އިޒްރޭލުން ފަތުރާ ދޮގު ޕްރޮޕަގަންޑާގެ އިޝްތިހާރުތައް ކުޑަކުދިން ކުޅޭ "އެންގްރީ ބާޑްސް" ފަދަ މަޤްބޫލު ގޭމުތަކުގެ ޕޮޕްއަޕް އިޝްތިހާރުތަކުންވެސް ފެންނަ ކަމަށް މީޑިއާ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ.

"ޕޮލިޓިކޯ"'އިން ވަނީ މިކަން ފާހަގަކޮށް ގޫގަލްގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. މިފަދަ އިޝްތިހާރުތަކުގައި އެކުލެވެނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ބިރުވެރި ބައެއްކަން އަންގައިދޭ ފަދަ ކޮންޓެންޓް ތަކެކެވެ. އަދި އެ އިޝްތިހާރުތަކުގައި ގްރެފިކް ނުވަތަ ލާއިންސާނީ އަމަލުތައް ދައްކުވައިދޭ ކޮންޓެންޓް ގެނެސްދޭކަން ގޫގަލްގެ ސަމާލުކަމަށްވެސް ގެނެސްފައި ވެއެވެ.

ޢާންމުކޮށް މި ވީޑިއޯތަކުގައި ދައްކަނީ ހަމާސްއިން މީހުން މަރާކަމަށް ބުނާ ވާހަކަތަކާއި އިޒްރޭލުން އެކަަމަށް ރައްދު ދޭކަމަށް ބުނާ ވާހަކަތަކެވެ. މަންމައަކު ވަނީ އޭނާގެ ދަރިފުޅަށް ގޭމް ކުޅުމުގެ ތެރެއިން މިފަދަ އިޝްތިހާރެއް ފެނިގެން އަސަރުކުރިކަމުގެ ވާހަކަ ބުނަމުން ޓްވިޓާގައި ޝަކުވާވެސް ކޮށްފައެވެ.

އެއަށްފަހު، އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ އޭގެ ބަދަލުގައި ކުޑަކުދިންނާއި ގުޅޭ ބެކްގްރައުންޑްތަކަށް ތައްޔާރުކުރެވޭ އެޑްތަކުގައި ހަމާސްއަކީ ނިރުބަވެރި ބައެއް ކަމާއި އިޒްރޭލު ރައްޔިތުން ގަތުލުކުރާކަމަށް ލިޔެފައެވެ. އެކަން ގޫގަލްގެ ސަމާލުކަމަށް ގެނައުމުން އެކުންފުނިން ބުނީ ކުންފުނީގެ ޤަވާއިދުތަކާއި ޚިލާފު ކޮންޓެންޓް ގެނެސްދީފައި ނުވާ ކަމަށެވެ.



ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުން ދަނީ އެޤައުމުގެ ޕްރޮޕަގަންޑާ ފަތުރަން އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަމުންނެވެ. ޔޫޓިއުބާއި ޓްވިޓާ ފަދަ އެކިއެކި މީސް މީޑިއާ މަންސަތަކުގައި މިފަދަ ޕްރޮޕަގަންޑާ ފަތުރާތީ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ޝަކުވާވެސް ކޮށްފައެވެ.

މި އިޝްތިހާރުތައް އެންމެ ބޮޑަށް އަމާޒުކުރެވިފައިވަނީ ހުޅަނގުގެ ޤައުމުތަކަށެވެ. ޕޮލިޓިކޯއިން ބުނާ ގޮތުގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ މިފަދަ 75 އިޝްތިހާރެއް ޔޫޓިއުބަށް ދޫކޮށްލާފައެވެ.

އިނގިރޭސި ނޫސްވެރިޔާ ސޯފިއާ ސްމިތް ގޭލަރ ކުރި ތަހުލީލަކުން ދެއްކިގޮތުގައި އެހުރިހާ އިޝްތިހާރު ޔޫޓިއުބްގައި ދައުރުކުރުމަށް އިޒްރޭލުން ވަނީ 7.1 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އިޒްރޭލުން އެކްސްގައި ދައުރުކުރި 30 ވީޑިއޯއެއް ހުޅަނގުގެ ޒުވާނުންނަށް އަމާޒުކޮށްފައި ވާކަން މި ހޯދުތަކުން ހާމަވެއެވެ. އެވީޑިއޯތަކުގައި އިޒްރޭލުން ވަނީ ހަމާސްއާއި ހައްދުފަހަނައަޅާފައިވާ ގްރޫޕެއް ކަމުގައިވާ އައިސިސް ޖަމާއަތާއި އެއްފަދަކޮށްފައެވެ.

އޭގެތެރެއިން އެއް ވީޑިއޯއެއްގައިވަނީ ޕިކަޕެއްގެ ތެރޭގައި މަރާލެވިފައިވާ ބަރަހަނާ ޙާލުގައި އިން އަންހެނެއް ތަމްސީލުވާ ފޮޓޯއެއްވެސް ދައްކައެވެ. މިފަދަ ވީޑިއޯތައް ބަލާފައި ހަމާސްއާއި އައިސިސްއާއި އެއީ އެއްބައެއްގެ ގޮތުގައި ހުޅަނގުގެ އޯޑިއެންސަށް ޤަބޫލުކުރެވޭ ވަރަށް އިޒްރޭލުން ވަނީ ދޮގު ޕްރޮޕަގަންޑާ ފަތުރާފައެވެ.

އިޒްރޭލުން ވައިގެ މަގުން ޣައްޒާއަށް މެދުނުކެނޑި ހަމަލާދީ ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރަމުންދާ ނަންޒަރުތައް ފޮރުވުމަށް އެޤައުުމުން ދަނީ މީސް މީޑިއާގައި ހަގީގަތް އޮޅުވާލުމަށް ފިކުރީ ހަނގުރާމައެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން