާޅުވުމުން އެކަމާއި އިޒްރޭލުން ނުރުހުން ފާޅުކުރުމާއި ގުޅިގެންނެވެ. ޕޮޑެމޯސް ޕާޓީގެ ލީޑަރ، ބެލައްރާ ވަނީ އިޒްރޭލަކީ އިންސާނީ ނަސްލު ނައްތާލަން އުޅޭ ޤައުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމައިގައި ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާއާއި އެއްކޮށް ސްޕެއިންގެ އީކުއަލިޓީ މިނިސްޓަރ އައިރީން މޮންޓެރޯއާއި ސްޕެއިންގެ އެކްޓިންގ ކޮންޒިއުމާ އެފެއާޒް މިނިސްޓަރ އަލްބެރްޓޯ ގާޒޯންވެސް ވަނީ ފަލަސްތީނު ރައްޔިތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

"އިޒްރޭލުން ފަލަސްތީނުގެ ޢާންމުންނާއި ދެކޮޅަށް ހިންގާ އަނިޔާޥެރިކަމަކީ ކަނޑައެޅިގެން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވުން. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އިޒްރޭލުގެ ވެރިން ހާޒިރު ކުރަން އެބަޖެހޭ." ގާޒޯން ވިދާޅުވެފަވެއެވެ.

ވަޒީރުންގެ މި ޚިޔާލުތަކާއި ގުޅިގެން މެޑްރިޑްގައި ހުންނަ އިޒްރޭލުގެ އެމްބަސީން ވަނީ "ސްޕެއިންގެ ބައެއް ވަޒީރުން ދައްކާ ވާހަކަތަކުން ސްޕެއިންގައި ތިބި ޔަހޫދީންނަށް ނުރައްކާވެދާނެ" ކަމަށް ބުނެފައެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު އެކަން ކުށްވެރިކުރުމަށް އިޒްރޭލުގެ އެމްބަސީން ގޮވާލާފައި ވެއެވެ. މިކަމުގެ ރައްދުގައި ސްޕެއިން ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލު އެމްބަސީން ސްޕެއިންގެ ވަޒީރުން ދެއްކެވި ވާހަކަތަކަށް "އިތުރުފުޅު ހެއްދެވި" ކަމަށް ބުނެފައެވެ.

"ސްޕެއިން ފަދަ ފުރިހަމަ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީއެއްގެ މަންދޫބެއްގެ ގޮތުގައި ކޮންމެ ސިޔާސީ ލީޑަރަކަށްވެސް މިނިވަންކަމާއެކު އެބޭފުޅެއްގެ ޚިޔާލުތައް ފާޅުކުރެއްވޭނެ،" ސްޕެއިން އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އިޒްރޭލަށް އެޤައުމުގެ ޢާންމުން ދިފާއުކުރުމުގެ ޙައްޤުގެ ބޭނުން ކުރެވެން ޖެހޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުނުވާ ގޮތަށް ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް ބޭރު ޤައުމުތަކުން ފޮނުވާ އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށްވެސް ސްޕެއިން ސަރުކާރުން ބުނެފައި ވެއެވެ. އަދި ފަލަސްތީނުގެ ޢާންމުންނަށް ގެއްލުން ދެވިގެން ނުވާނެ ކަމަށްވެސް ސްޕެއިން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން