ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މައްސަލައިގެ ތަހުގީގު ފުރިހަމަނުވެ އޮތީ ޑީއެންއޭ ރިޕޯޓްތައް ނުލިބޭތީ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އިއްޔެ ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ނުވަނީ ޑީއެންއޭ ރިޕޯޓްތައް އަދި ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު ހަ މަސް ދުވަސްވެފައިވާ އިރު، ޕީޖީ އޮފީހުން ގެންދަނީ ތަހުގީގުގެ މުއްދަތު ފުލުހުންނަށް ކޮންމެ 15 ދުވަހަކުން އިތުރުކުރަމުންނެވެ.

ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެރަށަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ) އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދާފައި ވަނީ މި މައްސަލައިގައި ހައްޔަރު ކުރި އެކަކު ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ޝައްކު ކުރެވޭ ތޫނު 2 ހަތިޔާރާއި ހަމަލާ ދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެ ތަކެތި ނަގާފައި ވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދައިލުމަށްފަހު ފަސްއަޅައި ފޮރުވާފައިވަނިކޮށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި، ނ. މަނަދޫގެ ގިނަ ބައެއްގެ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން