ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ރަހީނުކުރި އިޒްރޭލުގެ ދެ ރައްޔިތުން މިނިވަންކުރަން އެޤައުމުން އެއްބަސް ނުވި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހަމާސްއާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ރަހީނުކުރި 2 މީހަކު މިނިވަންކުރަން އިޒްރޭލުން އެއްބަސްނުވީ އެއީ "ހަމާސްގެ ދޮގު ޕްރޮޕަގަންޑާ" އެއް ކަމަށް ބުނެ ކަމަށެވެ.

ހުކުރު ދުވަހު ހަމާސްއިން ވަނީ އިޒްރޭލު ބިމުން ރަހީނުކުރި އެމެރިކާގެ 2 ރައްޔިތުން މިނިވަންކޮށްފައެވެ. އެކަން އެގޮތަށް މަގުފަހިވީ ގަތަރު މެދުވެރިވެގެން ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ. ހަމާސްއިން ބުނީ ހަމަ އެދުވަހު އެމެރިކާގެ 2 ރައްޔިތުންނާއި އެއްކޮށް އިޒްރޭލުގެ 2 ހޮސްޓޭޖެއް މިނިވަންކުރުމަށް ކުރެވުނު މަޝްވަރާތަކަށް އިޒްރޭލުން އިންކާރު ކުރި ކަމަށެވެ.

"އަޅުގަނޑުމެން ކުރީ ދުވަހު ގަތަރުގެ އަޚުންނަށް އަންގާފައި އޮތީ އިންސާނީިއްޔަތަށްޓަކައި ބަދަލުގައި އެއްވެސް ކަމަކަށް ޝަރުތު ނުކޮށް ނޫރިތު ޔިތުޝާކް އާއި ޔޮޚެފެޑް ލިފްޝިޓްޒް ދޫކޮށްލާނެ ކަމަށް. ނަމަވެސް އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރުން އެކަން ބަލައިގަތުމަށް ދެކޮޅު ހެދި،" ހަމާސްގެ އޮފިޝަލެއް ޢާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވެއެވެ. އެހެންނަމަވެސް، މިކަމާއި ގުޅޭގޮތުން ގަތަރުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ "ހަމާސްގެ ދޮގު ޕްރޮޕެގެންޑާއަކަށް އަހަރެމެން އަމަލު ނުކުރާނެ. އަހަރެމެންގެ ރަހީނުކޮށްފައިވާ އަދި ގެއްލިގެން ހޯދަމުންދާ ހުރިހާ މީހުން ގެއަށް އަނބުރާ ގެނައުމަށް ހުރިހާ ގޮތަކުން މަސައްކަތް ކުރަމުން ގެންދާނަން،" ކަމަށެވެ.

އޭގެ ފަހުންވެސް ހަމާސްއިން ވަނީ ހުކުރު ދުވަހު އެމެރިކާއަށް ނިސްބަތްވާ ދެމައިން މިނިވަންކުރި ފަދައިން އިޒްރޭލުގެ 2 ރައްޔިތުން މިނިވަންކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

"އަޅުގަނޑުމެން ހުށަހަޅާފައި މިވަނީ ހަމައެކަނި އިންސާނިއްޔަތަކަށްޓަކައި ޙާލަތު ގޯސްކޮށް ތިބި އަސީރުން ހަވާލުކުރަން. އަޅުގަނޑުމެން ބޭނުންވީ އެމީހުންގެ އާއިލާތަކާ ހަވާލުކުރަން. އެކަމަކު އިޒްރޭލު ސަރުކާރުން މީހުން މިނިވަންކުރުމާއި ދޭތެރޭ ސީރިއަސްއެއް ނޫން. ހިތާމައަކީ އިސްރާއީލުގެ ސަރުކާރުން އެމީހުން އަނބުރާ ޤައުމަށް ގެންދަން ދެކޮޅު ހެދިކަން." ހަމާސްއިން ބުނެފަވެއެވެ.

އޮކްޓޫބަރ 7 ގައި އިޒްރޭލުގެ އަވަށަކަށް ދިން ހަމަލާއެއްގައި ހަމާސްއިން ވަނީ އިޒްރޭލުގައި ތިބި 210 ޢާންމުން ރަހީނުކޮށް ޣައްޒާއަށް ގެންގޮސްފައެވެ. ޣައްޒާގައި އެމީހުން ބައިތިއްބާފައި ތިބި ތަނެއް ހަމާސްއިން ޢާންމުކޮށްފައެއް ނުވެއެވެ.

ހަމާސްއިން ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެން ގައުމުތަކުގެ މީހުން އަދި އިޒްރޭލުގެ ސިފައިން ހިމެނެއެވެ. މިކަމުގެ ރައްދުގައި އިޒްރޭލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން